ރާއްޖޭގައި ކޮވިޑް19 ފެތުރޭ މިންވަރު އިތުރުވުމާ ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރެއިން ހުރިހާ ރަށެއްގައި މާސްކް އެޅުން މަޖުބޫރުކޮށް، އެކަން ތަންފީޒުކުރުމުގެ ގޮތުން މާސްކް ނާޅާ މީހުން ޖޫރިމަނާ ކުރާނެ ކަމަށް ފުލުހުން ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ނުސްވެރިންގެެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފުލުިހުންގެ ހެެޑް އޮފް ޓްރެެފިކް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހުސައިން ސަމީރު ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރަށެެއްގައިވެސް ފުލުހުން ނެތް ކަމުގައި ވިޔަސް ޓާސްކު ފޯހެއް ހަދާފައި އޮންނާނެ ކަމަށާއި، މާސްކު ނާޅާ އުޅޭ ނަމަ ޖޫރިމަނާ ކުރާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ކޮވިޑާ ގުޅޭ ގައިޑްލައިންތަކަށް އަމަލު ނުކުރާ ނަމަ ޓާސްކް ފޯސްތަކަށްވެސް ޖޫރިމަނާ ކުރުމުގެ ބާރު ލިބިގެންވާ ކަމަށެވެ.
މީހުން ދިރިއުޅޭ ރަށްރަށުގައި މާސްކު އެޅުން މަޖުބޫރު ކޮށްފައި ވަނީ މިމަހުގެ 7 ވަނަ ދުވަހުން ފެށިގެންނެވެ. އެގޮތުން ޖޫރިމަނާ ކުރުމަށް ހަމަޖެހިފައިވަނީ މާލޭގައިވެސް ޖޫރިމަނާ ކުރަމުން އަންނަ އަގު ކަމުގައިވާ 1000 ރުފިޔާއިން ފެށިގެންނެވެ.
ރާއްޖޭގައި ކޮވިޑް-19 ފެެތުރުން އަނެއްކާވެސް ވަނީ ވަރަށް ބޮޑަށް އިތުރުވާން ފަށާފައެވެ. މިހާރު މި ބަލި ފެތުރޭ މިންވަރުު އިތުރުވުމުގެ އިތުރުން، ބަލީގެ އަލާމާތްތައް ފެންނަ މީހުންނާއި، މި ބަލި ޖެެހިގެން ހޮސްޕިޓަލްތަކުގައި އެނދުމަތި ކުރަން ޖެެހޭ މީހުންގެެ އަދަދުވެސް އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުންނެެވެ. މިކަން މިހެން ދިމާވަނީ ރާއްޖޭގައި ތަފާތު ވޭރިއަންޓެއް އުޅޭތީ ކަމަށް އިއްޔެ އެޗްއީއޯސީން ވަނީ އިއުލާންކޮށްފައެވެ.
ކޮވިޑް19 ފެތުރުން ހުއްޓުވުމަށް ރާއްޖޭގައި އަޅަން ނިންމާފައިވާ ފިޔަވަޅުތަކަށް އަމަލުކުރަން އެންމެހާ ފަރާތްތަކަށާއި އިދާރާތަަކަށް އެޗްޕީއޭ އިން ވަނީ އަންގާފައެވެ. އަދި، މި އެންގުމާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށް އެންމެހައި ފަރާތްތަކަށް އަންގާ ކަމަށް އެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.