
White Alert
ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށްް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފިއެވެ.

މޫސުމާއިބެހޭ ގައުމީ އިދާރާއިން ކ. އަތޮޅުން ފެށިގެން އައްޑޫ އަތޮޅާ ހަމައަށް ހުދުސަމާލު ނެރެފައިވަނީ 22:00 އިން ފެށިގެން 04:00 އާ ހަމައަށެވެ.
މިމުއްދަތުގެ ތެރޭގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް އެއިދާރާއިން ވަނީ ލަފާކޮށްފައެވެ.
މި ސަރަހައްދުތަކަށް ހުދުސަމާލު ނެރެފައިވާއިރު، އިންޑިއާގެ ހުޅަނގުދެކުނާއި ދެކުނުއިރުމަތީ ގައި އުފެދިފައިވާ ޑީޕް ޑިޕްރެޝަން މިއަދު ހެނދުނު ތޫފާނަކަށް ބަދަލުވެ އޭގެ ނުސީދާ އަސަރު ރާއްޖެއަށް ކުރާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ވިދާޅުވެފައެވެ.
އެގޮތުން ބޭއޮފް ބެންގަލްގައި އުފެދޭ މިފަދަ ތޫފާންތަކުގެ ނުސީދާ އަސަރު ރާއްޖެއަށް އާންމުކޮށް ކުރާކަމަށާއި، މި ފަހަރު މިއުފެދުނު "މަންޑޫސް" ތޫފާންގެ ސަބަބުން ރާއްޖޭގެ އެކިހިސާބުތަކަށް ގަދަ ވަޔާއެކު ވިއްސާރަ ކުރާނެކަމަށް ލަފާކުރެވޭ ކަމަށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ބުނެފައިވެއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ތުފާންގެ ބާރު ދަށްވާނެކަމަށް ލަފާކުރެވެނީ އަންނަ ހޮނިހިރު ދުވަހަށްކަމެވެ. އެހެންކަމުން ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން އެ އިދާރާއިން ވަނީ އެދިފައެވެ. މިތޫފާންގެ މިސްރާބު މިހާރު ހުރީ އިންޑިއާގެ ޓެމިލްނާޑޫ ސިޓީ އާ ދިމާއަށެވެ.