logoEN
cocacola
އަމިއްލަ ދަނޑުގައި ބާސެލޯނާ އަތުން އެތްލެޓިކޯ މެޑްރިޑް ބަލިވެއްޖެ

އަމިއްލަ ދަނޑުގައި ބާސެލޯނާ އަތުން އެތްލެޓިކޯ މެޑްރިޑް ބަލިވެއްޖެ

ހަސަން ޝަމްއޫން

logo

3/17/2024, 10:37:11 PM

# ސްޕެނިޝް ލަ ލީގާ# ބާސެލޯނާ# އެތްލެޓިކޯ މެޑްރިޑް# ބޭރު ދުނިޔޭގެ ކުޅިވަރު

ބާސެލޯނާ އާއި އެތްލެޓިކޯ މެޑްރިޑް ވާދަކުރި މެޗުގެ ތެރެއިިން

ސްޕެނިޝް ލަލީގާގައި އާދިއްތަދުވަހުގެ އަމިއްލަ ދަނޑުގައި 3-0 ގެ ނަތީޖާއަކުން ބާސެލޯނާ އަތުން ބަލިވެ ލީގު ތާވަލުގެ ހަތަރުވަނައަށް ކުރިއަށް އެރުމަށް ލިބުނު ފުރުސަތު އެތްލެޓިކޯ މެޑްރިޑުން ނަގާލައިފި އެވެ. އަދި މިއީ ބާސެލޯނާ އަތުން އެޓީމު ޖެހިޖެހިގެން ބަލިވި ފަސްވަނަ މެޗެވެ.

ގޮސިޔާ

މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު، މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން މެޗު ފެށިގެން 7 ވަނަ މިނެޓުގައި އެތްލެޓިކޯ މެޑްރިޑްގެ ޒުވާން މިޑްފީލްޑަރު ޕަބްލޯ ބަރިއޯސް އަށް ލިބުނު ހުސް ފުރުސަތުގައި އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލާއި އަމާޒުނުވެ ދަނޑިކައިރިން ބޭރަށެވެ.

ބާސެލޯނާ އިން މެޗު ލީޑު ހޯދީ ފުރަތަމަ ހާފުގެ 38 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ލޯނު އެއްބަސްވުމެއްގެ ދަށުން ބާސެލޯނާއަށް ކުޅެމުންއަންނަ ޕޯޗުގަލް ފޯވާޑް ޖޮއާއު ފެލިކްސް އެވެ. މިއީ އެޓީމުގެ ޕޮލެންޑް ފޯވާޑް ރޮބަޓް ލެވަންޑޮވްސްކީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

އޭގެ ތިން މިނެޓު ފަހުން ބާސެލޯނާގެ ކޯޗް ޒަވީ ހަނާންޑޭޒް ތަކުރާރުކޮށް ރެފްރީގެ ނިންމުންތަކަށް ނުރުހުން ފާޅުކުރުމާއި ގުޅިގެން ރެފްރީ ވަނީ ގާތްގާތުގައި ދެ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކާ ބާސެލޯނާގެ ކޯޗު ބެންޗުން ފޮނުވާލާފައެވެ.

މެޗުގެ ދެވަަނަ ހާފު އެތްލެޓިކޯ މެޑްރިޑުން ފެށީ ބަދަލުތަކަކާއި އެކުގައެވެ. ނަމަވެސް އެޓީމަށް ރަނގަޅަށް މެޗުތެރެއަށް ނުވަދެވި އުޅެނިކޮށް ބާސެލޯނާ އިން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްފައެވެ. މިލަނޑު ފަހުފާފު ފެށިގެން ދެވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ތަޖުރިބާކާރު ފޯވާޑް ރޮބަޓް ލެވަންޑޮވްސްކީ އެވެ.

މިއީ އެޓީމުގެ ބްރެޒިލް ފޯވާޑް ރަފީނިއާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިއީ މިސީޒަނުގައި ލީގުގައި ކުޅުނު 27 މެޗުގައި އޭނާ ކާމިޔާބުކުރި 13 ވަނަ ލަނޑެވެ.

މިމެޗުގައި ބާސެލޯނާ އިން ކާމިޔާބުކުރި ތިންވަނަ ލަނޑު ދެވަނަ ހާފުގެ 65 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޒުވާން މިޑްފީލްޑަރު ފާމިން ލޮޕޭޒް އެވެ. މިއީ އަރިމަތިން ލެވަންޑޮވްސްކީ ހުރަސްކޮށްދިން ބޯޅައެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މީގެއިތުރުންވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އަދި މެޗުގެ އިތުރު ވަގުތުގެ ތެރޭގައި އެތްލެޓިކޯ މެޑްރިޑްގެ ޑިފެންޑަރު މޮލީނާ ކުރި ކުށަކާއި ގުޅިގެން ރެފްރީ ވަނީ އޭނާއަށް ސީދާ ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލައިފައެވެ. މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-0 ގެ ނަތީޖާއަކުން ބާސެލޯނާ ކުރީގައި އޮވެގެންނެވެ.

މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 29 މެޗުން ބާސެލޯނާ އަށް 64 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ ދެވަނައިގައެވެ. އަދި މިމެޗުން ބަލިވި އެތްލެޓިކޯ މެޑްރިޑުން ލީގުގައި ކުޅުނު 29 މެޗުން ލިބުނު 55 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ ފަސްވަނައިގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