
އެމްއެންޑީއެފް އިން ކަނޑު އުޅަނދުތައް ޗެކްކުރުމުގެ އޮޕަރޭޝަނެއް ފަށައިފި
# އެމްއެންޑީއެފް# ކޯސްޓުގާޑު4854CF99-9C05-478A-A1C4-B1C356F07E81
ސްކޫލު ބަންދާ ދިމާކޮށް އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއިން ކަނޑު ދަތުރުކުރާ އުޅަނދުފަހަރު ޗެކް ކުރުމުގެ އޮޕަރޭޝަނެއް ފަށައިފިއެވެ.

މިކަން ހާމަކުރަމުން އެމްއެންޑީއެފް އިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ "އޮޕްސް ހަޅަ" ނަމުގައި ކަނޑު އުޅަނދުތައް ޗެކްކުރުމަށް އޮޕަރޭޝަންއެއް ފަށާފައިވާ ކަމަށެވެ.
މި ކަމަކީ ސްކޫލު ބަންދަކީ ކަނޑުމަގުން ގިނަ ޢަދަދެއްގެ ބަޔަކު ދަތުރުކުރާ ދުވަސްވަރަކަށްވެފައި، މޫސުން ގޯސް ދުވަސްވަރަކަށް ވުމާއެކު، ދަތުރުކުރާ އުޅަނދާއި ދަތުރުކުރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވޭތޯ ބެލުމުގެ ގޮތުން ކުރިއަށްގެންދާ އޮޕަރޭޝަނެއްކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެއެވެ.
އެމްއެންޑީއެފް އިން ބުނެފައިވަނީ މި އޮޕަރޭޝަންގައި އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓްގައި ބަޔާންކޮށްފައި ހުންނަ ކަންކަން ފުރިހަމަ ކުރެވިފައިވޭތޯ ބެލުމުގެ އިތުރުން މެރިން ވީއެޗްއެފް ޗެކް ކުރުމާއި އުޅަނދުފަހަރުގެ ކެޕްޓަން އަތުގައި ކަނޑުގެ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް އޮތްތޯ ބެލުމުގެ އިތުރުން ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގިނަ ކަންތައްތައް ބެލުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ.
ޑިސެންބަރު 23 އިން ޖެނުއަރީ 8 އަށް މި އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، މާލޭ ބަނދަރު ސަރަހައްދުގައި އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ސިފައިން ހަރަކާތްތެރިވާނެ އެވެ.