
-
ދިވެހިރާއްޖޭގައި ޢީދު ނަމާދު ޖަމާޢަތްފަށާ ވަގުތު އަވަސް ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ނިންމައިފި އެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ނެރުނު ބާޔާނެއްގައި ބުނެފައިވަނީ، ދިވެހިރާއްޖޭގައި ޒަމާނުއްސުރެ ޢީދު ނަމާދު ކުރަމުން އައިސްފައިވަނީ ހެނދުނު 07:30 ގައި މިސްކިތްތަކުގައި ކަމުގައިވިޔަސް، މިއަހަރުން ފެށިގެން އީދު ނަމާދުގެ ޖަމާޢަތް ފަށާ ވަގުތަކީ ހެނދުނު 07:00 ކަމުގައި ކަނޑައަޅައިފައިވާ ކަމަށެވެ.
މި ބަދަލު ގެނައުމަށް ނިންމީ ކުރިން އީދު ނަމާދު ފަށާ ވަގުތަކީ އިރުއަރައި އިރުގެ ހޫނުކަން ގަދަވަމުން އަންނަ ވަގުތަކަށް ވެފައި، މިހާރަކަށް އައިސް ދިވެހިރާއްޖޭގައި މައިދާންތަކާއި ހުސްބިންތަކުގައި ޢީދު ނަމާދު ކުރަމުން ގެންދާތީއާއި، ޢީދު ނަމާދުގެ ޖަމާޢަތަށް ޙާޟިރުވާ ފަރާތްތަކުގެ ތެރޭގައި ތުއްތު ކުދީންނާއި، އަންހެނުންނާއި، މުސްކުޅިންނާއި، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތައް ވެސް ހިމެނޭތީއާއި، ހޫނުގަދަވުމުގެ ސަބަބުން ތަކުލީފުތަކެއް އުފުލަންޖެހޭތީ ކަމަށް ބުނެފައިވެއެވެ
އަދި ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުން ސާބިތުވާގޮތުން ވެސް އެކަލޭގެފާނު ޢީދު ނަމާދު ކުރައްވާފައިވަނީ އިރުގެ ހޫނުކަން ގަދަވުމުގެ ކުރިން ޟުޙާ ވަގުތުގައިކަން ފެންނަން އޮތުމާއެކު، ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތާއި އެކަލޭގެފާނުގެ އަޞްޙާބު ބޭކަލުންގެ ޢަމަލުފުޅުގައިވާ ގޮތަށް ތަބަޢަވުމަކީ މޮޅު އިތުރުގޮތް ކަމަށްވާތީއާއި، ޢާންމު މަޞްލަޙަތަށް ރިޢާޔަތްކުރުމަށް ޝަރުޢުގައި ކަނޑައަޅުއްވާފައިވާ ޤަވާޢިދުތަކަށް ރިޢާޔަތްކޮށް ކަމަށް އެވުޒާރާގެ ބަޔާނުގައި ބުނެފައިވެއެވެ.
ޢީދު ނަމާދުގެ ޖަމާޢަތް ފަށާ ވަގުތު އަވަސްކުރުމަށް ނިންމާފައިވަނީ ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި، ދީނީ ޢިލްމުވެރިންނާއި، އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގައި ޤާއިމުކުރެވިފައިވާ ފަލަކީ ހިސާބުތަކާބެހޭ ކޮމެޓީއާއި މަޝްވަރާކުރުމަށްފަހު ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނެއެވެ.
ގުޅުންހުރި

ބޮޑު އީދު ނަމާދު މާލެ ސަރަހައްދުގެ 25 މިސްކިތެއްގައި ކުރާނެ!

މި އަހަރުގެ އެޕްރީލު މަހު މުދަލު ޒަކާތުން ކޮށްފައިވާ ހޭދަތައް ވަނީ އިތުރުވެފަ: ޒަކާތު ހައުސް

މިއަހަރުވެސް ޙައްޖުވެރިންނާއި އެހީތެރިން އެއާޕޯޓަށް ދިއުމަށް ބަހުގެ ޚިދުމަތް ލިބޭނެ!




