
މަޑަވެލީގައި ބޭއްވި ރެސްކިއު ޑައިވަރ ކޯސް 8 ފަޅުވެރިއަކު ފުރިހަމަކޮށްފި
# ރެސްކިއު ޑައިވަރުން ތަމްރީން ކުރުންމަޑަވެލީގައި ބޭއްވި ރެސްކިއު ޑައިވަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމް ފުރިހަމަކުރި ބައިވެރިންނާއި އެރަށު ކައުންސިލް މެންބަރުން
ދޮށީގެ މަސްވެރިންކަން ކުރާ ކޮންމެ އުޅަނދެއްގައި ރެސްކިއު ޑައިވަރަކު ބެހެއްޓުމަށް ކުރިއަށްގެންދާ ރެސްކިއު ޑައިވަރުން ތަމްރީން ޕްރޮގްރާމް 8 މީހަކު ފުރިހަމަކޮށްފިއެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ރެސްކިއު ޑައިވަރ ފެންވަރަށް ފަޅުވެރިން ތަމްރީނު ކުރުމުގެ ޕްރޮގުރާމު ފުރިހަމަކުރީ ގދ. މަޑަވެލީގެ 8 ދޯނިން، ކޮންމެ ދޯންޏަކުން ފަޅުވެރިއެކެވެ.
ކޯސް ފުރިހަމަކުރި ބައިވެރިން:
- ފާރިޝް މުޙައްމަދު / ޓީއެސްލައިން
- އަޝްރަޤު ފަހީމް / އަލިމަސް
- ފަރީން މުޙައްމަދު / ކަނޑުވާލި
- އަޙްމަދު އަބްދުٱللَّٰه / ކަމަނަ
- އަޙްމަދު އާދަމް / ހަމަތި
- މަރްޒޫގު އަބްދުٱللَّٰه / މުރިނގު
- އަބްދުٱللَّٰه ހަސަން / ސީވޯލްޑް
- މުޙައްމަދު އަބްދުٱللَّٰه / ރަސްއަލި
ރެސްކިއު ޑައިވަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމް އިފްތިތާހް ކުރީ ގދ.މަޑަވެލީގައެވެ. މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ މިޕްރޮގްރާމް ގއ.ވިލިނގިލީގައި ކުރިއަށްދާ ކަމަށާއި، މިހަފްތާތެރޭގައި ގއ.ކޮލަމާފުށީގައިވެސް މިޕްރޮގްރާމް ފެށޭނެ ކަމަށެވެ. އަދި އަންނަ ހަފްތާ ތެރޭގައި ސ.މަރަދޫއާއި، ގއ.ދާންދޫއާއި ގއ.ނިލަންދޫގައިވެސް މިޕްރޮގްރާމް ފެށޭނެކަމަށެވެ.
މަސްވެރި ކޮންމެ އުޅަނދެއްގައި ތަމްރީން ލިބިފައިވާ ރެސްކިއު ޑައިވަރަކު ބެހެއްޓުމުގެ ބޭނުމަކީ ފުޅިއަޅައިގެން އަޑިއަށް ފީނުމުގެ ތެރޭގައި ދިމާވާ ހާދިސާތަކުގައި ފުރާނަ ސަލާމަތް ކުރުން ކަމަށް ސަރުކާރުން ވިދާޅުވެއެވެ. މި ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި 50 މަސްވެރިއަކު ތަމްރީން ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމްގައި ތަމްރީން ދެނީ ރާއްޖޭގައި ޑައިވް އިސްޓްރަކްޓަރ ކޯސް ހަދާފައި ތިބި ފަންނީ ފަރާތްތަކެވެ.
މަސްވެރިންނަށް ދިމާވާ ދަތިތަކާއި ގޮންޖެހުންތަކުން އަރައިގަތުމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން، ރާއްޖޭގައި މަސްވެރިކަންކުރާ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލުމަށްޓަކައި ދަފްތަރުގެ އެޕްލިކޭޝަން ޑިޒައިން ކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.
މަސްވެރިކަން ކުރާ ކޮންމެ އޮޑިޔަކުން މަދުވެގެން އެއް ފަޅުވެރިޔަކު، 'ރެސްކިއު ޑައިވަރ' ފެންވަރުގެ ސަނަދެއް ހާސިލުކޮށްފައިވާ ފަރާތަކަށް ހެދުމަށްޓަކައި، ޚާއްސަ ތަމްރީނު ޕްރޮގްރާމެއްގެ ފުރުސަތު ފަހިކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާގެ ހަފްތާ 14 މަގު ޗާޓުގައިވެސް ހިމަނާފައިވާ ކަމަށެވެ.