logoEN
cocacola
ބެލިންހަމްގެ ދެ ލަނޑާއެކު އަމިއްލަ ދަނޑުގައި ޖިރޯނާ އަތުން ރެއާލް މެޑްރިޑަށް ފަސޭހަ މޮޅެއް

ބެލިންހަމްގެ ދެ ލަނޑާއެކު އަމިއްލަ ދަނޑުގައި ޖިރޯނާ އަތުން ރެއާލް މެޑްރިޑަށް ފަސޭހަ މޮޅެއް

ހަސަން ޝަމްއޫން

logo

2/11/2024, 1:30:00 AM

# ރެއާލް މެޑްރިޑް# ބޭރު ދުނިޔޭގެ ކުޅިވަރު# ލަލީގާ# ޖިރޯނާ

ބެލިންހަމް ޖިރޯނާ ކޮޅަށް ލަނޑުޖެހުމަށް ފަހު އުފާފާޅުކުރަނީ

ސްޕެނިޝް ލަލީގާގައި ހޮނިހިރު ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ޖިރޯނާ އާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއި އެކު 4-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ރެއާލް މެޑްރިޑުން ލީގު ތާވަލުގެ ކުރީގައި ފަސް ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.

ގޮސިޔާ

މިއީ މިސީޒަނުގައި އާދަޔާ ޚިލާފް މޮޅު ކުޅުމެއް ދައްކަމުން އަންނަ ޖިރޯނާ އިން ލީގުގައި ކުޅުނު 24 މެޗުގެ ތެރެއިިން އެޓީމު ބަލިވި ދެވަނަ މެޗެވެ. މީގެ ކުރިން އެޓީމު ބަލިވެފައިވަނީ ލީގުގައި އަމިއްލަ ދަނޑުގައި ރެއާލް މެޑްރިޑް އަތުން 3-0 ގެ ނަތީޖާއަކުން ބަލިވި މެޗު އެކަންޏެވެ.

މެޗުގެ ފުރަތަަމަ ހާފުގައި ރެއާލް މެޑްރިޑުން ދެ ލަނޑުގެ ލީޑެއް ނެގިއިރު އެޓީމުގެ ފުރަތަމަ ލަނޑު މެޗު ފެށިގެން ހަވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ފޯވާޑް ވިނީޝިއަސް ޖޫނިއަރ އެވެ. މިއީ އެޓީމުގެ އުރުގުއާއީ މިޑްފީލްޑަރު ފެޑްރިކޯ ވަލްވޭޑޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖިރޯނާގެ ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ރެއާލްގެ ދެވަނަ ލަނޑު ފުރަތަމަ ހާފުގެ 35 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އިގިރޭސި މިޑްފީލްޑަރު ބެލިންހަމް އެވެ. މިއީ ވިނީޝިއަސް ޖޫނިއަރ ތަނަވަސްކޮށްދިން ފުރުސަތެއްގައި ބޯޅައާއެކު ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ ކީޕަރު ކައިރިން ނައްޓާލުމަށް ފަހު ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ރެއާލް މެޑްރިޑުން އިތުރު ދެ ލަނޑު ކާމިޔާބުކުރި އިރު، މިމެޗުގައި އެޓީމުން ކާމިޔާބުކުރި ތިންވަނަ ލަނޑު ދެވަނަ ހާފުގެ 54 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ވެސް ބެލިންހަމް އެވެ. މިއީ މިސީޒަނުގައި ލީގުގައި ކުޅުނު 21 މެޗުގައި އޭނާ ކާމިޔާބުކުރި 16 ވަނަ ލަނޑެވެ.

ރެއާލްގެ ހަތަރުވަނަ ލަނޑު ދެވަނަ ހާފުގެ 61 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ފޯވާޑް ރޮޑްރީގޯ އެވެ. މިއީ ވިނީޝިއަސް ޖޫނިއަރ ތަނަވަސްކޮށްދިން ފުރުސަތެއްގައި ބޯޅައާއެކު ޖިރޯނާގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ ކުރިއަށް ފޮނުވާލި ބޯޅަ ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މީގެއިތުރުން ވެސް މެޗުގެ އެންމެ ފަހު މިނެޓްގައި ޖިރޯނާގެ ޕެނަލްޓީ އޭރިއާ ތެެރެއިން އެޓީމުގެ ކުޅުންތެރިއަކު ކުރި ފައުލަކާއި ގުޅިގެން ރެފްރީ ވަނީ ރެއާލް މެޑްރިޑަށް ޕެނަލްޓީއެއް ވެސް ދީފައެވެ. ނަމަވެސް އެޓީމު ތަޖުރިބާކާރު ފޯވާޑް ހޯސެލޫ ކުރިއަށް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 4-0 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ކުރީގައި އޮވެގެންނެވެ. އަދި މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 24 މެޗުން ރެއާލް މެޑްރިޑަށް 61 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ އެއްވަނައިގައެވެ. އަދި މިމެޗުން ބަލިވި ޖިރޯނާ އިން ލީގުގައި ކުޅުނު 24 މެޗުން ލިބުނު 56 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ ދެވަނައިގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