ފަސޭހަކަމާއި އެކު ގެޓަފޭ އަތުން މޮޅުވެ ބާސެލޯނާ ދެވަނައަށް
ހަސަން ޝަމްއޫން
2/25/2024, 12:00:00 AM
ބާސެލޯނާ ކުޅުންތެރިން ގެޓަފޭ ކޮޅަށް ލަނޑުޖެހުމަށް ފަހު އުފާފާޅުކުރަނީ
ސްޕެނިޝް ލަލީގާގައި ހޮނިހިރު ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ގެޓަފޭ އާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއި އެކު 4-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ބާސެލޯނާ އިން ލީގު ތާވަލުގެ ދެވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު ، ބާސެލޯނާ އިން މެޗު ލީޑު ހޯދީ ފުރަތަމަ ހާފުގެ 20 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ފޯވާޑް ރަފީނިއާ އެވެ. މިއީ އެޓީމުގެ ފްރާންސް ޑިފެންޑަރު ޖޫލްސް ކުންޑޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި ބޯޅައާއެކު ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ ތިރިތިރިން ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
މިގެ އިތުރުން ވެސް މިހާފުގައި ބާސެލޯނާގެ ލީޑު ފުޅާކުރުމަށް އެޓީމުގެ ޕޯޗުގަލް ފޯވާޑް ޖޮއާއު ފެލިކްސް އިތުރުން ރަފީނިއާ އަށް ވެސް ވަނީ ވަރަށް ހުސް ދެ ފުރުސަތެއް ލިބި ބޭނުން ނުކުރެވިފައެވެ.
މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން ބާސެލޯނާ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފުގައި ބާސެލޯނާ އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ އެޓީމުން ވަނީ އިތުރު ތިން ލަނޑު ކާމިޔާބުކޮށްފައެވެ. އެގޮތުން އެޓީމުގެ ދެވަނަ ލަނޑު ފަހުހާފުގެ 53 ވަނަ މިނެޓުގައި އަންދްރޭސް ކްރިސްޓިއަންސަން ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖޮއާއު ފެލިކްސް ކާމިޔާބުކޮށްދިން އިރު، އެޓީމުގެ ތިންވަނަ ލަނޑު 61 ވަނަ މިނެޓުގައި ޖޮއާއު ފެލިކްސް ތަނަވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބުކޮށްދިނީ ނެދަލޭންޑްސްގެ މިޑްފީލްޑަރު ފްރޭންކީ ޑި ޖޯންގް އެވެ.
ބާސެލޯނާ އިން މިމެޗުގައި ކާމިޔާބުކުރި ހަތަރުވަނަ ލަނޑު ދެވަނަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ޒުވާން މިޑްފީލްޑަރު ފާމިން ލޮޕޭޒް އެވެ. މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 4-0 ގެ ނަތީޖާއަކުން ބާސެލޯނާ ކުރީގައި އޮވެގެންނެވެ. އަދި މިއީ މިސީޒަނުގައި ބާސެލޯނާ އިން ހޯދި އެންމެ ތަފާތުބޮޑު މޮޅެވެ.
މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 26 މެޗުން ބާސެލޯނާ އަށް 57 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ ދެވަނައިގައެވެ. އަފި މިމެޗުން ބަލިވި ގެޓަފޭ އިން ލީގުގައި ކުޅުނު 26 މެޗުން ލިބުނު 34 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ 10 ވަނައިގައެވެ.