ދިވެހިރާއްޖެއަކީ ދުނިޔޭގެ ގިނަ ޤައުމުތަކާއި ތަފާތުކޮށް މުރަކައިން އުފެދި ކުދި ރަށްތައް އެކުލެވޭހެން އުފެދިފައިވާ ޖަޒީރާ ޤައުމެކެވެ. އިންޑިޔާ ކަނޑުގައި ހާރެއްހެން އަތުރާލެވިފައިވާ ދިވެހިރާއްޖެއަކީ ޤުދުރަތީ ރީތިކަމުން ފުރިގެންވާ ޤައުމެކެވެ.
ކަނޑުގެ ލޮނުގަނޑަށްވުރެ، ދެތިން ފޫޓް އުސް ދިވެހިރާއްޖޭގެ ޖަޒީރާ ރަށްތަކުގައި އެއްވެސް ގޮތަކަށް ފަރުބަދަތަކެއް ނުހުރެއެވެ. ނަމަވެސް ތިނަދޫގައި ހިލަ ފަރުބަދަތަކެއް ހުންނަ ވާހަކަ ބުނުމުން މިއީ ބައެއް ފަރާތްތަކަށް ޤަބޫލުކުރަން އެހާ ފަސޭހަނޫން ވާހަކަޔަކަށް ވުން އެކަށީގެންވެއެވެ.
ތިނަދޫގެ ހިލަ ފަރުބަދަތައް ފެންނަ ފެނުމުގައި ބަލާލަން ރީއްޗެވެ. ހިތްގައިމެވެ. ހިމާލެއާ ފަރުބަދަތަކާއި އެއްވަރު ނުވިކަމުގައި ވިޔަސް ތިނަދޫގައިވާ ހިލަ ފަރުބަދަތަކަކީ، ރާއްޖޭގެ މިވަގުތު ހުރި އެންމެ އުސް ފަރުބަދަތަކަށްވުން އެކަށީގެންވެއެވެ. ނަމަވެސް ބޭރުގައުމުތަކުގައި ޤުދުރަތީ ގޮތުން އުފެދިފައި ހުންނަ ފަރުބަދަތަކުގައި އެހުންނަ އާރޯކަމާއި ރީތިކަން އެމިންވަރަށް ނުހުރެއެވެ. ފެންނަ ފެނުމުގައި ފަރުބަދަތަކެއްގެ ގޮތުގައި ސިފަވިޔަސް، ފީވެ ހަސްނެތެމުންދާ، ބަސްތާތަކުގެ ކުނި މިފަރުބަދަތަކުން ފެންނަން އެބަހުއްޓެވެ. ކުނިތައް ހޮވައި ސާފުކޮށް އާންމުންނަށް ހުޅުވައިފިނަމަ، މިފަރުބަދަތައް، ބޭރު ޤައުމުތަކުގައި ފެންނަ ކުރިކީލަ ހިލަ ފަރުބަދަތަކާއި އެއްގޮތް ސިފަތަކެއް ހުންނާނެއެވެ. ހިލައިގެ ފަރުބަދަތަކެއް ކަމުގައި ވީ ނަމަވެސް، މިތަން ބޮޑަށް ސިފަވެގެން ދަނީ އެއްވެސް އަޅާލުމެއް ނެތި ވީރާނާވާން ދޫކޮށްލެވިފައިވާ ހިލަ ފުނިތަކަކާއެވެ.
