ޗެންޕިއަން މެންޗެސްޓާ ސިޓީ އާއި އެއްވަރުވެ، އާސެނަލް އިން ފުރުސަތު ނަގާލައިފި
ހަސަން ޝަމްއޫން
4/1/2024, 2:44:44 AM
އާސެނަލް އާއި މެންޗެސްޓާ ސިޓީ ވާދަކުރި މެޗުގެ ތެރެއިިން
އިގިރޭސި ޕްރެމިއާ ލީގުގައި އާދިއްތަ ދުވަހުގެ ރޭ ރަށުން ބޭރުގައި ޗެންޕިއަން މެންޗެސްޓާ ސިޓީ އާއި އާސެނަލް ވާދަކުރި މެޗު 0-0 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެ، ލީގު ތާވަލްގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފިއެވެ.
މިދެޓީމު އެންމެ ފަހުން އާސެނަލްގެ ދަނޑުގައި ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން އެޓީމުން ކާމިޔާބުކޮށްފައިވާއިރު، މިމެޗުން މޮޅުވެ އެއްވަނައިގައި އޮތް ލިވަޕޫލާއި އެއް ޕޮއިންޓަށް ކައިރިއަށް ޖެހިލުމުގެ ފުރުސަތު މެންޗެސްޓާ ސިޓީ އަށް ވެސް އޮތެވެ.
މެޗުގެ ފުރަތަަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ މެންޗެސްޓާ ސިޓީ އިން މެޗު ޑޮމިނޭޓުކުރި ނަމަވެސް، ކައުންޓާ އެޓޭކުތަކުގައި އާސެނަލް އިން ވެސް ވަނީ ސިޓީގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައެވެ. ނަމަވެސް ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފުގައިި ވެސް ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ މެޗު ޑޮމިނޭޓުކުރީ މެންޗެސްޓާ ސިޓީ އިންނެވެ. އަދިި މިހާފުގައި ސިޓީގެ މުޅި ޓީމު އެއްކޮށް ކުރިއަށްޖެހި ލަނޑެއްޖެހޭތޯ ވަރަށް މަސައްކަތް ކުރި ނަމަވެސް އާސެނަލްގެ ޑިފެންޑަރުން ވަނީ ރޭވުންތެރިކަމާއެކު އެޓީމުގެ ހަމަލާތައް ހުއްޓުވުމުގައި މޮޅު ޑިފެންސިވް ކުޅުމެއް ދައްކަދީފައެވެ.
މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ. އަދި މިނަތީޖާއާއެކު ލީގުގައި ކުޅުނު 29 މެޗުން އާސެނަލް އަށް 65 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ ދެވަނައިގައެވެ. އަދި މިމެޗުން ލިބުނު އެއް ޕޮއިންޓާއެކު ލީގުގައި ކުޅުނު 29 މެޗުން މެންޗެސްޓާ ސިޓީއަށް 64 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ ތިންވަނައިގައެވެ.
ލީގުގައި ސިޓީއަށް ދެން އެންމެ އަވަހަށް އޮތީ އޭޕްރިލް މަހުގެ ހަތަރުވަނަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި އެސްޓަން ވިލާ އާއި ދެކޮޅަށް ކުޅޭ މެޗެވެ. އަދި އާސެނަލް އިން އޭޕްރިލް މަހުގެ ތިންވަނަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ނުކުންނާނީ ލޫޓަން އާއި ދެކޮޅަށެވެ.