
"މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ" މަޝްރޫޢު ވެގެންދާނީ ރާއްޖޭގައި ފެށޭ އިޤުތިޞާދީ އެންމެ ބޮޑު މަޝްރޫޢަށް - ރައީސް
# ރައީސުލްޖުމްހޫރިއްޔާ# ހއ ހޯރަފުށިރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ހޯރަފުށި ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަނީ - ފޮޓޯ: ރައީސް އޮފީސް
ސަރުކާރުގެ 5 ކުންފުންޏެއް އެކުވެގެން އުފެއްދި "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ" މަޝްރޫޢު ވެގެންދާނީ ރާއްޖޭގައި ފެށޭ އިޤުތިޞާދީ އެންމެ ބޮޑު މަޝްރޫޢަށްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު މެންދުރުފަހު ހއ. ހޯރަފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާއިތުވި 14 ހަފުތާގެ ތެރޭގައި އިޤްތިޞާދީ ދާއިރާ ކުރިއެރުވުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ފައްޓަވާފައިވާކަން ފާހަގަކުރެއްވިއެވެ.
އަދި އެމަނިކުފާނު މަސައްކަތްކުރައްވަނީ ދަރަނި އިތުރުވިޔަ ނުދިނުމަށާއި، ދަރަނި ދެއްކުމަށާއި، އިޤްތިޞާދަށް އާމްދަނީ އިތުރުކޮށް އިޤްތިޞާދު ފުޅާކުރުންފަދަ ހުރިހާ ކަމެއް އެކުއެކީގައި ކުރިއަށް ގެންދެވުމަށް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ހަމައެހެންމެ އެމަނިކުފާނު ވަނީ މިސަރުކާރު ވެރިކަމާ ހަވާލުވިއިރު ވާރުތަވި ދަރަނީގެ މައްޗަށްވެސް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ހޯރަފުށީގެ ތަރައްޤީއަށް ހިންގަންފެށި މަޝްރޫޢުތަކުގެ ތެރެއިން ހުއްޓިފައިހުރި މަޝްރޫޢުތައް އަލުން ފައްޓަވައިދެއްވާނެކަމަށާއި، އަދި މުޅިން އަލަށް ފަށަން ހަމަޖެހިފައިވާ މަޝްރޫޢުތަކާއި، ކެމްޕެއިންގައި ވަޢުދުވެވަޑައިގެންފައިވާ މަޝްރޫޢުތަކަށް އިސްކަންދެއްވައިގެން މަޝްރޫޢުތައް ތަރުތީބުކޮށް، މިއަހަރުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ހިންގައިދެއްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.
އެގޮތުން ޚާއްޞަ އިސްކަމެއް ދެއްވާނެ ކަންކަމުގެ ގޮތުގައި ހޮސްޕިޓަލުގެ މަޝްރޫޢާއި، ގިރާ ސަރަހައްދަށް ހައްލެއް ގެނައުމާއި، ޒަމާނީ ފެންވަރަށް ކުނި މެނޭޖްކުރުން އަދި ބިންހިއްކުމުގެ މަޝްރޫޢު އެމަނިކުފާނު ފާހަގަކުރެއްވިއެވެ.