މި ފަރުބަދަތަކުގެ ތަފްޞީލަށް ކޮންމެވެސް ވަރަކަށް ބަލާލާނަމެވެ. 2011 ވަނަ އަހަރު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި، އެމް.ޑީ.ޕީ ގެ ބޯހިޔާ ވަހިކަމުގެ ސިޔާސަތުގެ ދަށުން މުޅި ރާއްޖޭގައި ތަރައްޤީ ކުރެވުނު ފްލެޓް ތަކުގެ ތެރެއިން، ތިނަދޫގައި 75 ފްލެޓް ތަރައްޤީކުރުމަށް، ސަރުކާރުގެ ފަރާތުން އިންޑިޔާގެ ޓާޓާ ކުންފުންޏާއި ޙަވާލު ކުރެވުނެވެ. އެމް.ޑީ.ޕީ ސަރުކާރު 2012 ގައި ނިމުމަކާ ހަމަޔަށް ބާރު ސްޕީޑްގައި 75 ފްލެޓްގެ މަސައްކަތް ކުރިޔަށް ގެންދެވުނެވެ. މިގޮތުން އިމާރަތް ކުރުމަށް ބޭނުންވާ ހިލަވެއްޔާ ދަގަނޑު ފްލެޓް އިމާރަތް ކުރުމަށް ކައުންސިލުން ކަނޑައެޅި ބިމަށް ޖަމާކުރެވި، އިމާރާތުގެ ބިންގާ އެޅުމަށް ކޮނެވުނެވެ. ނަސީބު ކަންދިމާކުރިގޮތުން މި 75 ފްލެޓުގެ މަސައްކަތް މިއަދާ ހަމަޔަށް، އެއްވެސް ސަރުކާރެއްގެ ތެރެއިން، 2012 ގައި ގެންދެވުނު މިންވަރަށް ވުރެ އިތުރަށް ކުރިޔަށް ގެންދެވިފައި ނުވެއެވެ. ހިލަ ބަސްތާތައް ފްލެޓް އެޅުމަށް ކަޑައެޅުނު ސައިޓަށް ޖާމާކޮށް އެއްވެސް ބޭނުމެއް ނުކޮށް އެހެން ހުންނަތާ 8 އަހަރުވެ، ގޯނިތައް ފީވެ ގަސްފަޅައި، މިލިޔުމުގައި ސިފަކޮށްފައިވާ ފަދަ ހިލަ ފަރުބަދަޔަކަށް ވަނީ ބަދަލުވެފައެވެ.
ދެން މިހިސާބުން ފެންކޯރުތަކަށް ބަލައިލާނަމެވެ. އިންޑިޔާގެ ޓާޓާ ކުންފުންޏާއި ހަވާލުކޮށްގެން ފްލެޓް އެޅުމަށް ދޫކުރެވުނު ސައިޓުން ފެންނަ ފެންގަނޑުތައް ބޭރު ޤައުމުތަކުން ފެންނަ ފަދަ، ކުދި ފެންކޯރުތަކަކާއި ވައްތަރުކަން މިއީ މަންޒަރު ފެނުނު އެއްވެސް މީހަކު ދެކޮޅު ނަހަދާނެ ކަމެކެވެ. މި ފެންގަނޑުތަކަކީ ފްލެޓް އިމާރަތް ކުރުމަށް ބިންގާ އެޅުމަށް ކޮނެފައިވާ ތަންތަނެވެ. ފުންމިނުގައި ދެތިން ހަތަރު ފޫޓު ހުރެފައި، ބިމަކީ ފެންތިލަ ބިމަކަށްވުމުން އަބަދުވެސް މިތަންތަނުގައި ފެން ހަރުލާފައި ހުރެއެވެ. މި ފެންގަނޑުތަކުގެ ގިނަ އަދަދަކަށް މަދިރިފަނި އާލާވެ، މަދިރި އުފައްދާ ފެކްޓްރީއަކަށް އެއް ދުވަސްވަރެއްގައި ބަދަލުވެފައި ވިއެވެ. މިފެންގަނޑުތަކުގެ ސަބަބުން މުޅި ތިނަދޫގެ ރައްޔިތުންނަށް މަދިރީގެ ނުރައްކާ ބޮޑުވެ، މަދީރީގެ ސަބަބުން ފެތުރޭ ތަފާތު ބަލިތައް ގިނަ ދުވަސްތަކެއް ވަންދެން ފެތުރިފައިވެއެވެ. ނަމަވެސް ތިނަދޫގެ ޒުވާން ފުރައިގެ މަދު ކުދިންތަކެއްގެ މަސައްކަތުން މަންޒަރު ވަނީ ކޮންމެވެސް ވަރަކަށް ބަދަލުވެފައެވެ.
