ފްލެޓް ލިބުނު 60 ޕަސެންޓް މީހުން ޝަރުތު ހަމަނުވޭ - އޭސީސީ
އަލްފާ އަލީ
2/5/2024, 9:51:40 AM
އަމާން އުދަރެސް ފްލެޓްތައް ---
ގެދޮރުވެރިޔާ ސްކީމްގެ ދަށުން މިދިޔަ ސަރުކާރުން ދޫކުރި 4،000 ފުލެޓު ލިބުނު މީހުންގެ ތެރެއިން 59.6 އިންސައްތަ މީހުންގެ ޝަރުތު ހަމަނުވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން މިއަދު ބުނެފިއެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ކުރީ ސަރުކާރުން ފުރަތަމަ ދޭން ނިންމި 4000 ފްލެޓު ލިބޭ މީހުންގެ ލިސްޓު އާއްމު ކުރުމުން ގިނަ ޝަކުވާތަކެއް ހައުސިންގ މިނިސްޓްރީ އާއި އޭސީސީއަށް ވެސް ވަނީ ހުށަހަޅާފައެވެ. އޭސީސީއަށް ހުށަހެޅި މައްސަލަތަކާ ގުޅިގެން އެ ކޮމިޝަނުން ވަނީ ފްލެޓުތައް ހަވާލުކުރުމުގެ މަސައްކަތް މަޑުޖައްސާލަން އަންގައި އެ މައްސަލަ ތަހުގީގުކޮށްފައެވެ.
އެކޮމިޝަނުން ވިދާޅުވީ ފްލެޓަށް އެދި ހުށަހަޅާފައިވާ ފޯމުތަކުގެ ތެރެއިން އެއްވެސް މައްސަލައެއް ނެތި ޝަރުތު ހަމަވެފައިވަނި 20.7 ޕަސެންޓް ފޯމް ކަމަށާއި 19.7 ޕަސެންޓު މީހުންނަކީ ޝަރުތު ހަމަވިނަމަވެސް މައްސަލަތައް ހުރި ފޯމު ކަމަށެވެ.
މި މައްސަލައާ ގުޅިގެން ތަހުގީގަށް ފާހަގަކުރެވުނު ކަންކަމުގެ ތެރޭގައި ޕޮއިންޓް ދިނުމުގައި އިތުރަށް ޕޮއިންޓް ދީފައިވާކަން ފާހަގަކުރެވިފައިވާ ކަމަށާއި ގިނަ ފަރާތްތަކުން ހުށަހަޅާފައިވާ ފޯމުތަކުގައި މައުލޫމާތު ފުށުއަރާ ކަމަށް އޭސީސީން ވިދާޅުވިއެވެ. އެގޮތުން، ބައެއް ފަރާތްތަކުން މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާކަން ސާބިތުވާ ވަރަށް ލިޔެކިޔުން ހުށަހަޅާފައި ނުވާކަމަށް އެކޮމިޝަނުން ވަނީ ފާހަގަކޮށްފައެވެ.
ޝަރުތު ފުރިހަމަ ނުވާ ކަމަށް ކަޑައެޅުމުގައާއި ޕޮއިންޓް ދިނުމުގައި އެއް ހަމައަކުން އަމަލުކޮށްފައި ނުވާކަން ފަހަގަކުރެވިފައިވާ ކަމަށް އޭސީސީން ވަނީ ބުނެފައެވެ. އެގޮތުން، ދައުލަތުގެ އިދާރާތަކުންނާއި ހުށަހަޅާފައިވާ މައުލޫމާތުން ވެސް ބައެއް ކެޓަގަރީތަކުން ޕޮއިންޓް ނުލިބޭއިރުވެސް އެ ކެޓަގަރީތަކުން ޕޮއިންޓް ދީފައިވާކަން އޭސީސީން ވަނީ ފާހަގަކޮށްފައެވެ.
ތަހުގީގަށް ފާހަގަކުރެވުނު ކަންކަމާ ގުޅިގެން ގިނަ ފަރާތްތަކުގެ ޙައްގު ގެއްލުމުގެ އިހުތިމާލު އޮތްކަން ފާހަގަކުރެވިފައިވާ ކަމަށް އޭސީސީން ވިދާޅުވިއެވެ.
މި މައްސަލަ ތަހުގީގަަށްފަހު އޭސީސީން މިހާރުވަނީ، ގެދޮރުވެރިކަމާއި ބިމާއީ އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއަށް ފްލެޓް ދޫކުރުން ހުއްޓުވުމަށް ނެރުނު އަމުރު ބާތިލުކޮށް، އަލުން ފްލެޓްތައް ދޫކުރުމުގައި ބައެއް ކަންކަމަށް ރިއާޔަތްކުރުމަށް ލަފާދެއްވާފައެވެ.