logoEN
cocacola
މަޖިލިސް އިންތިޚާބުގައި 608 ވޯޓު ފޮށި ބަހައްޓާނެ

މަޖިލިސް އިންތިޚާބުގައި 608 ވޯޓު ފޮށި ބަހައްޓާނެ

އައިޝަތު އިފާޝާ

logo

2/1/2024, 8:28:41 AM

# މަޖިލިސް އިންތިޚާބު

އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުންތަކެއް ވޯޓުލާ މަރުކަޒެއްގައި ހަރަކާތްތެރިވަނީ

އަންނަ މާޗު މަހު ބާއްވާ ރައްޔިތުން މަޖިލިސް އިންތިޚާބުގައި 608 ވޯޓު ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ނިންމަވައިފިއެވެ.

ގޮސިޔާ

އިލެކްޝަންސް ކޮމިޝަނުން ވަނީ މަޖިލިސް އިންތިޚާބު ރަމަޟާން މަހާ ދިމާވާތީ ވޯޓުލުމުގެ ކަންކަން ފަސޭހައިން ކުރިއަށްގެންދިއުމަށް ވޯޓުފޮށީގެ އަދަދު އިތުރު ކުރައްވާނެ ކަމަށް ކުރިން ވިދާޅުވެފައެވެ. ވޯޓު ފޮށިތަކުގެ އަދަދު އިތުރު ކުރުމުގެ ގޮތުން ބަލާފައިވާނީ ވޯޓުފޮށްޓަކަށް ގިނަވެގެން 600 މީހުން ވޯޓުލާގޮތް ކަމަށް އެ ކޮމިޝަނުން ވިދާޅުވިއެވެ.

މަޖިލިސް އިންތިޚާބުގައި ރާއްޖޭގައި 608 ވޯޓުފޮށި ބަހައްޓާއިރު މާލެ ސަރަހައްދުގައި 240 ވޯޓު ފޮށި ބަހައްޓާނެއެވެ. އެއީ މާލޭގައި 181 ފޮށި، ހުޅުމާލޭގައި 50 ފޮށި އަދި ވިލިމާލޭގައި 9 ވޯޓު ފޮށްޓެވެ.

މި އިންތިޚާބުގައި އަތޮޅުތަކުގައި 319 ވޯޓު ފޮށި ބަހައްޓާނެއެވެ. ރާއްޖޭން ބޭރުގެ ހަ ޤައުމެއްގައި ހަ ވޯޓިފޮށި ބަހައްޓަން ނިންމަވާފައިވާއިރު ރިސޯޓުތަކުގައި 37 ވޯޓު ފޮށި ޖަލުތަކުގައި 5 ވޯޓު ފޮށި އަދި ސިނާއީ ސަރަހައްދުތަކުގައި އެއް ވޯޓު ފޮށި ބެހެއްޓުމަށް ވެސް އިލެކްޝްސް އިން ވަނީ ނިންމަވާފައެވެ.

ބޭރު ޤައުމުތަކާއި ރިސޯޓުތަކުގައި ވޯޓުފޮށިތައް ބަހައްޓާގޮތަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވާފައިވީ ނަމަވެސް ރީ-ރަޖިސްޓްރޭޝަންގެ މުއްދަތު ހަމަވުމުން އެ އަދަދަށް ބަދަލު ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެ ކޮމިޝަނުން ވިދާޅުވެއެވެ. އެގޮތުން، ރިސޯޓުތަކުގައި ވޯޓު ފޮށި ބެހެއްޓުމަށް ނިންމާފައިވަނީ އެ ރިސޯޓަކަށް މަދުވެގެން 30 މީހުން ވޯޓުލުމަށް ރީ- ރަޖިސްޓްރީ ކުރާނަމައެވެ. އަދި ބޭރު ޤައުމުތަކުގައި ވޯޓު ފޮށި ބަހައްޓާނީ އެ ޤައުމަކަށް މަދުވެގެން 150 މީހުން ވޯޓުލާން ރަޖިސްޓްރީ ކުރާނަމައެވެ.

ރީ-ރަޖިސްޓްރޭޝަންގެ ފުރުސަތުވެސް އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ހުޅުވާލައިފައެވެ. އޮންލައިންކޮށް ރީ-ރަޖިސްޓްރީވުމުގެ މުއްދަތު ހުޅުވާލާފައިވަނީ މި މަހުގެ 7 ވަނަ ދުވަހުގެ ހަވީރު 4:00 އާހަމައަށެވެ. މިމުއްދަތުގެ ތެރޭގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރަޖިސްޓަރީ ވެފައިވާ ރަށް ނޫން އެހެން ތަނަކަށް ނުވަތަ ރަށަކަށް ރަޖިސްޓަރީވާން އެދޭ ފަރާތްތަކުން އެކަންޏެވެ. ރިސޯޓު، ސިނާއި، ރާއްޖޭން ބޭރު އަދި ޖަލުތަކުގައި ރަޖިސްޓަރީ ވެފައިވާ މީހުން މިހާރު ވާނީ އެމީހެއްގެ ދާއިމީ އެޑްރެހަށް ބަދަލުކުރެވިފައިކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ މަޖިލިސް އިންތިޚާބުގައި އޮބްޒާވާރުންނާއި މޮނިޓަރުންނަށް ވުމަށް އެދޭ ފަރާތްތަކަށް އެ ފުރުސަތު ވެސް މިހާރު ހުޅުވާލާފައެވެ. އެގޮތުން، އިންތިޚާބު އޮބްޒާވް ކުރަން ބޭނުންވާ ފަރާތްތަކަށާއި މޮނިޓަރުންނަށް މި މަހުގެ 19 ވަނަ ދުވަހުގެ މެންދުރު 15:00 އާ ހަމައަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ. މޮނިޓަރުންނަށް ވެވޭނީ ޓީވީއާއި ރޭޑިއޯ އަދި ނޫސް މަޖައްލާތަކުގައި މަސައްކަތް ކުރާ ފަރާތްތަކަށެވެ.

ރައްޔިތުންގެ މަޖިލިސް އިންތިޚާބާ ގުޅިގެން ޝަކުވާ ހުށަހެޅުމަށް އިލެކްޝަންސް އިން ވަނީ "ޤައުމީ ކޮމްޕްލެއިންޓްސް ބިއުރޯ" ވެސް ގާއިމުކުރައްވާފައެވެ. ދަރުބާރުގޭގައި ހުންނަ އިންތިޚާބާބެހޭ މަރުކަޒުގައި ގާއިމުކުރި މި ބިއުރޯ އިން ޝަކުވާ ބަލައިގަންނާނެއެވެ.

ޤައުމީ ކޮމްޕްލެއިންޓްސް ބިއުރޯ ހުޅުވާފައި ހުންނާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން މެންދުރުފަހު 15:00 އަށް އަދި ހުކުރު ދުވަހު މެންދުރުފަހު 14:00 އިން ހަވީރު 17:00 އަށެވެ. ރަމަޟާން މަހުގައި އެ ބިއުރޯ ހުޅުވިފައި ހުންނާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު 10:00 އިން 13:00 އަށް އަދި ހުކުރު ދުވަހު މެންދުރުފަހު 14:00 އިން 16:00 އަށެވެ.

20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބު ބޭއްވުމަށް ނިންމާފައިވަނީ އަންނަ މާޗު މަހުގެ 17ވާ އާދީއްތަ ދުވަހުއެވެ. އެ އިންތިޚާބުގައި އަލަށް 18 އަހަރު ފުރޭ މީހުންނާއެކު ޖުމްލަ 284،327 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބިފައިވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