ފެންގަނޑުތައް އަޅާނުލެވި ދޫކޮށްފައި ވުމުން، ވިނަ ގަސްތައް ފަޅައި މުޅި ސަރަޙައްދު ފެހި ވެފައި ވެއެވެ. ޒުވާނުންތަކެއް މިފެންގަނޑުތަކަށް ކުދި މަސްތަކެއް އެޅުމުން، އާލާވެ، މަދިރީގެ މައްސަލަޔަށް ކޮންމެވެސް ވަރެއްގެ ހައްލެއް އައިސް، ޤުދުރަތީ ރީތި ހިތްގައިމު ކޯރުތަކެއްގެ ގޮތުގައި ވަނީ ސިފަވާން ފައްޓާފައެވެ. ވަރަށް ރީތި އެކި ކުލަކުލައިގެ މަސްތައް މިފެންގަނޑުތަކުގައި ދިރިއުޅެއެވެ. ދޫނިތައް ބައިގަނޑުތަކަށް އައިސް މިކޯރުތަކަށް ޒިޔާރަތް ކުރަން ވަނީ ފައްޓާފައެވެ. ޒިޔާރަތްކުރާ ރީތި ދޫނިތަކަށް ފަސޭހައިން އެސޮރުމެންގެ ކާނާ، މިފެންގަނޑުން ލިބެއެވެ. ކޯރެއްގެ ގޮތުގައި ޤުދުރަތީގޮތުން އުފެދިފައި ނުވިނަމަވެސް މިފެންގަނޑުތައް ސިފަވެގެން އަންނަނީ މި ބުނެވިދިޔަ ފަދައިންނެވެ.
ފްލެޓް އެޅުމަށް ދޫކުރެވިފައިވާ ބިން އާދައިގެ ޓިނުން އިން ވަކިކުރުމަށް ފެންސެއް ޖަހާފައި ވެއެވެ. ނަމަވެސް ގިނަ އަހަރުތަކެއް މިފެންސަށް ވެފައި ވުމުން، އެކި ހިސާބުތަކުން ޓިނުތައް ނެއްޓިފައި ވެއެވެ. ވައިގަދަ ދުވަސްތަކުގައި، މިތަނުން ނެއްޓިގެން ހިގާދާނެ ޓިނުގަނޑަކުން ނުވަތަ ޓީނުގަނޑެއްގެ ބަޔަކުން އެސަރަޙައްދު ހިނގާފައި ދާ މީހެއްގެ ގައިގައި ނުވަތަ ސައިކަލް ދުއްވާފައި ދާ މީހެއްގެ ގައިގައި ޖެހުމުގެ ފުރުޞަތު ބޮޑުކަން ފާހަގަކުރެވެއެވެ. ފެންސުގެ ބޮޑު ބައެއްގައި ހަރުކޮށްފައި ހުރި ޓިނުތައް ނެއްޓި ފެންސުގެ ބޮޑު ބައެއް މިހާރުވަނީ ހަލާކުވެފައެވެ.
ފްލެޓް އެޅުމަށް ދޫކުރެވިފައިވާ މިސައިޓުގައި ޖަމާކުރެވިފައިވާ ކޮންކްރީޓް ދަނގަޑު ފުންޏެއް ވެއެވެ. މިދަނގަޑުތައްވެސް، އެއްވެސް ވަރެއްގެ ހިޔަލެއް ނެތި ފުނިޖަހާފައި ބަހައްޓާފައި ހުރިކަން ފާހަގަކުރެވެއެވެ. ގިނަ އަހަރުތަކަކަށް އަޅާނުލެވި ދޫކުރެވިފައި ވުމުން، ދަބަރުޖަހައި ވަރަށް ބޮޑަށް ހަލާކުވެގެން ގޮސްފައިވާކަން ފާހަގަކުރެވެއެވެ. އެސަރަޙައްދުގައި ޖަހާފައިވާ ފެންސު ހަލާކުވެފައި ވުމުން، ކުޑަ ކުދިން މިސަރަހައްދަށް ވަދެ، މިދަގަނޑުތައް މައްޗަށް އަރައި ކުޅެން އުޅޭ މަންޒަރު މަދުން ނަމަވެސް ފެނެއެވެ. މިދަގަނޑު ފުނި މައްޗަށް ވެއްޓި ކުއްޖަކަށް އަނިޔާވުމުގެ ފުރުޞަތު ވަރަށްވެސް ބޮޑެވެ.
