
އަލްޖަޒީރާ
އިސްރާއީލުގައި އަލްޖަޒީރާ ބްރޯޑްކާސްޓުކުން ހުއްޓުވާލަން ނިންމައިފި އެވެ.

މިކަން ހުއްޓުވަން ނިންމާފައިވަނީ މިއަދު ޔަހޫދީންގެ މަޖިލީހުގައި މިއަދު ފާސްކުރި ބިލަކާއި އެކުގައި އެވެ. އެބިލަކީ އެގައުމުގައި ހަރަކާތްތެރިވާ މީޑިއާތައް ހުއްޓުވުމުގެ ބާރު ސަރުކާރަށް ވަރަށް ބޮޑަށް ލިބިދޭ ބިލެކެވެ. މި ބިލު އިސްރާއީލުގެ މަޖިލިސް ( ނެސެޓަށް ) ހުށަހެޅީވެސް އަލްޖަޒީރާއިން އިސްރާއީލުގައި ބްރޯޑްކާސްޓްކުރުން ހުއްޓުވުމުގެ ބާރު ސަރުކާރަށް ދިނުމަށެވެ.
އޭއެފްޕީ އާއި ޓައިމްސް އޮފް އިޒްރޭލުން ބުނި ގޮތުގައި ނަތަންޔާހޫ ވަނީ ނެސެޓުން އެ ބިލް ފާސްކުރުމާއި އަލްޖަޒީރާ ބަންދުކުރުމަށް ވަގުތުން ފިޔަވަޅު އަޅާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ.
ބިލް ފާސްވެގެންދިޔުމާއި އެކު ޔަހޫދީންގެ ކޮމިއުނިކޭޝަން މިނިސްޓަރު ޝްލޯމޯ ކާހީ ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި އަލްޖަޒީރާ ބަންދުކުރެވިގެން ދާނެކަމަށް ބުނެފައި އެވެ.
މި ބިލް ފާސްކުރުމާއި އެކު ވައިޓް ހައުސްގެ ތަރުޖަމާނު ކެރިން ޖީން ޕިއެރޭ ވަނީ އަލްޖަޒީރާއިން އިސްރާއީލުގައި ހިންގަމުންދާ އޮޕަރޭޝަންތައް ހުއްޓުވުމަށް ނަތަންޔާހޫ ކުރަމުން ދާ މަސައްކަތްތަކާއި މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
އިސްރާއީލުގެ ނެސެޓުގައި ތިބި ފަލަސްތީނުގެ މެމްބަރުން ވަނީ މި ބިލާއި ދެކޮޅަށް ވޯޓުދީ އަޑުވެސް އުފުލާފައި އެވެ.