ގުޅިފަޅު ހިއްކުން މަޑުޖައްސާލަން ހައި ކޯޓުން އަމުރުކޮށްފި
އަލްފާ އަލީ
2/14/2024, 10:59:54 AM
ގުޅިފަޅު====
ކ. ގުޅިފަޅު ހިއްކުމުގެ މަޝްރޫއު މަޑުޖައްސާލަން ހައި ކޯޓުން މިއަދު އަމުރު ނެރެފިއެވެ.
ގުޅިފަޅު ހިއްކާތީ އެ ސަރަހައްދާއި އެ ސަރަހައްދު ވަށައިގެންވާ ތަންތަނުގެ ތިމާވެއްޓަށް އިއާދަނުކުރެވޭނެ ވަރުގެ ގެއްލުމެއް ލިބޭނެ ކަމަށް ބުނެ އެ މައްސަލަ ކޯޓަށް ހުށަހެޅީ އާއްމު ރައްޔިތެކެވެ.
މި މައްސަލަ އެންމެ ފުރަތަމަ ހުށަހަޅާފައިވަނީ ސިވިލް ކޯޓަށެވެ. ނަމަވެސް އެކޯޓުން ނިންމާފައިވަނީ އެ މަޝްރޫއު މަޑުޖައްސާލަންޖެހޭ ފަދަ އަމުރެއް އެ ކޯޓަށް ނެރެދެވެން ނެތް ކަމަށެވެ.
އެ މައްސަލަ ހައި ކޯޓަށް ހުށަހެޅުމުން އެ ކޯޓުން އަމުރުކޮށްފައި ވަނީ ސިވިލް ކޯޓުން މައްސަލަ ނިމެންދެން އެ މަޝްރޫއުގެ ހުރިހާ މަސައްކަތެއް ހުއްޓާލަން އަންގާ ކަމަށެވެ.
ހައި ކޯޓުގެ ހުކުމްގައި ބުނީ އެ މައްސަލާގައި ވަގުތީ އަމުރެއް ނުނެރެފިނަމަ ތިމާވެށި ހަލާކުވުމުގެ ސަބަބުން މައްސަލަ ހުށަހެޅި ފަރާތާއި އާންމުންނާއި އަންނަން އޮތް ޖީލުތަކަށް އިއާދަ ނުކުރެވޭނެ ގެއްލުންތަކެއް ލިބިދާނެ ކަމަށެވެ. މަޝްރޫއު ހުއްޓާލުމުގެ ސަބަބުން ދައުލަތަށް ލިބޭނެ ކަމަށް ބެލެވޭ މާލީ ގެއްލުންތަކަށް ވުރެ މަޝްރޫއު މެދުނުކެނޑި ކުރިއަށް ގެންގޮސްގެން ލިބޭ ގެއްލުން މާ ބޮޑުވާނެ ކަމަށް ވެސް ހުކުމުގައިވެއެވެ.