މަންޒަރު ބަލަން ކިތަންމެ ރީއްޗަސް، މިއީ އެމިއުޒްމަންޓް ޕާކެއްގެ ގޮތުގައި ތަރައްޤީ ކުރެވުނު ތަނެއް ނޫނެވެ. އަދި މިހާރު މި ހިލަ ފުނިތަށް ބަލާބެލުމަށް ފަރުބަދަތަކެއްގެ ގޮތުގައި ސިފަވިޔަސް، މިއީ އެއްގޮތަކަށްވެސް ރާއްޖޭގައި ހިލަފަރުބަދަތަކެއް ހެދުމުގެ ބޭނުމުގައި ޖަމާކުރެވުނު ހިލައެއް ނޫނެވެ. މިއީ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިތަކަށް ހައްލެއް ހޯދުމަށް ސަރުކާރުން ކުރިޔަށް ގެންދެވުނު މަޝްރޫއެކެވެ. ކޮންމެ ބައެއްގެ އިހްމާލުން މަސައްކަތް ހުއްޓުނު ކަމުގައި ވިޔަސް، މިމަސައްކަތް ނުހުއްޓި ނިކަމެތި ރައްޔިތުމީހާގެ ހައްޤު ހޯދައިދޭން ޖެހެއެވެ. ތަފާތު ސަރުކާރުތަށް ބަދަލުވެފައިވާއިރު، މިކަމަށް ހައްލެއް ފާއިތުވީ 8 އަހަރު ތެރޭގައި ހޯދިފައި ނުވެއެވެ. ކޮންމެ ބަޔަކުވެސް ސަރުކާރުގައި ތިބެ، ރައްޔިތުންގެ ހައްޤުތަކުގެ ވާހަކަ އަނގަ ފުޅާކޮށްފައި ދައްކާއިރު، މިއީތޯ ރައްޔިތުންނަށް ހައްޤު މިންވަރަކީ ސުވާލު އުފެދެއެވެ.
މިފަދަ އިޖުތިމާޢީ ކަމެއްގެ ވާހަކަ ދައްކާއިރު، ތިނަދޫގެ ވެރިންގެ ގޮތުގައި ރައްޔިތުން އައްޔަންކޮށްފައިވާ ވެރިންގެ ބަހެއްވެސް ހޯދާލުން މުހިންމުކަމެއްގެ ގޮތުގައި ދެކެމެމެވެ. ތިނަދޫ ކައުންސިލްގެ ރައީސް އަލީ އަމްޖަދު "ގާފު" އޮންލައިންއަށް މަޢުލޫމާތު ދީފައިވާ ގޮތުގައި، މިފްލެޓް މަޝްރޫއުގެ އެއްވެސް އަޕްޑޭޓެއް ކައުންސިލަށް ހައުސިންގް މިނިސްޓްރީ އިން ދީފައި ނުވެއެވެ. އަމްޖަދު އިތުރަށް މަޢުލޫމާތު ދެއްވާ ގޮތުގައި، އެބިން އެގޮތަށް އޮތުމަކީ ކައުންސިލަށް ލިބިގެންދާ ވަރަށް ބޮޑު ގެއްލުމެކެވެ. އެބިމާއިމެދު އަމަލު ކުރަންވީގޮތެއް ސާފުކުރުމަށް ހައުސިންގް މިނިސްޓްރީއަށް ތަފާތު ސިޓީ ފުނުވިފައި ވެއެވެ. ނަމަވެސް މިއަދާ ހަމަޔަށްވެސް، އަމަލުކުރަންވީ ގޮތެއް އަންގާފައި ނުވެއެވެ. ބައެއްގެ މުދާ އެބިމުގައި ހުރެފައި، ބައެއް ތަކެތި ވަގަށް ގެންގޮސް ތަފާތު ކަންކަން ހިގައިފައިވާ ކަންވެސް ހައުސިންގް މިނިސްޓްރީއަށް އަންގާފައި ވާނެއެވެ. މިބިމާ މެދު އަމަލުކުރަންޖެހޭ އެއްވެސް އިރުޝާދެއް ސަރުކާރުގެ ފަރާތުން ކައުންސިލަށް ދީފައި ނުވެއެވެ.
ތިނަދޫގެ އެންމެ ރީތި އެއް ހިސާބުގައި، މޫނުމަތީގައި ޖެހިފައިވާ ލައްގަނޑެއް ހެން، ވީރާނާވާން ދޫކުރެވިފައިވާ މިސައިޓް، ތާއަބަދު ހުންނާނީ ހަމަ މިހެންބާއެވެ؟ މިކަމުގެ ޒިންމާ ނަގާނެ ފަރާތެއް ހަމަ ނެތީ ބާއެވެ؟ ރައްޔިތުންގެ ލާބަ އާއި މަންފާއަށް، ހިންގޭ މިފަދަ ޕްރޮޖެކްޓްތައް ނިމުން އަންނަން ޖެހޭ ގޮތަކީ މިއީތޯ ސުވާލު އުފެދެއެވެ. ރައްޔިތުންނާއި ސީދާ ގުޅިފައިވާ ބޯހިޔާވަހިކަމުގެ މިފަދަ ކަންކަން ހައްލުކުރުމަށްވެސް، ސިޓީ ފުނުވައިގެން 8 އަހަރު ވާއިރުވެސް، ޖަވާބުގެ އިންތިޒާރުގައި ތިބެންވީތޯއެވެ؟
8 Responses
މަ ހީކޮޅައު ވަރަށް ސީރިއަސް ވަހަކައިކެ ކަމަން…
ވަރަން ފައްކާ ލިޔުމެކެ.
