ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބުނު މީހުންނަށް ރެޖިސްޓަރީ ދޫކުރަން ފަށައިފި
އަހުމަދު ޝުރާއު
2/1/2024, 11:22:02 AM
ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެއިން ގޯތި ދޫކުރާ ސަރަހައްދު
ކުރީ ސަރުކާރުން މާލޭގެ ރަށްވެހިންނަށް ޚާއްސަ ކޮށްގެން ކުރިޔަށް ގެންދިޔަ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބުނު މީހުންގެ ތެރެއިން ވެރިކަން ނިމުމާއި ހަމައަށް ރެޖިސްޓްރީ ހަވާލު ނުކުރެވި ފަރާތްތަކަށް ގޯތީގެ ރަޖިސްޓަރީ ދޫކުރަން ކުރަން ފަށައިފިއެވެ.
ހައުސިން މިނިސްޓްރީން މިއަދު ވިދާޅުވީ، ގޯތި ލިބޭ ފަރާތްތަކަށް މިއަދު ހެނދުނު 10:00 އިން ފެށިގެން ރެޖިސްޓްރީ ހަވާލު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
އެގޮތުން ބިން ލިބޭ ފަރާތްތަކަށް 4004994 އަދި 4004797 ނަންބަރުން ގުޅާނެ ކަމަށް ވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.
ކުރީ ސަރުކާރުން ކުރިއަށް ގެންދިޔަ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން މާލެއިން 9101 މީހަކަށް ވަނީ ގޯތި ލިބިފައެވެ. ނަމަވެސް މިހާތަނަށް އައިރުވެސް ގޯތީގެ ރަޖިސްޓްރީއައި ބިން ހަވާލުކޮށްފައި ނުވާ 1114 މީހުން ތިބި އިރު މިއަދު ފަށާފައިވަނީ އެފަރާތްތަކަށް ރަޖިސްޓްރި ހަވާލުކުރުމުގެ މަސައްކަތެވެ.
ބިންވެރިޔާ ސްކީމްގައި ގޯތި ދޫކުރަނީ، ހުޅުމާލެ، ގުޅިފަޅު އަދި ގިރާވަރުފަޅުންނެވެ. އެގޮތުން ހުޅުމާލެއިން 1351 ގޯތި، ގުޅީފަޅުން 2218 ބިން އަދި ގިރާވަރު ފަޅުން 5432 ގޯތި ދޫކުރުމަށް އޮތީ ނިންމާފައެވެ. ގޯތި ދޫކުރުމަށްޓަކައި އެތަންތަން ހިއްކުމުގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނައިރު ހުޅުމާލެއިން ގޯތި ލިބުނު މީޙުންގެ ބިން ހަވާލުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.