ޗެންޕިއަން ބަޔާން މިއުނިކް ބަލިކޮށް، އެއްވަނާގައި ލެވަކޫސަން އިން ފަސް ޕޮއިންޓްގެ ލީޑެއް ނަގައިފި
ހަސަން ޝަމްއޫން
2/11/2024, 2:00:00 AM
ލެވަކޫސަންގެ ކުޅުންތެރިން ބަޔާން މިއުނިކް ކޮޅަށް ލަނޑުޖެހުމަށް ފަހު އުފާފާޅުކުރަނީ
ޖަރުމަނު ބުންޑަސްލީގާގައި ހޮނިހިރު ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ޗެންޕިއަން ބަޔާން މިއުނިކާއި ދެކޮޅަށް ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ބަޔާން ލެވަކޫސަން އިން ލީގު ތާވަލުގެ އެއްވަނައިގައި ފަސް ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.
މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު ލެވަކޫސަން އިން މެޗުގެ ލީޑު ހޯދީ ފުރަތަމަ ހާފުގެ 18 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކްރޮއޭޝިޔާގެ ޑިފެންޑަރު ޖޮސިޕް ސްޓެނިސިކް އެވެ. މިއީ އެޓީމުގެ ޖަރުމަނު މިޑްފީލްޑަރު ރޮބަޓް އެންޑްރިޗް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
މިގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ލެވަކޫސަން ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފު ފެށިގެން ފަސްވަނަ މިނެޓްގައި ލެވަކޫސަން އިން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސްޕެނިޝް ޑިފެންޑަރު އަލްޖެންޑްރޯ ގްރިމަލްޑޯ އެވެ. މިއީ އެޓީމުގެ ނައިޖީރިއާ މިޑްފީލްޑަރު ނޭތަން ޓެލާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
މިމެޗުގައި ލެވަކޫސަންގެ ތިންވަނަ ލަނޑު ދެވަނަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ނެދަލޭންޑްސް ޑިފެންޑަރު ޖެރެމީ ފްރިމްޕޮންގް އެވެ. މިއީ އެޓީމުން އުފެއްދި ކައުންޓާ އެޓޭކެއްގައި އެޓީމުގެ ޑިފެންޑަރު އެޑްމަންޑް ޓަޕްސޯބާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-0 ގެ ނަތީޖާއަކުން ލެވަކޫސަން ކުރީގައި އޮވެގެންނެވެ. އަދި މިއީ މިސީޒަނުގައި އެޓީމުން ބަލިނުވެ ފުރިހަމަކުރި 31 ވަނަ މެޗެވެ.
މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 21 މެޗުން ލެވަކޫސަން އަށް 55 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ އެއްވަނައިގައެވެ. އަދި މިމެޗުން ބަލިވި އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކުން ލީގުގައި ކުޅުނު 21 މެޗުން ލިބުނު 50 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ ދެވަނައިގައެވެ.