ކޮރޯނާވައިރަސް ކޮންޓްރޯލް ކުރަން އަޅާ ފިޔަވަޅެއްގެ ގޮތުން ދުނިޔޭގެ 20 ގައުމަކުން ސައުދީ އަރަބިއާ އަށް މީހުން ދަތުރު ކުރުން މަނާކޮށްފި އެވެ.
މިގޮތުން 20 ގައުމަކުން އެ ގައުމަށް އިންޓަނޭޝަނަލް ފްލައިޓްތައް އައުން ވަގުތީ ގޮތުން ވަނީ މަނާކޮށްފައެވެ.
ދާޚިލީ ވުޒާރާ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ 20 ގައުމަކުން ސައުދީ އަށް ދަތުރުކުރާ މީހުން އެ ގައުމަށް އެތެރެވުން މަނާވާނީ މިރޭ ސައުދީ ގަޑިން 9 އިން ފެށިގެން ކަމަށެވެ.
އަދި އެ ގައުމަށް އެތެރެވުން މަނާކޮށްފައިވާ ގައުމުތަކަކީ ކޮވިޑް-19ގެ އާ ވައްތަރުތައް ފެންނަން ފަށާފައިވާ ގައުމުތަކެވެ.
އެ ގައުމުތަކުގެ ތެރޭގައި ޔޫއޭއީ, ޖަރުމަންވިލާތު, އެމެރިކާ, އިޓަލީ, އިންޑޮނޭޝިއާ, ޕާކިސްތާން,ބްރެޒިލް,އިނގިރޭސިވިލާތް, ތުރުކީ, ދެކުނު އެފްރިކާ, ފްރާންސް, ލުބްނާން, މިސްރާއި, އިންޑިއާ އަދި ޖަޕާން ހިމެނެއެވެ.
އެކި ގައުމުތަކުން ފެންނަ ކޮވިޑް-19ގެ އާ ވައްތަރުތަކުގެ ތެރެއިން ބައެއް ވައްތަރުތަކުގެ ނުރައްކާ ބޮޑެވެ. އެގޮތުން މިގޮތަށް ފެންނަ ބައެއް ވައްތަރުތަކަކީ ކޮވިޑް-19 ބޮޑަށް ފެތުރުމުގެ ފުރުސަތު ބޮޑު ވައްތަރުތަކެވެ.