ކޮނޑޭ އިން ގޯއްޗަށް އެދުމުގު ފުރުސަތު ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހުޅުވައިފި
އައިޝަތު އިފާޝާ
2/4/2024, 5:57:34 AM
ގއ ކޮނޑޭ
ކޮނޑޭ އިން ގޯއްޗަށް އެދުމުގު ފުރުސަތު ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހުޅުވައިފިއެވެ.
ކޮނޑޭއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމަށް ނިންމާފައިވަނީ, އެރަށުގެ އިރު އުތުރުން ކޮނޑޭ ސްކޫލްގެ އިރުން ކަމަށް އެރަށު ކައުންސިލުން ކުރި އިއުލާނުގައި ބުނެފައިވެއެެވ. އެގޮތުން 3000 އަކަފޫޓުގެ 102 ބަންޑާރަ ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
ކޮނޑޭ ކައުންސިލުން ވިދާޅުވި ގޮތުގައި, މިބުރުގައި ދޫކުރުމަށް ހަމަޖެހިފައިވަނީ ކޮނޑޭގެ ރަށްވެހިންނަށް ޚާއްސަކުރެވިގެން ދޫކުރާ 51 ގޯއްޗާއި, ރަށުގެ ރަށްވެހިން ނޫން އެހެން ފަރާތްތަަކަށް ޚާއްސަކޮށްގެން ދޫކުރުމަށް ހަމަޖެހިފައިވާ 51 ގޯއްޗެވެ.
އެހެން ކަމުން ކޮނޑޭއިން ދޫކުރުމަށް ހަމަޖެހިފައިވާ ގޯތީގެ ތެރެއިން 51 ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތު ރާއްޖޭގެ އެންމެހައި ރައްޔިތުންނަށް މިހާރު ވަނީ ހުޅުވާލާފައެވެ.
ކޮނޑޭ އިން ގޯއްޗަށް އެދި ހުށަހަޅާ ފަރާތުގައި ހުންނަންޖެހޭ ޝަރުޠުތައް؛
- ދިވެހިރައްޔިތެއް ކަމުގައިވުން.
- ޢުމުރުން 18 އަހަރު ވެފައިވުން.( ގޯތި ދޫކުރަން ޢިއުލާނުކުރާ ތާރީޚާ ހަމަޔަށް 18 އަހަރު ވެފައިވުން)
- ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީ ވެފައިނެތުން.
- ބަންޑާރަ ނުވަތަ އަމިއްލަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަކަފޫޓަށްވުރެ ބޮޑުބައެއް ލިބިފައި ނެތުން، ނުވަތަލިބިފައިވާ ބަޔެއް ދިވެހިރާއްޖޭގެ ދިރިއުޅުމަށް ބަންޑާރަގޯތި ދޫކުރުމުގެ ގަވާޢިދު ގައިވާ ގޮތުގެ މަތިން ދޫކޮށްލުން. (ދޫކޮށްލާ ނަމަ ދޫކޮށްލާނެ ކަމުގެ އިގްރާރު ފޯމާއި އެކު ހުށަހަޅަންވާނެއެވެ.)
- ސަރުކާރުން ހަދާފައިވާ އިމާރާތެއް، ފްލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައި ނެތުން. އަދި މިފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ، ތަންދޫކޮށްލާ ނުވަތަ ވިއްކާފައިވާތާ 2 އަހަރު ދުވަހަށްވުރެ ގިނަ ދުވަސްވެފައިވުން.
- އެއްމެދު އިމާރާތެއްގެ ފުލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީވެފައި ނެތުން ނުވަތަ މިފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ، މިތަން ދޫކޮށްލާ ނުވަތަ ވިއްކާފައިވާތާ 2 އަހަރު ދުވަހަށް ވުރެ ގިނަ ދުވަސް ވެފައިވުން.
