44.5 މިލިއަން ރުފިޔާގެ މަސްތުވާތަކެތި މަގުތަކަށް ދިޔަ ނުދީ ހުއްޓުވައިފިން - އިހްސާން
އަހުމަދު ޝުރާއު
2/18/2024, 4:14:12 PM
މިނިސްޓަރ އިހްސާން
ފާއިތުވި ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި 44.5 މިލިއަން ދިވެެހި ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙްސާން ވިދާޅުވެއްޖެ އެވެ
މިނިސްޓަރ އިހްސާން މިކަން ހާމަކުރެއްވީ ރައީސް މުއިއްޒު އައްޑޫއަށް ކުރައްވަމުން އަންނަ ދަތުރުފުޅުގެ ތެރެއިން މިހާރު ކުރިޔަށްދާ އައްޑޫ ސިޓީ ފޭދޫ އަދި ހިތަދޫ ރައްޔިތުންނާ ބައްދަލުކުރުމަށް ކުރިޔަށްދާ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން އިހްސާން ވިދާޅުވީ އެެމިނިސްޓްރީއިން އެންމެ އިސްކަމެއް ދެއްވައިގެން ކުރައްވާ އެއް މަސައްކަތަކީ ރައީސްގެ އިރުޝާދުފުޅާއި އެއްގޮތަށް ރާއްޖެއަށް ދިމާވެފައިވާ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ކުރިޔަށް ގެންދަމުންދާ މަސައްކަތްތައް ކަމަށެވެ. އެގޮތުން މި މަސައްކަތްތަކުގެ ތެރެއިން ފާއިތުވި ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި މާކެޓު އަގުން ނަމަ 44.5 މިލިއަން ދިވެހި ރުފިޔާގެ މަސްތުވާތަކެތި ރާއްޖޭގެ މަގުތަކަށް ދިޔަ ނުދީ ހުއްޓުވާފައިވާކަން އިހްސާން ހާމަކުރެއްވި އެވެ.
އިހްސާން އިތުރަށް ވިދާޅުވީ މިއީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ މަސްތުވާތަކެތީގެ މައްސަލައަށް ދެއްވާ އަހައްމިއްޔަތު ކަން ކަމަށާއިރައީސްގެ ސީދާ އިރުޝާދަކީ މިކަމަށް ކުރިޔަށް އޮތް 5 އަހަރު ދުވަހުގެ ތެރޭގައި ރާއްޖެއިން 100 ޕަސެންޓު އެއްކޮށް މަސްތުވާތަކެތީގެ ވަބާ ހުއްޓުވުން ކަމަށެވެ..
މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ކުދިން އަނބުރާ މުޖުތަމުއަށް ގެނައިމުގެ މަސައްކަތް ކުރަމުން އަންނަކަން ހާމަކުރައްވައި އިހްސާން ވިދާޅުވީ ވެރިކަމާއި ހަވާލުވި އިރު 700 އެއްހާ މީހުންނަށް ހުކުމް ކޮށް ފަރުވާނުދެވި ނުވަތަ ފަރުވާ ނުފެށި ތިބި ކަމަށެވެ. ނަމަވެސް މީގެ ތެރެއިން 300 އަށްވުރެ ގިނަ މީހުންގެ ފަރުވާ މިހާރު ފަށާފައިވާކަމަށާއި ބާކީ ތިބި މީހުންގެ ފަރުވާ ފެށުމަށް ދަނީ ތައްޔާރުވަމުން ކަން އިހްސާން ވިދާޅުވިއެވެ.
ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފައިވާކަން އިހްސާން ހަމަކުރެއްވި އިރު މި ކަމާއި ގުލޭޭ ތަފްސީލް އަދި މިހާތަނަށް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.