logoEN
cocacola

އަލް ތާއީ ކޮޅަށް ލަނޑުޖެހުމަށް ފަހު އަލް ނަސްރުގެ ކުޅުންތެރިން އުފާފާޅުކުރަނީ

ސައުދީ ޕްރޮފެޝަނަލް ލީގުގައި ހޮނިހިރު ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި އަލް ތާއީ އާއި ދެކޮޅަށް ކުޅުނު މެޗު 5-1 ގެ ތަފާތުބޮޑު ނަތީޖާއަކުން އަލް ނަސްރުން ކާމިޔާބުކޮށްފިއެވެ.

ގޮސިޔާ

އިންޓަނޭޝަނަލް ބްރޭކަށް ފަހު އަލް ނަސްރުން ކުޅުނު ފުރަތަމަ މެޗުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު މި މެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ އަލް ނަސްރުން ނެވެ. މިލަނޑު ފުރަތަމަ ހާފުގެ 20 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޕޯޗުގަލް މިޑްފިލްޑަރު އޮޓާވިއޯ އެވެ.

މިއީ އެޓީމުގެ ޒުވާން މިޑްފިލްޑަރު އަބްދުއްރަހްމާން ގަރީބް ތަނަވަސްކޮށްދެއްވި ފުރުސަތެއްގައި ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. ނަމަވެސް އޭގެ ދެމިނެޓު ފަހުން އަލް ތާއީ އިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ނެދަލޭންޑްސްގެ ފޯވާޑް ވާޖިލް މިސިދްޖަން އެވެ.

މިމެޗުގައި އަލް ތާއީ އަށް އިތުރު މައްސަލަތަކެއް ކުރިމަތިވީ ފުރަތަަމަ ހާފުގެ 36 ވަނަ މިނެޓުގައި އެޓީމުގެ ފޯވާޑް ވާޖިލް މިސިދްޖަން ކުރި ފައުލަކާއި ގުޅިގެން ރެފްރީ އޭނާއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލުމުންނެވެ. މިއާއެކު މެޗުގެ ބާކީބައި އެޓީމުން ފުރިހަމަކުރީ އެއްކުޅުތެރިއަކު މަދުކޮށެވެ.

އަލް ތާއީ އިން އެއް ކުޅުންތެރިއެއް މަދުވުމުގެ ފައިދާ ނަގައި އަލް ނަސްރުން ދެވަނަ ފަހަރަށް މެޗުގެ ލީޑު ހޯދީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަބްދުއްރަހްމާން ގަރީބް އެވެ. މިއީ އެޓީމުގެ ސެނަގާލް ފޯވާޑް ސަޑިއޯ މާނޭ ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން އަލް ނަސްރު ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި އަލް ނަސްރުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 65 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް ލީޑު ފުޅާކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.

މިއީ އެޓީމުގެ ފޯވާޑް ސަޑިއޯ މާނޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި އޭގެ ދެ މިނެޓު ފަހުން އެޓީމުގެ ހަތަރުވަނަ ލަނޑު ވެސް ކާމިޔާބުކޮށްދިން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.

މިމެޗުގައި ރޮނާލްޑޯ ހެޓްރިކް ފުރިހަމަކުރީ ދެވަނަ ހާފުގެ 87 ވަނަ މިނެޓުގައެވެ. މިއީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންނުކުތް އަބްދުލް މަޖީދު އަލް ސިލައިހީ ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިއީ މިސީޒަނުގައި ލީގުގައި ކުޅުނު 23 މެޗުގައި ރޮނާލްޑޯ ކާމިޔާބުކުރި 26 ވަނަ ލަނޑެވެ.

މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 5-1 ގެ ނަތީޖާއަކުން އަލް ނަސްރު ކުރީގައި އޮވެގެންނެވެ. އަދި މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 25 މެޗުން އަލް ނަސްރަށް 59 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ ދެވަނައިގައެވެ. އަދި މިމެޗުން ބަލިވި އަލް ތާއީ އިން ލީގުގައި ކުޅުނު 25 މެޗުން ލިބުނު 22 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ 16 ވަނައިގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