ގާފު ނޫހާ ވަރަށް ކޮލަޓީ މިހިދެ!
އެމްޑީޕީ ސަރުކާރުއަސް، ވަހީދު ސަރުކާރުއަސް، ޕީޕީއެމް ސަރުކާރުއަސް، މިސަރުކާރުއަސް ތެނަދޫގައި ތޯ އެމްޑީޕީ ކައުންސެލަރުންނެ. ތެނަދޫގެ އެމް ޕީ އަން އަސް ތޯ އެމްޑީޕީ ނުން ފެހޭ ޖޭޕީ ބައިކެންނެ. ތެނަދޫއަކޫ އެމްޑީޕީ ސުޕަމެޖޯރިޓީ ރަޓެކެ އަދިޔަސް. އެކަމަކު ރަޓު ތާރަ އޮޑޫ ޕީޕީއެމް ވެރިކަމު. ނަރުދަމާއަސް، ފްލެޓަސް އޮޑޫ އެވެރިކަމު. މިވެރިކަމު އަދި މިރަޓަން ރަނގަޅެ ކަމެކެ ނުވެއި. އެމްޑީޕީ ވެރިކަމު ނިމުނެ އައިސް ޕްލާންޓާސް، މަހަކަޑަނެ ތަނާސް އެހުއްޓޫ ހާލުގައި. އަދިއަސް ރައްޔިތުންނަން އެމްޑީޕީއެގެ އައިބެކެ ނުފެނެންނެއި.
ދޮގަކަސް ނުން. މި ވެރިކަމު އާއު ކޮވިޑް އެކަނި. އޭ ވީ ކަމާ. ތި ކައުންސިލަރުންނަން އެގެންނާ ހުސް ފޮނި ކަޑަންނަން އެކަނި.
މި ރިޕޯޓް ލިޔުންތެރިޔާ ވަރަށް ސަޅިކޮށް ފްލޯ ގެނެސްފައިވާކަން ފާހަގަ ކުރެވެއެވެ. ސުރުހީގެ ސަބަބުން އެންމެންގެ ނަޒަރު ރިޕޯޓް ކިޔުމަށް ޝައުގުވެރި ކުރުވާފި. އަދި އެކަތި އަނެކެއްޗާ ގުޅުވާލެވިފައިވާގޮތް ވަރަށް ސަޅި. ނޫސްވެރިން ވާންޖެހެނީ މިކަހަލަ މީހަކަށް. ފެންނަފެނުމަށް މަސައްކަތްތަކެއް ކޮށްފައިހުރިކަން ފާހަގަކުރެވެއެވެ. ތިގޮތަށް ކުނިގޮށޑުގެ ވާހަކަ ގެނެސްދީބަލަ. އެހިސާބުގައި އުޅޭ ރައްޔިތުންނަށް އޭގެ ދުންތަކުގެ ސަބަބުން ހާދަ އުދަގުލެކޭ އެވަނީ. އެހެންނޫނަސް އެތަނުގައިވާ ފެންގަޑުވެސް ކިލަބުން ފޯވެއްޖެ.
ޝުކުރިއްޔާ ގާފު
ތީ ޙަޤީޤީ ނޫސްވެރިކަމައްކޫ އަތޮޅޭތެއި ތިކަހަލައި ކަންކަމަން މީހިންނެ ސަމާލު ކޮޅައުމާ
ޙުރައި ފަައްކާހީ ތިފަރުބަދާން އަރަން ބޭނުން މީހިއްނަން ޓިކެޓު ވިއްކަން ވޫ ކުން :::ބޮލާ ފަޑައިން އެޔަނެވަރާ ވެއި މިއީ ސަރުކާރެކެ????
އަދި މާމިގިލީ ލޮލަކުން ނުޱެކެމު ދޯ. ގޮހޯ ބަލައިލެޔާ