ފަހުވަގުތު ނުނޭޒް ކާމިޔާބު ކުރި ލަނޑާއެކު ފޮރެސްޓު އަތުން ލިވަޕޫލަށް އުނދަގޫ މޮޅެއް
ހަސަން ޝަމްއޫން
3/3/2024, 1:15:00 AM
ލިވަޕޫލާއި ފޮރެސްޓް ވާދަކުރި މެޗުގެ ތެރެއިިން
އިގިރޭސި ޕްރެމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ރަށުން ބޭރުގައި ނޮޓިންހަމް ފޮރެސްޓާއި ދެކޮޅަށް ކުޅުނު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކުރި ލަނޑާއެކު 1-0 ގެ ނަތީޖާއަކުން މޮޅުވެ ލިވަޕޫލުން ލީގު ތާވަލުގެ ކުރީގައި ހަތަރު ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.
މެޗުގެ ފުރަތަަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ލިވަޕޫލުން މެޗު ޑޮމިނޭޓުކުރި މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން ފުރަތަަމަ ހާފުގެ 25 ވަނަ މިނެޓުގައި ލިވަޕޫލުގެ ޕެނަލްޓީ އޭރިއާ ތެެރެއިން ފޮރެސްޓުގެ ޒުވާން ފޯވާޑް އެންތަނީ އެލަންގާ އަށް ލިބުނު ހުސް ފުރުސަތުގައި އޭނާ ފޮނުވާލި ހަމަލާ ލިވަޕޫލްގެ ކީޕަރު ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
އޭގެ ދެމިނެޓު ފަހުން ލިވަޕޫލުގެ ކޮލަންބިއާ ފޯވާޑް ލުއިސް ޑިއާޒްއަށް ވަނީ މެޗުގެ ލީޑު ނެގުމަށް ރަނގަޅު ހުސް ފުރުސަތެއް ލިބި ބޭނުން ނުކުރެވިފައެވެ. މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.
ދެވަނަ ހާފުގައިި ލިވަޕޫލުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ މިހާފުގައި އެޓީމުން ވަނީ ފޮރެސްޓުގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. ނަމަވެސް ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި މެޗު ނިމެން ދަނިކޮށް ލިވަޕޫލުން މެޗުގެ ތިން ޕޮއިންޓް ކަށަވަރުކުރީ ދެވަނަ ހާފުގެ އިތުރު ވަގުތުގެ 9 ވަނަ މިނެޓުގައި ކާމިޔާބުކުރި ލަނޑާއެކު އެވެ.
މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންނުކުތް އުރުގުއާއީގެ ފޯވާޑް ޑާވިން ނުނޭޒް އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ލިވަޕޫލް ކުރީގައި އޮވެގެންނެވެ.
މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 27 މެޗުން ލިވަޕޫލަށް 63 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ އެއްވަނައިގައެވެ. އަދި ދެވަނަގައި އޮތް މެންޗެސްޓާ ސިޓީއަށް 26 މެޗުން 59 ޕޮއިންޓް ލިބިފައިވާއިރު، މިމެޗުން ބަލިވި ނޮޓިންހަމް ފޮރެސްޓުން ލީގުގައި ކުޅުނު 27 މެޗުން ހޯދި 24 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ 17 ވަނައިގައެވެ.