ކޮންޓެކްޓް ޓްރޭސިންގ ކުރިއަށް، ހޯއްގޮވާ ކެއްސުމުގެ އިތުރު ކޭސް އެއް ނުފެނޭ
އަލްފާ އަލީ
1/27/2024, 8:26:48 AM
ގއ. ވިލިނިގިލި---
ގއ ވިލިނގިލީގައި ކޮންޓެކްޓް ޓްރޭސިންގ ހެދުމަށްފަހު ނެގުނު ސާމްޕަލްތައް ޓެސްޓުކުރިއިރު ހޯއްގޮވާ ކެއްސުމުގެ އިތުރު ކޭސްއެއް ފެނިފައިނުވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
ގއ. ވިލިނގިލިގައި ހޯއްގޮވާ ކެއްސުމުގެ ކޭސްތަކެއް ފެނިފައިވާކަމަށް އެޗްޕީއޭއިން އިއުލާންކުރީ މިދިޔަ އަންގާރަ ދުވަހުއެވެ. އެގޮތުން ވިލިނގިލިން ފެނިފައިވަނީ މި ބަލީގެ 3 ކޭސް ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
މި ބަލިން ރައްކާތެރިކުރުމަށް ގަވާއިދުން ވެކްސިން ދޭން ފެށުމާ ގުޅިގެން މި ބަލި ވަނީ ރާއްޖޭގައި ކޮންޓްރޯލް ކުރެވިފައި ކަމަށާއި، އެހެންނަމަވެސް ބަލީގެ ކޭސް ރާއްޖޭގައި ވަރަށް މަދުން ފެންނަ ކަމަށް އެޗްޕީއޭއިން ބުނެއެވެ.
ހޯއްގޮވާ ކެއްސުން ފެތުރެނީ ނޭވާލާ ނިޒާމުގެ ޒަރީއާއިންނެވެ. ހޯއްގޮވާ ކެއްސުން ޖެހުމުން ފުރަތަމަ ފެންނާނީ އާންމު ރޯގާތަކުގައި ވެސް ފެންނަ އަލާމާތްތަކެވެ. މީގެ އިތުރުން ހަފުތާއެއްހާ ދުވަސް ފަހުން ވަރަށް ބޮޑަށް ކެއްސައި، މި ކެއްސުން ގިނަ ދުވަހަށް ދިގުލައިގެން ދެއެވެ. ތުއްތުކުދިންނަށް މީގެ އިތުރުންވެސް ބައެއް އަލާމާތްތައް ފެނިދާނެއެވެ. އަދި ވެކްސިން ފުރިހަމަކޮށްފައިވާ ކުއްޖަކަށް ނުވަތަ ބޮޑު މީހަކަށް މި ބަލި ޖެހިއްޖެނަމަ، ބަލީގައި މާބޮޑު އަލާމާތްތައް ނުފެނިދާނެ އެވެ.
މި ބަލި ޖެހުމުން ނުރައްކާ ބޮޑީ ވަރަށް ތުއްތުކުދިންނަށެވެ. އެހެންކަމުން 7 އަހަރު ނުވާ ކުދިންގެ ތެރެއިން މި ވެކްސިންގެ ޑޯޒްތައް ފުރިހަމަ ނުކޮށް ތިބި ކުދިން ވީހާވެސް އަވަހަކަށް ވެކްސިން ފުރިހަމަ ކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި އެރަށެއްގެ ސިއްހީ ޚިދުމަތްދޭ މަރުކަޒަކުން ވެކްސިން ޖެހެން ހުންނާނެ ކަމަށް ވެސް އެޗްޕީއޭއިން ބުނެ އެވެ.