
ރަސްމާލެ ތަރައްގީކުރުމުގެ މަސައްކަތް ނުހުއްޓި ކުރިއަށް އެބަދޭ - މިނިސްޓަރ
# ރަސްމާލެ# އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާ-
ރަސްމާލެ ހިއްކުން ހުއްޓިފައި އޮތްކަމަށް ބުނެ ދައްކާ ވާހަކަތައް އިމާރާތްތަކާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ދޮގުކުރައްވައިފި އެވެ.

އިމާރާތްތަކާއި ބިނާރާ ބެހޭ ވުޒާރާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރު މުއްޠަލިބު ވިދާޅުވީ، ރަސްމާލެ މަޝްރޫޢަކީ ބަޖެޓުން އުނިކޮށްފައިވާ މަޝްރޫޢަކަށްވާތީ، އެއީ ސަރުކާރުން އެވުޒާރާގެ ތެރެއިން ކުރިއަށްގެންދާ މަޝްރޫޢެއް ނޫންކަމަށެވެ. މިމަޝްރޫޢަކީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީ އާއި ކޮންޓްރެކްޓަރަކާ ދެމެދު ސޮއިކޮށްގެން ކުރިއަށްގެންދާ މަސައްކަތެއް ކަމަށް ވަޒީރު ފާހަގަކުރެއްވި އެވެ.
މުއްޠަލިބު ވިދާޅުވީ މިވަގުތު ސީދާ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ނުދިޔަ ނަމަވެސް، ރަސްމާލެ މަޝްރޫއާ ގުޅުންހުރި އެހެން މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ. އެގޮތުން މިމަސައްކަތުގެ ތެރެއިން ބަންޑު ވޯލް އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
އެތަން ހިއްކުމުގެ މަސައްކަތް ކުރިއަށް ނުދަނީ ހަރަދު ކުޑަކުރުމަށް ބޮސްކާލިސް އިން ގުޅީފަޅު ހިއްކަން ބޭނުންކުރާ ޑްރެޖަރުން ރަސްމާލެވެސް ހިއްކުމުގެ ވިސްނުން ގެންގުޅޭތީކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތަށް މަސައްކަތް ކުރެވެމުން އަންނަނީ ރަސްމާލެ މަޝްރޫޢުގެ ކޮންޓްރެކްޓަރާއި ބޮސްކާލިސް ކުންފުންޏާއެކު ހެދިފައިވާ އެއްބަސްވުމުގެ ދަށުން ކަމަށް ވަޒީރު ވިދާޅުވި އެވެ.
ވަޒީރު މުއްޠަލިބު ވިދާޅުވީ ރަސްމާލެ ބިން ހިއްކުމަށް ބޭނުންވާ ވެލި ލިބުމުގައި ދަތިތަކެއް އެކުންފުންޏަށް ހުރި ކަމަށެވެ. އަދި އެކަމާއި ގުޅޭ ދިރާސާތައްވެސް އެކުންފުނިން ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ ވަރަށް އަވަހަށް ރަސްމާލެ ބިން ހިއްކުމުގެ އަމަލީ މަސައްކަތްތައް ފެށޭނެ ކަމަށެވެ.
ފުށިދިއްގަރު ފަޅު ހިއްކައިގެން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރެއިން އެންމެ ބޮޑު އެއް ވައުދުފުޅެވެ.
ގުޅުންހުރި

ރަސްމާލެއިން 15،000 ގޯތި ދޫކުރާނަން، ކުރިމަތިލުމަށް ވަރަށް އަވަހަށް ހުޅުވާލާނެ - ރައީސް

ރަސްމާލެ ޑިޒައިންކޮށް ޑީޓެއިލް މާސްޓަރ ޕްލޭނެއް ތައްޔާރުކުރުމަށް ކޮންސަލްޓަންސީދޭނެ ފަރާތެއް ހޯދަނީ

ޢިމާރާތްކުރުމުގެ މަސައްކަތްތަކުގައި އިންޝުއަރަންސް ކަވަރޭޖް ހޯދުން މަޖުބޫރުކޮށްފި





