ބީސީސީން ފޮނަދޫގައި ކްރިއޭޓަރސް ކޮންފުލުއެންސް ބާއްވައިފި
އައިޝަތު އިފާޝާ
3/23/2024, 2:00:00 AM
.
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީ އިން ފަންނުވެރިންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށްޓަކައި ލ.ފޮނަދޫގައި ކްރިއޭޓަރސް ކޮންފްލުއެންސެއް ބާއްވައިފިއެވެ.
މިއީ ދިވެހިރާއްޖޭގައި ފަންނުވެރި އިޤްތިޞާދެއް ބިނާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ފައްޓަވާފައިވާ މަސައްކަތްޕުޅަށް އެއްބާރުލުން ދިނުމުގެ ގޮތުން، އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާއާއި ގުޅިގެން ބީސީސީ އިން ކުރިއަށް ގެންދާ ކޮންފުލުއެންސެކެވެ.
ފަންނުވެރިކަމުގެ އެކި ދާއިރާތަކުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ މި ކޮންފުލުއެންސްގައި، އެކި ދާއިރާތަކުގައި ޙަރަކާތްތެރިވާ ފަރާތްތައް ވަނީ ބައިވެރިވެފައެވެ. ހަމަ އެހެންމެ، މި ކޮންފުލުއެންސްގައި ބައިވެރިން ވަނީ އެބޭފުޅުންގެ ޚިޔާލާއި މަޝްވަރާ ދީފައެވެ. މި ކޮންފުލުއެންސްގެ ހަވާސާގައި ބީސީސީން ވަނީ، ލ.ފޮނަދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުންނާއި ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ބީސީސީ އިން ވަނީ އެރަށުގައި، ވިޔަފާރީގެ ދާއިރާގައި ޙަރަކާތްތެރިވާ އަންހެނުންނަށް ދިމާވާ ދަތިތައް އޮޅުންފިލުވައިފައެވެ. އަދި މިކަންކަން ޙައްލު ކުރެއްވުމަށް ދެފަރާތުން ގުޅިގެން ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން ވެސް ވަނީ މަޝްވަރާކުރައްވާފައެވެ.
ފުރިހަމަ ފަންނުވެރި އިޤުތިޞާދެއް ބިނާކުރެވޭނީ ދާއިރާގައި ޙަރަކާތްތެރިވާ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތައް ދެނެގަނެ، އެކަންކަން ހައްލުކުރެވޭނެ ގޮތްތައް ދެނެގަނެގެން ކަމަށް ބީސީސީ އިން ބުންޏެވެ. ބީސީސީ އިން ބުނީ، މިފަދަ ކޮންފުލުއެންސްތަކަކީ މި ދާއިރާއަށް ބޮޑެތި ކުރިއެރުން ގެނުވުމަށް މަގުފަހިވެގެންދާ ކޮންފުލުއެންސްތަކެއް ކަމަށެވެ.
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީއަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި، ވިޔަފާރިކުރަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދީ، ވިޔަފާރިތައް ކުރިއެރުވުމަށް އެހީތެރިވެ ދިނުމަށް އުފައްދާފައިވާ ސަރުކާރުގެ ކުންފުންޏެކެވެ.