ފަހުވަގުތު ގަލެގާރ ކަމިޔާބުކުރި ލަނޑާއެކު ލީޑްސް ބަލިކޮށް ޗެލްސީ ކުއާޓާ ފައިނަލަށް
ހަސަން ޝަމްއޫން
2/29/2024, 12:00:00 AM
ޗިލްވެލް އަދި ގަލެގާރ
އިގިރޭސި އެފްއޭކަޕްގެ ރައުންޑް އޮފް 16 ގައި ބުދަދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ލީޑްސް ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު މެޗު 3-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޗެލްސީ އިން މުބާރާތްގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.
ޗެލްސީގެ ސްޓެމްފޯޑް ބްރިޖުގައި ކުޅުނު މިމެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ ލީޑްސް ޔުނައިޓެޑުންނެވެ. މިލަނޑު ފުރަތަމަ ހާފު ފެށިގެން 8 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޒުވާން ފޯވާޑް މަޓެއޯ ޖޯސެފް އެވެ. މިއީ އެޓީމުގެ ފޯވާޑް ޖައިޑޮން އެންތަނީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
ނަމަވެސް އޭގެ 7 މިނެޓް ފަހުން ޗެލްސީން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސެނަގާލް ފޯވާޑް ނިކޮލަސް ޖެކްސަން އެވެ. މިއީ އެޓީމުގެ އެކުއެޑޯ މިޑްފީލްޑަރު މޮއިސަސް ސަސެއިޑޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
ޗެލްސީން މެޗުގެ ލީޑު ހޯދީ ފުރަތަމަ ހާފުގެ 37 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޔުކުރެއިންގެ ފޯވާޑް މިޚައިލޯ މުޑްރިކް އެވެ. މިއީ ރަހީމް ސްޓާލިން ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ޗެލްސީ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފުގައި ލިީޑްސް ޔުނައިޓެޑުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 59 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް މަޓެއޯ ޖޯސެފް އެވެ.
ޗެލްސީ މިމެޗުން މޮޅުވި ލަނޑު ދެވަނަ ހާފުގެ 89 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އިގިރޭސި މިޑްފީލްޑަރު ކޯނޯ ގަލެގާރ އެވެ. މިއީ އެޓީމުގެ އާޖެންޓީނާ މިޑްފީލްޑަރު އެންޒޯ ފެނާންޑޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދިި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-2 ގެ ނަތީޖާއަކުން ޗެލްސީ ކުރީގައި އޮވެގެންނެވެ.
ކުއާޓާ ފައިނަލުގައި މާޗުމަހުގެ 16 ވަނަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ޗެލްސީ އިން ނުކުންނާނީ ލެސްޓާ ސިޓީ އާއި ދެކޮޅަށެވެ.