
ތަހުގީގު ހިނގާ ގޮތާއި މެދު އޮންލައިންކޮށް ޝަކުވާ ފޮނުވޭގޮތް ހަދައިފި
# ހުސެއިން ޝަމީމް# ޕްރޮސެކިއުޓަރ ޖެނެރަލް# ޕީޖީ އޮފީސްޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް --
ތަހުގީގު ހިނގާ ގޮތާމެދު އޮންލައިންކޮށް ޝަކުވާ ހުށަހެޅޭނެ ގޮތެއް ހަދައިފި އެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޖިނާއީ ކުށެއް ކަމަށް ތުހުމަތު ކުރެވޭ ޢަމަލުތަކާ ގުޅިގެން ބަލާ ބެލުންތަކާއި ހިންގާ ތަޙުޤީޤުތައް ބަލައި އެ ކަންކަން ހިންގަނީ ޤާނޫނާ އެއްގޮތަށްތޯ ބެލުމާއި، ޖިނާއީ ކުށެއް ކަމަށް ތުހުމަތުކުރެވޭ ޢަމަލެއް އެއްވެސް ފަރާތަކުން ހިންގައިފިކަމުގެ ޝަކުވާއެއް ހުށަހަޅައިފިނަމަ ނުވަތަ މިނޫންގޮތަކުންވެސް މިފަދަ ކަމެއްގެ މަޢުލޫމާތު ލިބިއްޖެ ހިނދެއްގައި، އެ ކަމެއް ތަޙުޤީޤުކުރުމުގެ އަމުރު ނެރުން ރަނގަޅުކަމަށް އޭނާއަށް ފެންނަ ކަންކަމުގައި އެ އަމުރު ނެރުމަކީ، ޤާނޫނުއަސާސީގެ 223 ވަނަ މާއްދާއިން ޕްރޮސިކިއުޓަރ ޖެނެރަލާ މަތިކޮށްފައިވާ މަސްއޫލިއްޔަތެއް ކަމަށެވެ.
މީހަކު، ޖިނާއީ މައްސަލައެއް ތަޙްޤީޤީ އިދާރާއަކަށް ހުށަހެޅުމުން، ތަޙްޤީޤީ އިދާރާއިން އެމައްސަލަ ބަލާގޮތާމެދު ހިތްހަމަނުޖެހޭނަމަ، އެކަން ބަލައިދިނުން އެދި ޕްރޮސިކިއުޓަރ ޖެނެރަލަށް ޝަކުވާ ހުށަހެޅިދާނެކަމަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި އޮންނަ ކަމަށާއި، އެހެންކަމުން ތަޙްޤީޤު ހިނގާ ގޮތާމެދު މީހެއްގެ ޝަކުވާއެއް އޮތްނަމަ، އޮންލައިންކޮށް އެ ޝަކުވާ ހުށަހެޅޭނެ ނިޒާމެއް މިހާރު ގާއިމްކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.
ޕީޖީ އޮފީހުން މައުލޫމާތު ދިންގޮތުގައި ޖިނާއީ މައްސަލައެއްގެ ތަހުގީގާއިމެދު ޝަކުވާ ހުށަހެޅުމަށް ހާއްސަ ޓެބެއް އެ އޮފީހުގެ ވެބްސައިޓުން މިހާރު ފެންނަން އޮންނާނެއެވެ. އަދި، އެ ޓެބަށް ފިއްތާލުމާއެކު ފެންނަ 'ޝަކުވާ ހުށަހަޅާ ފޯމު' ފުރުމަށްފަހު ސަބްމިޓްކުރުމަށް އެ އޮފީހުން އެދިފައިވެއެވެ. އަދި، މައްސަލައެއް ހުށަހެޅުނުކަން ޔަގީންކުރުމަށް އެ ފޯމާއި އެކު ތަހުގީގީ އިދާރާއަށް ހުށަހެޅި ލިޔުމުގެ ކޮޕީއެއް އަޕްލޯޑުކުރަން ޕީޖީ އޮފީހުން އެދިފައިވެއެވެ.
އެގޮތުން، ޝަކުވާ ފޯމު ހުށަހެޅުމުން އެ މައްސަލައަކާއި ހަވާލުވެހުރި ޕްރޮސިކިއުޓަރަކަށް އެ ފޯމު ލިބޭނެކަމަށް ޕީޖީ އޮފީހުން މައުލޫމާތުދީފައިވެއެވެ. އަދި، ޕްރޮސިކިއުޓަރަށް ޝަކުވާ ފޯމު ލިބުމުން އެހެން މަސައްކަތަކަށް ދެވޭނީ އެ ފޯމަށް ޖަވާބުދާރީވުމަށް އަންދާޒާކުރާ ދުވަހެއް ކަނޑައެޅުމަށްފަހުކަމަށާއި، ކަނޑައެޅި ތާރީހުގެ ތެރޭގައި ފޯމު ހުށަހެޅި ފަރާތަށް ޖަވާބު ލިބޭނެކަން ޕީޖީ އޮފީހުން ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން، އޮންލައިންކޮށް ޝަކުވާ ހުށަހެޅޭނެ ނިޒާމެއް ތައާރަފްކުރި ނަމަވެސް، ސީދާ ކަރުދާހުން ޝަކުވާ ހުށަހަޅަން ބޭނުންފުޅުވާ ފަރާތްތަކަށް އެ ފުރުސަތު ކުރިއެކޭވެސް އެއްގޮތަށް ފަހިވެފައިވާކަމަށް ޕީޖީ އޮފީހުން މައުލޫމާތު ދީފައިވެއެވެ.
ގުޅުންހުރި

އިންޒާރު ދިންކަމަށް މާނަކުރެވޭފަދަ އިބާރާތެއް ރައީސް ބޭނުމެއް ނުކުރައްވާ, ދައުވާ ނުކުރަން - ޕީޖީ އޮފީސް

ބަންދު ފޯރަމް މިފަހަރު ޖުޑީޝަރީއަށް!

އަދީބުއާއި އޭނާގެ ބައިވެރިންނާއި އެކު ދައުލަތުން އެކުލަވާލި އެއްބާރުލުންދިނުމުގެ އެއްބަސްވުންތައް ނިމުމަކަށް!
