ސީރިޔާއިން ދިން ހަމަލާއެއްގައި އެމެރިކާ ސިފައިންގެ ތިން މީހުން މަރާލައި, 34 ސިފައިން ޒަޚަމްކޮށްލައިފި
އައިޝަތު އިފާޝާ
1/29/2024, 4:50:48 AM
އުރުދުންގައި ހުންނަ އެމެރިކާ ސިފައިންގެ އަސްކަރީ މަރުކަޒެއް
އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ޑްރޯން ޙަމަލާއެއްދީ، އެމެރިކާ ސިފައިންގެ ތިން މީހުން މަރައިލައިފިއެވެ.
ޑްރޯން ޙަމަލާ ދީފައި ވަނީ އުރުދުނާއި ސީރިޔާ ގުޅޭ ސަރަޙައްދުގައި ހުންނަ ޓަވަރ 22ގެ ނަން ދީފައިވާ ކުޑަ އަސްކަރީ މަރުކަޒަކަށެވެ. އެ ޙަމަލާގައި 34 ވަރަކަށް ސިފައިން ޒަޚަމުވެފައިވާ ކަމުގައި އެމެރިކާއި ބުނެއެވެ. އެ ތަނަށް ޙަމަލާ ދޭން ބޭނުން ކޮށްފައިވާ ޑްރޯން އުދުއްސައިލާފައި ވަނީ ސީރިޔާއިން ކަމަށާއި އެއީ އީރާނުން ވާގިވެރިވާ ހަތިޔާރު އެޅި ޖަމާޢަތަކުން ދީފައިވާ ޙަމަލާއެއް ކަމުގައި އެމެރިކާއިން ބުނެއެވެ.
މެދުއިރުމަތީގެ ޤައުމުތަކުގައި ހަރަކާތްތެރިވާ އެމެރިކާ ސިފައިންގެ މައި އިދާރާ ޔޫއެސް ސެންޓްރަލް ކޮމާންޑުން ވަނީ ޓަވަރ 22އަށް ދީފައިވާ ޙަމަލާގައި އެ ޤައުމުގެ ސިފައިންގެ ތިން މީހުން މަރުވެފައިވާ ކަމާއި އިތުރު 34 ސިފައިން ޒަޚަމުވެފައިވާކަން ކަށަވަރު ކޮށްދީފައެވެ. އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ އެ ޙަމަލާގެ ފަހަތުގައިވާ ބަޔަކު ހޯދައި އެ މީހުން އިންސާފުގެ ކުރިމައްޗަށް ހާޒިރު ކުރާނެ ކަމަށް ވިދާޅުވެފައެވެ.
އޮކްޓޫބަރު 7 ވަނަ ދުވަހު ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ އިސްރާއީުން ލާއިންސާނީ ޢުދުވާންތައް ފެށުމުން މެދުއިރުމަތީގެ ޤައުމުތަކުގައި ޙަރަކާތްތެރިވާ އެމެރިކާ ސިފައިންނަށް އަމާޒުކޮށްދޭ އެފަދަ ޙަމަލާތައް އިތުރު ކޮށްފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ. އެ ދުވަހަށް ފަހު މިހާތަނަށް 158 ޙަމަލާއެއް ދީފައިވާ ކަމުގައި އެމެރިކާއިން ބުނެއެވެ. މީގެ ތެރެއިން ގިނަ ޙަމަލާތައް އަމާޒުކޮށްފައި ވަނީ ޢިރާޤާއި ސޫރިޔާގައި ޙަރަކާތްތެރިވާ އެމެރިކާގެ ފައުޖުތަކާއި އެ ޤައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށެވެ.
އެ ޙަމަލާތަކުގައި 70 އެއްހާ ސިފައިން ޒަޚަމުވެފައިވާ ކަމުގައި އެމެރިކާގެ އަސްކަރިއްޔާއިން ބުނެއެވެ.