ހުށަހަޅަންޖެހޭ ލިޔުންތައް:
- ބަންޑާރަ ގޯއްޗަށް އެދި ހުށަހަޅާ ފޯމް.
- ގޯއްޗަށް އެދި ހުށަހަޅާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑް ކޮޕީ.
- ގޯއްޗަށް އެދި ހުށަހަޅާ ފަރާތުގެ ދަރިންނާއި، ބެލުމުގެ ދަށުގައިވާ 18 އަހަރުން ދަށުގެ ކުދިންގެ އައިޑީކާޑް ކޮޕީ (10 އަހަރުން ދަށުގެ ކުއްޖެނަމަ އައިޑީކާޑް ކޮޕީ، 10-18 އަހަރާއި ދެމެދު ނަމަ އައިޑީކާޑްގެ ކޮޕީއާއި، އުފަން ދުވަހުގެ ސެޓްފިކެޓްގެ ކޮޕީ)
- ކައިވެނި ކޮށްގެން އުޅޭ ފަރާތެއް ނަމަ ކައިވެނީގެ ސެޓްފިކެޓްގެ ކޮޕީ.
- އިނދެ ވަރިވެފައިވާ ފަރާތެއް ނަމަ ވަރީގެ ސެޓްފިކެޓް ކޮޕީ.
- ދާއިމީ ނުކުޅެދުންތެރިކަން ހުރި ފަރާތެއް ބަލަހައްޓާނަމަ އެކަން އެނގޭނެ ރަސްމީ ލިޔުން.
- ޞިއްޙީ ނުކުޅެދުންތެރިކަމެއްގެ ސަބަބުން ދަރިން ލިބުމުން މަޙްރޫމްވެފައިވުން ނުވަތަ މިފަދަ ކަމަކަށް ބޭސްކުރަމުންދާނަމަ (މިކަން ސާބިތުކުރަން މިކަން ބަޔާންކޮށް ޞިއްޙީ އިދާރާއަކުން ދޫކޮށްފައިވާ ލިޔުން ހުށަހަޅާފައިވާނަމަ)
އެހެންކަމުން، ކޮނޑޭއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ބޭނުންވާ ފަރާތްތަކުގެ ތެރެއިން ދެންނެވިފައިވާ ޝަރުތު ހަމަވާ ފަރާތަތަކުން 15 ފެބްރުވަރީ 2024 ވަނަ ދުވަހުގެ 14:00 ގެ ކުރިން ކޮނޑޭ ކައުންސިލް އިދާރާއަށް ވަޑައިގެން ނުވަތަ ކައުންސިލްގެ އީމެއިލް އަށް އީމެއިލް ކުރައްވައިގެން ފޯމާއި، އިޢުލާނާއި، ގޯތި ދޫކުރުމުގެ އުޞޫލުގައި ބަޔާން ކޮށްފައިވާ ލިޔެކިޔުންތައް ހުށަހެޅުއްވުމަށް އެކައުންސިލުން އެދިފައިވެއެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ރަސްމީ ގަޑީގައި މިއިދާރާގެ ނަންބަރ 6820019 ފޯނާއި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްވެސް އެކައުންސިލުން ވަނީ އެދިފައެވެ.
ހަވަރު ތިމަދޫ މީހާ
އަހަރެން ކުރިމަތިލާނަން ތިނަދޫއިން ދޫކުރާ ކޮންޑިޝަނަލް ގޯއްޗަށް އިންތިޒާރުކޮއްގެން ތިބުމަށްވުރެ ބޮލަށްވެސް ހިތަށްވެސް ފަސޭހަވާނެ. އަދިޔަސް ތެނަދޫ މޭރާ ކެޔަނުން ރަޓާ ދީލެކޮއްލައި ރަޓާ ފަޅެކޮއްލައި ނޫޔަންނާޔަ. ހިސާބެ އައްޓެއި ބިގަރެވެ ގޮފޮޅެ ވީމައި ރަޓާސް ފަޅެވެންނެއި