ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ މުވައްޒަފުންނަށް ބޭނުންވާ ވެކްސިން މިއަދު ގެނެސްފިއެވެ.
ހެލްތް އިމަޖެންސީ އޮޕަރޭޝަން އޮޕަރޭޝަން ސެންޓަރުން ހާމަކޮށްފައިވާ ގޮތުގައި ރާއްޖޭގައި ވެކްސިން ޖަހާނީ ފުރަތަމަ ސިއްޙީ ދާއިރާގެ ޚިދުމަތްތެރިންނާއި ފްރޮންޓްލައިން މުވައްޒަފުންނަށެވެ. އެގޮތުން މާލެއާއި ކުޅުދުއްފުށީގެ އިތުރުން އައްޑޫ ސިޓީގައި ވޭތުވެދިޔަ 2 ދުވަހު ވަނީ ވެކްސިން ދޭން ފަށާފައެވެ. އަދި މިއަދުން ފެށިގެން އަތޮޅު ތެރޭގެ ހޮސްޕިޓަލްތަކުގައި ވެކްސިން ދިނުމަށް ވަނީ ނިންމާފައެވެ.
"ގާފު" އަށް އެނގިފައިވާ ގޮތުގައި ތިނަދޫ ހޮސްޕިޓަލުގެ މުވައްޒަފުންނަށް ބޭނުންވާ ވެކްސިން މިއަދު ހެނދުނުގެ ވަގުތެއްގައި ވަނީ ވައިގެ މަގުން ކާގޯކޮށްފައެވެ. އަދި އެ ފްލައިޓު މިހާރު ވަނީ ގދ. ކާޑެއްދޫ އެއާޕޯޓުގައި ޖައްސާފައެވެ.
ތިނަދޫ ހޮސްޕިޓަލުގައި 200 އަށްވުރެ ގިނަ މުވައްޒަފުން ހަރަކާތްތެރިވާއިރު، މި ވެކްސިން ދޭން ނިންމާފައިވަނީ އެ ހޮސްޕިޓަލުގައި ހުންނަ އެސްޓީއޯ ފާމަސީގެ މުވައްޒަފުންނާވެސް އެކުގައެވެ. އެ ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ސައީދު ވިދާޅުވީ މިއަދުގެ ވަގުތެއްގައި އެ ހޮސްޕިޓަލުގެ މުވައްޒަފުންނަށް ވެކްސިން ދޭން ފަށާނެ ކަމަށެވެ.
ރާއްޖޭގައި މިހާރު ދެމުން އަންނަނީ އޮކްސްފޯޑް ޔުނިވަސިޓީން އިންޑިއާގައި އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިނެވެ. މި ވެކްސިން ދޭން ޖެހެނީ 2 ޑޯޒަށެވެ. އެގޮތުން ފުރަތަމަ ޑޯޒް ޖެހުމުގެ ހަތަރު ހަފްތާ ފަހުން ދެވަނަ ޑޯޒެއް ޖަހަން ޖެހެއެވެ.