ރޮޑްރީގޯ ގެ ދެލަނޑާއެކު ރެއާލް މެޑްރިޑުން 8 ޕޮއިންޓަށް ލީޑު ފުޅާކޮށްފި
ހަސަން ޝަމްއޫން
3/31/2024, 11:27:37 PM
ރޮޑްރީގޯ އެތްލެޓިކް ބިލްބާއޯ ކޮޅަށް ލަނޑުޖެހުމަށް ފަހު އުފާފާޅުކުރަނީ
ސްޕެނިޝް ލަލީގާގައި އާދިއްތަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި 2-0 ގެ ނަތީޖާއަކުން އެތްލެޓިކް ބިލްބާއޯ އަތުން މޮޅުވެ ރެއާލް މެޑްރިޑުން ލީގު ތާވަލުގެ އެއްވަނައިގައި 8 ޕޮއިންޓަށް ލީޑު ފުޅާކޮށްފި އެވެ.
ސަސްޕެންޝަނުގެ ސަބަބުން ރެއާލްގެ އެންމެ މުހިންމު ފޯވާޑް ވިނީޝިއަސް ޖޫނިއަރ އާއި ނުލައި އެޓީމުން ކުޅުނު މިމެޗުގެ ފުރަތަމަ ހާފު ފެށިގެން 8 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ.
މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ފޯވާޑް ރޮޑްރީގޯ އެވެ. މިއީ އެޓީމުގެ މޮރޮކޯ ފޯވާޑް ބްރަހީމް ޑިއާޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި ބިލްބާއޯގެ ޕެނަލްޓީ އޭރިއާ ބޭރުން ކައިރީގައި ތިބި ތިން ކުޅުންތެރިން ކައިރިން ނައްޓާލުމަށް ފަހު ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން ރެެއާލް މެޑްރިޑް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އަދި މިމެޗުގައި ރެއާލް މެޑްރިޑުން ލީގު ފުޅާކުރި ލަނޑު ދެވަނަ ހާފުގެ 73 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ވެސް ރޮޑްރީގޯ އެވެ.
މިއީ އެޓީމުގެ އިގިރޭސި މިޑްފީލްޑަރު ބެލިންހަމް ތަނަވަސްކޮށްދިން ފުރުސަތެއްގައި ބޯޅައާއެކު ބިލްބާއޯ ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ ކައިރީގައި ހުރި ކުޅުންތެރިއާ ކައިރިން ނައްޓާލުމަށް ތިރިތިރިން ފޮނުވާލި ބޯޅަ ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިއީ މިސީޒަނުގައި ލީގުގައި ކުޅުނު 30 މެޗުގައި ރޮޑްރީގޯ ކާމިޔާބުކުރި 10 ވަނަ ލަނޑެވެ.
މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ކުރީގައި އޮވެގެންނެވެ. އަދި މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 30 މެޗުން ރެއާލް މެޑްރިޑަށް 75 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ 8 ޕޮއިންޓްގެ ލީޑަކާއެކު ލީގު ތާވަލުގެ އެއްވަނައިގައެވެ. އަދި މިމެޗުން ބަލިވި އެތްލެޓިކް ބިލްބާއޯ އިން ލީގުގައި ކުޅުނު 30 މެޗުން ލިބުނު 56 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ ހަތަރުވަނައިގައެވެ.