
ވެހިކަލްތަކެއް ނައްތާލަނީ ---
މާލެ ސަރަހައްދުގެ މަގުތަކުގައި ހުރި ގިނަ ދުވަސްވީ އުޅަނދުތައް ނައްތާލުމުގެ މަސައްކަތް ފަށައިފި އެވެ.

މި މަސައްކަތަކީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާ އާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން، މޯލްޑިވްސް ޕޮލިސް ސަރވިސް އަދި މާލެ ސިޓީ ކައުންސިލުން ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްގެ ދަށުން ޤަވާއިދާ ހިލާފަށް ބޭނުންނުކޮށް މާލެއާއި ހުޅުމާލޭގެ މަގުތަކުގައި ބަހައްޓާފައިވާ އުޅަނދުތައް ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން މަގުމަތިންނަގާ ނައްތާލާނެ އެވެ.
މި ޕްރޮގްރާމް ފެށުމަށްޓަކައި މާލެ އިންޑަސްޓްރިއަލް ވިލެޖުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، ޕްރޮގްރާމް އިފްތިތާހުކޮށްދެއްވީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީންއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅ ދައްކަވަމުން ވަޒީރު އަމީން ވިދާޅުވީ، އެއްގަމު އުޅަނދުގެ ސަބަބުން މަގުތައް ތޮއްޖެހުމުގެ މައްސަލައަކީ ގިނަ ދުވަސްވީ ބޮޑު މައްސަލައެއް ކަމަށާއި، މިއަދު މި ފެށުނު ޕްރޮގްރާމާއެކު މި މައްސަލައަށް ހައްލެއް އަންނާނެ ކަމަށެވެ.
ދަތުރުފަތުރާބެހޭ ވުޒާރާއިން ވިދާޅުވީ މި ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ މާރޗް 3 ވަނަ ދުވަހުގެ ނިޔަލަށްކަމަށެވެ. އަދި އެ މުއްދަތުގައި ލިބޭ އެޕްލިކޭޝަންތަކާއި ގުޅިގެން ވެރިފަރާތްތަކާއި ގުޅައި އެ ފަރާތުން ފޯރުކޮށްދޭ މައުލޫމާތު ސައްހަކަން ކަށަވަރު ކުރާނެކަމަށާއި އަދި މައުލޫމާތު ސާފުކުރުމަށްފަހު ވެހިކަލް ނައްތާލުމުގެ މަސައްކަތް ކުރިއަށްދާނެކަމަށްވެސް ވުޒާރާއިން ވިދާޅުވެއެވެ