ކޮނޑޭޭގައި ދަނޑުވެރިކަމުގެ މުހިންމު މަޝްރޫޢެއް ހިންގައިދޭނަން - ރައީސް
އަހުމަދު ޝުރާއު
2/21/2024, 2:44:29 PM
ރައީސް މުއިއްޒު ކޮނޑޭގައި
ގއ ކޮނޑޭގައި ދަނޑުވެރިކަމުގެ މުހިންމު މަޝްރޫޢެއް ހިންގަން ނިންމާފައިވާކަން ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިފަދައިން ވިދާޅުވީ މިއަދު ކޮނޑޭއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި އެވެ.
ރައީސް ވިދާޅުވީ ކޮނޑޭއަކީ ދަނޑުވެރިކަމުގެ ޞިނާޢަތް ވަރަށް ބޮޑަށް ކުރިއެރުވިދާނެ ރަށެއް ކަމަށާއި އެމަނިކުފާނުގެ ސަރުކާރުގައި އެންމެ މުހިންމު އިޤްތިޞާދީ ސިޔާސަތަކަށް އޮތީ ދަނޑުވެރިކަމުގެ ޞިނާޢަތް ވަރުގަދަކުރުން ކަމަށެވެ.
އެގޮތުން ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ މިންވަރަށް، ރާއްޖޭގައި އުފެއްދޭ އަދި އުފެއްދިދާނެ ހުރިހާ ބާވަތެއްގެ ތަކެތި އުފެއްދުން އެއީ، ފުޑް ސެކިއުރިޓީ ޤާއިމުކުރުމަށްޓަކައި ސަރުކާރުން ކަނޑައަޅާފައި އޮތް ވަރަށްބޮޑު، ވަރަށް އެމްބިޝަސް، ވަރަށް މުހިންމު ސިޔާސަތެއް ކަން ރައީސް ފާހަގަކުރެއްވި އެވެ.
ހަމައެއާއި އެކު ޓޫރިޒަމް އިންޑަސްޓްރީގައި އެތައް ރިޒޯޓަކަށް ބޭރުން ކާބޯތަކެތި ގެންނަކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ޓޫރިޒަމް އިންޑަސްޓްރީއަށްވެސް ބޭނުންވާ ހުރިހާ ބާވަތެއްގެ، ރާއްޖޭގައި އުފެއްދިދާނެ ހުރިހާ ބާވަތެއްގެ ކާބޯތަކެތި ރާއްޖޭގައި އުފެއްދުމަކީވެސް މި ސިޔާސަތުގެ ތެރޭގައި ހިމެނޭ ދެވަނަ އަމާޒު ކަމަށެވެ.
މި މަސައްކަތް ރާއްޖޭގައި ކުރާ ނަމަ ކޮނޑޭއަކީ އެކަމަށް ނަމޫނާ ރަށެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މި މަސައްކަތާއި އެކު ކޮނޑޭގެ ރައްޔިތުންގެ މުސްތަޤްބަލަށްޓަކައި، އެތައް ރައްޔިތުންނެއްގެ އާމްދަނީ އެތައް ގުނައަކުން އިތުރުވެގެންދާނެ ކަމަށެވެ.
" މިރަށުގެ ރައްޔިތުންނާއި ކައުންސިލާ ބައިވެރިވާ ގޮތަށް، ދަނޑުވެރިކަމުގެ މުހިންމު މަޝްރޫޢެއް ހިންގައިދޭނެ ކަމުގެ ޔަޤީންކަން އަޅުގަނޑު ދެން. އޭގެ ސަބަބުން އެތައް ރައްޔިތުންނަކަށް އާމްދަނީ އިތުރުވެގެންދާނެ. " ރައީސް ވިދާޅުވިއެވެ.
އަދި މިގޮތަށް ދެންހުރި ބިން ބޮޑެތި އަދި މިހާތަނަށްވެސް އެގްރިކަލްޗަރ، ދަނޑުވެރިކަމުގެ މަސައްކަތް ކުރަމުންދާ ރަށްތަކުގައިވެސް އެގްރިކަލްޗާ ދާއިރާއިން މުހިންމު އިންވެސްޓްމަންޓުތަކެއް ގެނައުމުގެ ވިސްނުން ގެންގުޅުއްވާކަން ރައީސް ފާހަގަކުރެއްވި އެވެ.