
-
މާލެ ސަރަހައްދުގެ މަގުތަކުގައި ހުރި ގިނަ ދުވަސްވީ އުޅަނދުތައް ނައްތާލުމަށް ކުރިއަށް ގެންދާ މަސައްކަތުގެ ދަށުން މިހާތަނަށް 50 އަށް ވުރެ ގިނަ އުޅަނދު ނައްތާލައިފިއެވެ.

އެއްގަމު އުޅަނދުގެ ސަބަބުން މަގުތައް ތޮއްޖެހުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް މިމަހުގެ 17 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދާ މި މަސައްކަތަކީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާ އާއި މޯލްޑިވްސް ޕޮލިސް ސަރވިސް އާއި މާލެ ސިޓީ ކައުންސިލް ގުޅިގެން ކުރިއަށްގެންދާ މަސައްކަތެކެވެ.
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާއިން ވިދާޅުވީ މި މަސައްކަތުގެ ދަށުން އިއްޔެގެ ނިޔަލަށް ހަތަރު ފުރޮޅުލީ 56 އުޅަނދެއް ނައްތާލާފައިވާކަމަށެވެ.
މި ޕްރޮގްރާމުގެ ފުރަތަމަ ބައިގައި ކުރިއަށް ގެންދަނީ މާލޭގެ އެކި ހިސާބުތަކުގައި ޕާކްކޮށްފައި ހުރި ގިނަ ދުވަސްވެފައިވާ ވެހިކަލްތައް ނައްތާލުމުގެ މަސައްކަތެވެ. އަދި މި ޕްރޮގްރާމުގެ ދަށުން އަމިއްލައަށް އެދިގެން، އުޅަނދުތައް ނައްތާލަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ.