
އެޓާނީ ޖެނެރަލް އަހުމަދު އުޝާމް --
ކައުންސިލްތަކުން ނެރޭ ނޫސްބަޔާން ބާތިލުކުރުމަށް ލޯކަލް ގަވާމަންޓު އޮތޯރިޓީ (އެލްޖީއޭ) އަށް ނޭންގޭނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ އެކި ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅާ ގުޅިގެން ނ. ކެނދިކުޅުދޫ ކައުންސިލުން ވަނީ އެ ދަތުރުތަކުގައި ކެމްޕޭން ހަރަކާތަކަށް ދައުލަތުގެ މުދަލާއި ވަސީލަތް ބޭނުންކުރަމުން ދާކަމަށް ބުނެ އެކަން ކުށްވެރިކޮށް ބަޔާނެއް ނެރެފައެވެ. އެ ބަޔާނާ ގުޅިގެން އެލްޖީއޭއިން ވަނީ އެ ބަޔާން ބާތިލްކުރުމަށް އެ ކައުންސިލަށް އަންގާފައެވެ.
މިއަދު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭޖީ އުޝާމް ވިދާޅުވީ ކައުންސިލަކުން ނޫސްބަޔާނެއް ނެރުމުން، އެ ނޫސްބަޔާން ބާތިލުކުރަން އެލްޖީއޭއަށް އެންގިދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އަދި ބަޔާނެއް ބާތިލުކުރަން އެންގުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.
އުޝާމް ވިދާޅުވީ އެލްޖީއޭއަށް އެގޮތަށް އަމަލުކުރެވިދާނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށް މިހާރު ދަންނަވާފައިވާނެ ކަމަށެވެ.