
Fjhf1oRVsAACBbd
ކޮންމެ އިންސާނަކަށްވެސް އެމީހަކު ބޭނުން މަގެއް އިޚްތިޔާރު ކުރުމުގެ ފުރިހަމަ މިނިވަންކަން އޮންނާނެ ކަމަށާއި، އެކަމަށް މާތްﷲ އެއްވެސް އިންސާނަކަށް މަޖުބޫރު ނުކުރައްވާ ކަމުން، ކޮންމެ އިންސާނަކީވެސް އެމީހަކު ކުރާ ކަންތައްތަކަށް މަސްއޫލުވާން ޖެހޭނެ މީހެއް ކަމަށް މިއަދުގެ ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

"އެދުވަހެއްގައި ﷲގެ ހަޟްރަތަށް ތިޔަބައިމީހުން ރުޖޫޢަ ކުރެއްވޭ ދުވަހަކަށް ތިޔަބައިމީހުން ރައްކާތެރިވެ، ބިރުވެތިވާށެވެ! ދެން ކޮންމެ ނަފުސަކަށްމެ އެ ނަފުސެއް ކުޅަ ކަމެއްގެ ޖަޒާ އެދުވަހުން ފުރިހަމައަށް ލިބޭނެއެވެ. އަދި އެބައި މީހުންނަކަށް ބޭއިންސާފެއް ނުކުރެއްވޭހުއްޓެވެ." އަޅުތަކުން ރުޖޫޢަވާހުށީ، ﷲ ޙަޟްރަތަށް، މައުޟޫއުގެ ދަށުން މިއަދުގެ ޚުޠުބާގައި ބަޔާންކޮށްފައިވެއެވެ.
މިއަދުގެ ޚުތުބާގައި ބަޔާންކުރައްވާފައިވާ ގޮތުގައި، ޤިޔާމަތް ދުވަހު، މަޚްޝަރު ކުރެއްވުމަކީ، ދެވަނަ ތާޅަފިލި ފުމެލެއްވުމުން، ޚަލްޤުތަކުން އަލުން ދިރުއްވައި، ފުރާނަ އަޅުއްވައި، މަޚްޝަރުބިމަށް ޖަމާކުރެއްވުމެވެ. މާތްﷲ ކީރިތި ޤުރުއާނުގައި އެކަން ބަޔާންކޮށްދެއްވާފައިވެއެވެ. އަދި އެކަލާނގެ ފޮނުއްވި މާތް ނަބިއްޔާ މުޙައްމަދުގެ ފާނުގެ ސުންނަތުގައިވެސް މިވާހަކަތައް ވަރަށް ފުރިހަމައަށް ބަޔާންކޮށްދެއްވާފައިވެއެވެ.
އެހެން ކަމުން މި މުޙިއްމު ޢަޤީދާއާ ގުޅޭ އާޔަތްތަކާއި ޙަދީޘްތަކާމެދު ވިސްނައި، ފިކުރުކޮށް، އެދުވަހަށް ތައްޔާރުވުމުގެ ގޮތުން ހެޔޮ އަމަލު ކުރުމަކީ ހަމަ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް އެންމެ އިސް ވާޖިބެވެ.
މާތް ﷲ ވަނީ އެކަލާނގެ އަޅުތަކުންނަށް ދެ މަގެއް ބަޔާންކޮށްދެއްވާފައެވެ. އެއީ ހެޔޮކަމުގެ މަގާއި، ނުބައިކަމުގެ މަގެވެ. ﷲ ދެއްވާފައިވާ އިޚްތިޔާރެއްގެ ދަށުން، ﷲ ގެ މިންވަރުފުޅާލައިގެން، މިދެމަގުން ކުރެ ކޮންމެ މަގެއްވެސް އިންސާނުންނަށް އިޚްތިޔާރު ކުރެވިދާނެއެވެ. އަދި މި ދެމަގުން ކުރެ މަގެއް އިޚްތިޔާރު ކުރުމަށް އިންސާނުންނަށް އެކަލާނގެ މަޖުބޫރެއް ނުކުރައްވަތެވެ.
ނުބައިމަގު އިޚްތިޔާރު ނުކުރުމަށާއި، އެމަގު އިޚްތިޔާރު ކޮށްފި ބަޔަކަށް، ކުރިމަތިވެދާނެ އަޒާބަކަށް އިންޒާރު ކުރެއްވުން ނުހަނު ގިނައިން ކީރިތި ޤުރުއާނުގައި ތަކުރާރުކުރައްވާފައިވެއެވެ. ނަރަކައިގެ ވޭންދެނިވި ގަދަފަދަ އަޒާބުގެ ވާހަކަވެސް ނުހަނު ގިނައިން ކީރިތި ޤުރުއާނުގައި ތަކުރާރު ކުރައްވާފައިވެއެވެ.
ވިސްނުމުގެ ބާރު އެކަލާނގެ އިންސާނުންނަށް ދެއްވާފައިވެއެވެ. އެހެން ކަމުން ބޭނުންމީހަކު ކާފިރުވެގަންނާށޭ އޮތް ބަސްފުޅަކީ ގަދަފަދަ އަޒާބު އެބަޔަކަށް ހުރިކަމުގެ އިންޒާރު ކުރެއްވުމުގެ ބަސްފުޅެކެވެ. އެއީ ބިރުވެތިވާން ޖެހޭ ކަމެކެވެ. އިންސާނާ ﷲ އަށް އީމާންްވަނީ، އޭނާގެ އަމިއްލަ އިޚްތިޔާރުންނެވެ. އީމާންވުމުގެ ފައިދާ ހުރީ ހަމަ އެމީހަކަށެވެ. އެހެނން މީހަކަށް ނޫނެވެ. އެމީހަކަށް ކުޅަދާނަވީ މިންވަރަކުން އެކަކު އަނެކަކަށް ހެޔޮމަގު ބަޔާންކޮށްދޭނެ ޖެހެއެވެ. އެއީ އަމުރުވެވިގެންވާ ކަމެކެވެ.
ސުވަރުގޭގެ މަތިވެރި ދަރަޖަތައް ޙާޞިލުކުރުމަށްޓަކައި ގަދަ އަޅައި މަސައްކަތް ކުރުމަށް މިއަދުގެ ޚުޠުބާގައި ވަނީ އިލްތިމާސްކޮށްފައއެވެ. މިދުނިޔެއަކީ މަސައްކަތް ކުރުމަށް އޮތް މައިދާނެވެ. ޤިޔާމަތް ދުވަހަކީ، ދުނިޔެމަތީގަިއ ކުޅަ ޢަމަލުތަކަށް ޖަޒާ ދެއްވާ ދުވަހެވެ. އެދުވަހުގައި ޢަމަލު ކުރުމެއް ނޯންނާނެއެވެ.
ގުޅުންހުރި

ކޮންމެ އިންސާނަކީވެސް އެމީހަކު ކުރާ ކަންތައްތަކަށް މަސްއޫލުވާން ޖެހޭ މީހެއް - ޚުޠުބާ

ނަމާދަކީ ހިތަށް ހަމަޖެހުން ލިބި، ކަންބޮޑުވުމާއި ހާސްވުމުން ސަލާމަތްކޮށްދޭ އަޅުކަމެއް - ޚުޠުބާ

އަހަރެމެންނަކީ ދުނިޔޭގެ ޒީނަތްތެރިކަމުގެ އަވާގައިޖެހި އާޚިރަތް ހަނދުމަނެތިކުރާ ބަޔަކަށް ވެގެން ނުވާނެ - ޚުޠުބާ
