![ޓެންޓް ބަލިކޮށް ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ނިއުރޭޑިއަންޓް ކުއާޓާ ފައިނަލަށް](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F1%2FFB_IMG_1706541215525.jpg&w=3840&q=75)
ޓެންޓް ބަލިކޮށް ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ނިއުރޭޑިއަންޓް ކުއާޓާ ފައިނަލަށް
# ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު # ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތްނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ކުޅުންތެރިން ލަނޑުޖެހުމަށް ފަހު އުފާފާޅުކުރަނީ
އެމްޕީއެލް ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ބީގައި މިއަދު ހަވީރު 3-1 ގެ ނަތީޖާއަކުން ޓެންޓް ބަލިކޮށް ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން މުބާރަާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.
![Wamco](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F12%2Fcommercial-300%C3%83%C2%97300.gif&w=3840&q=75)
މެޗަށް ނުކުތްއިރު ވެސް މިދެޓީމަށް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ކަށަވަރުވެފައިވާއިރު، މެޗުގެ ވަރަށް ކުރީކޮޅު ނިއުރޭޑިއަންޓުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ގާނާގެ ފޯވާޑް ކޯފީ އެވެ. ނަމަވެސް އޭގެ ދެމިނެޓު ޓެންޓުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަހުމަދު ރިލްވާން އެވެ.
ނިއުރޭޑިއަންޓުން ދެވަނަ ފަހަރަށް މެޗުގެ ލީޑު ހޯދީ ފުރަތަމަ ހާފުގެ 16 ވަނަ މިނެޓުގައެވެ. އަދި އެޓީމުގެ މިލަނޑު ވެސް ކާމިޔާބުކޮށްދިނީ ކޯފީ އެވެ. މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ނިއުރޭޑިއަންޓް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ނިއުރޭޑިއަންޓުން ކާމިޔާބުކުރި ތިންވަނަ ލަނޑު ދެވަނަ ހާފުގެ 84 ވަނަ މިނެޓުގައި ކާމިޔާބުކޮށްދީ ކޯފީ ވަނީ މިމެޗުގައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-1 ގެ ނަތީޖާއަކުން ނިއުރޭޑިއަންޓް ކުރީގައި އޮވެގެންނެވެ. އަދި މިމެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ނިއުރޭޑިއަންޓްގެ ގާނާ ފޯވާޑް ކޯފީ އެވެ.
މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ނިއުރޭޑިއަންޓުން ގުރޫޕް ސްޓޭޖު ނިންމާލީ ހަތަރު މެޗުން 12 ޕޮއިންޓް ހަމަކޮށް ގުރޫޕްގެ އެއްވަނައިގައެވެ. އަދި މިމެޗުން ބަލިވި ޓެންޓުން ކުއާޓާ ފައިނަލުން ޖާގަ ހޯދީ ހަތަރު މެޗުން ލިބުނު 9 ޕޮއިންޓާއެކު ގްރޫޕް ބީގެ ދެވަނަ ޓީމުގެ ގޮތުގައެވެ.