ސައުލް ފަހުވަގުތު ކާމިޔާބުކުރި ލަނޑާއެކު ވިލަރެއާލް ބަލިކޮށް އެތްލެޓިކޯ ހަތަރުވަނައަށް
ހަސަން ޝަމްއޫން
4/2/2024, 4:09:32 AM
ސައުލް މެޗުގެ ފަހުވަގުތު ވިލަރެއާލް ކޮޅަށް ލަނޑުޖެހުމަށް ފަހު މޮރާޓާ އާއެކު އުފާފާޅުކުރަނީ
ސްޕެނިޝް ލަލީގާގައި ހޯމަ ދުވަހުގެ ރޭ ރަށުން ބޭރުގައި ވިލަރެއާލް އާއި ދެކޮޅަށް ކުޅުނު މެޗުގެ ފަހުވަގުތު ކާމިޔާބުކުރި ލަނޑާއެކު 2-1 ގެ ނަތީޖާއަކުން މޮޅުވެ އެތްލެޓިކޯ މެޑްރިޑުން ލީގު ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ އެތްލެޓިކޯ މެޑްރިޑުންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 9 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ބެލްޖިއަމް މިޑްފީލްޑަރު އެކްސެލް ވިޓްސެލް އެވެ.
މިއީ އެޓީމަށް ލިބުނު ކޯނަރެއްގައި ފޯވާޑް ރޮޑްރީގޯ ރިކުލްމޭ ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.
ނަމަވެސް ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން އެތްލެޓިކޯ މެޑްރިޑް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފުގައި ވިލަރެއާލް އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފު ފެށިގެން ފަސްވަނަ މިނެޓްގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.
މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ނޯވޭގެ ފޯވާޑް އެލެކްސެންޑާ ސޯލޯތް އެވެ. މިއީ އެޓީމުގެ ފޯވާޑް ޖެރާޑް މޮރޭނޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އެތްލެޓިކޯ މެޑްރިޑްގެ ޕެނަލްޓީ އޭރިއާ ރޮނގުމަތީހުރެ ތިރިތިރިން ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
މިމެޗުން އެތްލެޓިކޯ މެޑްރިޑް މޮޅުވި ލަނޑު ދެވަނަ ހާފުގެ 87 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިޑްފިލްޑަރު ސައުލް އެވެ. މިއީ އެޓީމުގެ ތަޖުރިބާކާރު ޑިފެންޑަރު އަޒްޕިލިކުއެޓާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން އެތްލެޓިކޯ މެޑްރިޑް ކުރީގައި އޮވެގެންނެވެ.
މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 30 މެޗުން އެތްލެޓިކޯ މެޑްރިޑަށް 58 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ ހަތަރުވަނައިގައެވެ. އަދި މިމެޗުން ބަލިވި ވިލަރެއާލުން ލީގުގައި ކުޅުނު 30 މެޗުން 38 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ 10 ވަނައިގައެވެ.