ދެއްވަދޫ އިންޑޯ ޖިމަށް ބޭނުންވާ ސާމާނު އެރަށަށް ގެނެސްފި

ގއ. ދެއްވަދޫގެ އިންޑޯ ޖިމަށް ބޭނުންވާ ސާމާނު އެރަށު ބަނދަރުގައި -- ފޮޓޯ: ގއ. އަތޮޅު ކައުންސިލް

ގއ. ދެއްވަދޫގައި އެޅުމަށް ހަމަޖެހިފައިވާ އިންޑޯ ޖިމަށް ބޭނުންވާ ސާމާނު އެރަށަށް ގެނެސްފިއެވެ.

ދެއްވަދޫގައި އަޅާ އިންޑޯ ޖިމަކީ ގއ. އަތޮޅު ކައުންސިލާއި ދެއްވަދޫ ކައުންސިލްގެ ފައިނޭންސާއެކު ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މަޝްރޫއެކެވެ. އެ މަޝްރޫއަށް ގއ. އަތޮޅު ކައުންސިލުން 200،000 ރުފިޔާ ޚަރަދު ކުރުމަށް ނިންމާފައިވާއިރު، ދެއްވަދޫ ކައުންސިލުން 130،000 ރުފިޔާ ޚަރަދު ކުރާނެ އެވެ. އެ މަޝްރޫއުގެ ޖުމްލަ އަގަކީ 330،000 ރުފިޔާ އެވެ.

ގއ. އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު ފުއާދު ވިދާޅުވި ގޮތުގައި އެ ޖިމަށް ބޭނުންވާ ސާމާނު އެރަށަށް ގެންގޮސްފައިވަނިކޮށް ކޮވިޑް ކޭސްތަކެއް އެރަށުން ފެނުމާ ގުޅިގެން ރަށް މޮނިޓަރިންގ އަށް ދިއުމުން މަސައްކަތް ނުފެށި ލަސްވެފައިވާ ކަމަށެވެ. އެތަކެތި ދެއްވަދޫއަށް ގެންގޮސްފައިވަނީ މިދިޔަ މަހުގެ މެދު ތެރޭގައެވެ. އެ ތަކެތި ހޯދުމަށް އަތޮޅު ކައުންސިލުން ހަވާލު ކުރީ "ބްރިސްކް ޕްރައިވެޓް ލިމިޓެޑް" އާ އެވެ.

އިއްޔެ އެރަށުގެ މޮނިޓަރިން ހާލަތު އުވާލައި އެޗްޕީއޭއިން ވަނީ ކޮވިޑްގެ ނުރައްކާތެރިކަން އެރަށުގައި މިހާރު ނެތް ކަމަށް ނިންމާފައެވެ. އެއާ އެކު އެ ޖިމްގެ މަސައްކަތް ލަސްތަކެއް ނުވެ ފެށޭނެ ކަމަށް ފުއާދު ވިދާޅުވިއެވެ.

ގއ. އަތޮޅު ކައުންސިލުން ވަނީ މިހާރު އެ ކައުންސިލްގެ ދައުރު ނިމުމުގެ ކުރިން އެ އަތޮޅުގެ ކޮންމެ ރަށެއްގައިވެސް ޕްރޮޖެކްޓެއް ހިންގުމަށް ނިންމާފައެވެ. އެގޮތުން ކޮންމެ ރަށަކަށްވެސް 200،000 ރުފިޔާގެ ބަޖެޓެއް ވަނީ ކަނޑައަޅާފައެވެ.

 

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް