ހަވަރު ސްޕޯޓްސްއިން އިންތިޒާމްކޮށްގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ހަވަރު ވުމެންސް ހޭންޑްބޯލް ޓޯނަމެންޓް 2021 ގައި ބައިވެރިވި ޓީމުތަކުގެ ޓީމް ލިސްޓުތަށް ހުށަހެޅުމުގެ ފުރުސަތު މިހަފްތާގެ ބުދަ ދުވަހަށް ހަމަވާނެއެވެ.
މިމަހުގެ 20 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑި ހަމަވިއިރު ޖުމުލަ 10 ޓީމަކުން ވަނީ ބައިވެރިވެފައިއެވެ. އެގޮތުން ތިނަދޫއަށް ނިސްބަތްވާ 7 ޓީމަކާއި އަތޮޅު ތެރެއަށް ނިސްބަތްވާ 2 ޓީމުގެ އިތުރުން މާލެ އިން އެއްޓީމު ހިމެނެއެވެ.
މުބާރާތުގައި ބައިވެރިވި ޓީމްތަށް
- ޝައިން ސްޕޯޓްސް ކްލަބް
- އައުޓްލޯޒް ކުއީންސް
- ގައްދޫ ވުމެންސް
- ހޭޔަންބޯ
- ފެނަކަ ރެކްރިއޭޝަން ކްލަބް
- ހޯބަހަކުން
- އެވިޑް ސްޓޫޑެންޓް ކައުންސިލް
- ހުއްޓޭކޮޑާ
- ހޯނޑެއްދޫ ވިކްޓޯރިއަންސް
- ފިޓް ފެމިނިން
މިއަހަރުގެ ހަވަރު ވުމެންސް ހޭންޑްބޯޅަ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ 20 ވަނަ ދުވަހު ގދ ތިނަދޫ ، އާރުއަވަށު ޓާފް ދަނޑުގައި އެވެ.
ހަވަރު ސްޕޯޓްސްއިން ތިނަދޫ ސްޓޭޑިއަމްއާއި ގުޅިގެން ބާއްވާ ހަވަރު ވުމެންސް ހޭންޑްބޯޅަ މުބާރާތް މިފަހަރު އިއުލާން ކޮށްފައިވަނީ މުޅި ރާއްޖެއަށް ހުޅުވާލައިގެންނެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުން ވެސް ޓީމްތަކަށް މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެވެ.
މުބާރާތުގެ އޯގައިނައިޒިންގ ޕާޓްނަރަކަށް ހަމަޖައްސައިފައިވަނީ ތިނަދޫ ސްޓޭޑިއަމް އެވެ. ބެވަރޭޖަސް ޕާޓްނަރަކަށް ސޮލައިލް ހަމަޖައްސައިފައިވާ އިރު މުބާރާތުގެ ލައިވް ސްޓްރީމް ޕާޓްނަރަކަށް އިވެންޓް ކާސްޓް މޯލްޑިވްސް އެވެ. އަދި ޕްރިންޓިންގ ޕާޓްނަރަކަށް ނޯވާޓެކް އަދި ފޮޓޯގްރަފީ ޕާޓްނަރަކަށް ފޮޓޯމޯލްޑިވްސް ވަނީ ހަމަޖައްސާފައެވެ.
ހަވަރު ވުމެންސް ހޭންޑްބޯލް މުބާރަތަކީ ރާއްޖޭގައިވެސް ބޭއްވޭ އެންމެ އަގުބޮޑު އަންހެނުންގެ ހޭންޑްބޯޅަ މުބާރާތެވެ. އެގޮތުން މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް ހަވަރު ސްޕޯޓްސްއިން ވަނީ 20،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ އިރު ރަނަރަޕް ޓީމަށް 10،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ހަވަރު ވުމެންސް ހޭންޑްބޯލް ޓޯނަމެންޓު 2021 ގެ މީޑިއާ ޕާޓްނަރަކީ ގާފު އޮންލައިންއެވެ.