ރާއްޖޭގައި އެއާ ކާގޯއާ ބެހޭ ގައުމީ ދިރާސާއެއް ހަދަނީ
އަހުމަދު ޝުރާއު
2/1/2024, 11:40:19 AM
އެމްއެންޔޫއާއި ރީޖަނަލް އެއާޕޯޓްސް އާއި ދެމެދު މިއަދު ވެވުނު އެއްބަސްވުން: ފޮޓޯ | މިހާރު ނޫސް
ރާއްޖޭގައި އެއާ ކާގޯއާ ބެހޭ ގައުމީ ދިރާސާއެއް ހެދުމަށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރުއޭސީއެލް)އިން ގައުމީ ޔުނިވާސިޓީއާ އެކު އެއްބަސްވުމެއް ތައްޔާރުކޮށް ސޮއިކޮށްފި އެވެ.
މިއަދު އޮތް ޚާއްސަ ރަސްމިއްޔާތެއްގައި އާރުއޭސީއެލްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީންއެވެ. އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ އެ ކޮލެޖުގެ ޗާންސެލަރު ޑރ. އައިޝަތު ޝެހެނާޒް އަހުމަދެވެ.
މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އާރްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު މުބީން ވިދާޅުވީ މި ފަދަ ދިރާސާއެއް ކުރަން ނިންމީ އެ ކުންފުނީގެ ހިދުމަތްތައް ފުޅާކުރެވެން ހުރި ދާއިރާތައް ދެނެގަނެ، އެ ދާއިރާތަކުން ހިދުމަތްތައް ފުޅާކުރުމަށް ކަމަށެވެ. އަދި ރާއްޖެ އަކީ ޖަޒީރާ ގައުމަކަށް ވާތީ، ރާއްޖޭގައި ބޭހާއި ކޮންޒިއުމާ ގުޑްސް ފޯރުކޮށްދިނުމުގައި ދިމާވަމުންދާ ދަތިތައް ދެނެގަތުމުގެ މުހިންމުކަން ބޮޑު ކަމުން ކަމަށް އޭނާ ވިދާޅުވި އެވެ.
މުބީން ވިދާޅުވި ގޮތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޓޫރިޒަމް ތަރައްގީވެ ފުޅާވަމުންދާއިރު، މި ފަދަ ހިދުމަތްތައް ފަސޭހައިން ފޯރުކޮށްދޭން ޖެހެ އެވެ.
މި ދިރާސާއާއި ގުޅޭގޮތުން އެމްއެންޔޫގެ ޑެޕިއުޓީ ޗާންސެލަރު ޑރ. އައިޝަތު ޝެހެނާޒް އަހުމަދު ވިދާޅުވީ އެއާ ކާގޯ އަކީ ރާއްޖޭގެ އިގުތިސާދީ ހުރިހާ ދާއިރާއަކަށް މުހިންމު ހިދުމަތަކަށް ވާއިރު، މި ދިރާސާއިން އެ ހިދުމަތް ފޯރުކޮށްދިނުމުގައި ހުރި ދަތިތައް ދެނެގަނެވޭނެ ކަމަށާއި ރާއްޖޭގައި ކާގޯ ރައްކާކުރެވެން ހުރި ފެސިލިޓީތަކާއި އެ ތަންތަނުގެ ކެޕޭސިޓީ އާއި އެއާކާގޯއިން ގެންދާ ކާބޯތަކެތި ރައްކާތެރިކަމާއި އެކު ސްޓޯކުރެވޭނެ އިންތިޒާމުތައް ހުރިތޯ ވެސް ދެނެގަނެވޭނެ ކަމަށެވެ.
މި ދިރާސާ ކުރިޔަށް ގެންދިޔުމަށް ނިންމާފައިވަނީ މުޅި ރާއްޖޭގައެވެ. ސާވޭގެ އިތުރުން އާއްމުންނާ އިންޓަވިއުކޮށްގެން މި ދިރާސާ ރާއްޖޭގެ ހުރިހާ އަތޮޅުތަކެއްގައި ކުރިއަށް ގެންދަން ވަނީ ހަމަޖައްސައިފަ އެވެ.