މަޖިލިސް އިންތިހާބަށް އޮބްޒާވަރުންނާއި މޮނީޓަރުންނަށްވާން ބޭނުންވާ ފަރާތްތަކަށް އިތުރު ފުރުސަތެއް ދެނީ
އަހުމަދު ޝުރާއު
3/17/2024, 4:50:11 PM
މީގެ ކުރިން ރާއްޖޭގައި ބޭއްވި އިންތިހާބެއް: ފޮޓޯ | ސަން އޮންލައިން
އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އޮބްޒާވަރުންނާއި މޮނީޓަރުންގެ އިތުރުން ކެނޑިޑޭޓުގެ މަންދޫބުންނަށް ވުމަށް ބޭނުންވާ ފަރާތްތަކަށް އިތުރު ފުރުސަތެއް ދޭން އިލެކްޝަންސް ކޮމިޝަން, އީސީއިން ނިންމައިފި އެވެ.
އީސީއިން މިރޭ ބުނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ބާއްވާ ތާރީޚު އެޕްރީލް 21 އަށް ބަދަލުވެފައިވާތީ، އިންތިޚާބުގެ އޮބްޒާވަރުން،މޮނީޓަރުން އަދި ކެންޑިޑޭޓުންގެ މަންދޫބުން އައްޔަނުކުރުމަށް އެދި ކުރިމަތިލުމުގެ އިތުރު ފުރުޞަތެއް، މާރިޗު 19 އިން 21ގެ ނިޔަލަށް ދިނުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.
މިމަހުގެ ބާއްވަން ފުރަތަމަ ތާވަލު ކުރި މި އިންތިހާބުގައި އޭރު އޮބްޒާވަރުންނާއި މޮނިޓަރުންގެ އިތުރުން މަންދޫބުންގެ ގޮތުގައި 9900 މީހުން ހަރަކާތްތެރިވާނެ ކަމަށް އީސީއިން މީގެ ކުރިން ވަނީ ބުނެފައި އެވެ.
އެގޮތުން އޭރު އީސީއިން ބުނީ މަޖިލިސް އިންތިޚާބުގައި ވޯޓުލާ މަރުކަޒުތަކުގައި 2،952 އޮބްޒާވަރުން ހަރަކާތްތެރިވާނެ ކަމަށެވެ. އަދި 5،018 މޮނިޓަރުން ހަރަކާތްތެރިވާއިރު ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި 1930 މީހުން ހަރަކާތްތެރިވާނެ ކަމަށެވެ.
ކޮންމެ އިންތިޚާބެއްގައި ވެސް ވޯޓުލާ މަރުކަޒުތަކުގައި ވޯޓުލުމުގެ ކަންކަން ކުރިއަށްދާގޮތް ބެލުމަށް އޮބްޒާވަރުންނާއި މޮނިޓަރުން އަދި ކެންޑިޑޭޓުންގެ މަންދޫބުންނަށް ފުރުސަތު ހުޅުވާލައެވެ.
މަޖިލިސް އިންތިހާބު ބޭއްވުމަށް މިހާރު ތާވަލުކޮށްފައިވަނީ އަންނަ މަހުގެ 21 ވަނަ ދުވަހު އެވެ.