ކޮވިޑް-19 ވެކްސިން ރާއްޖޭގެ ހަތް ހޮސްޕިޓަލެއްގައި މާދަމާ ދޭން ފަށާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.
އެޗްޕީއޭ އިން މިއަދު ކުރި އިއުލާނެއްގައި ވަނީ މާލެ ސަރަހައްދުގައި ވެކްސިން ދިނުމަށް ހަމަޖެހިފައި ވަނީ އައިޖީއެމްއެޗް، ހުޅުމާލެ ހޮސްޕިޓަލް، ވިލިމާލެ ހޮސްޕިޓަލް، އޭޑީކޭ ހޮސްޕިޓަލް، އަދި ޓްރީ ޓޮޕް ހޮސްޕިޓަލްގައި ކަމަށެވެ. އަދި އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް، ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގައި ވެސް ވެކްސިން ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޕީއޭގެ އިއުލާންގައިވެއެވެ.
ކޮވިޑް-19 ބަލިމަޑުކަމުން ރައްކާތެރިވުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން، ރާއްޖޭގައި ކޮވިޑް-19 ވެކްސިން ޖަހަން ފަށާއިރު ފުރަތަމަ ޖަހާނީ ކުރީ ސަފުގައި މަސައްކަތްކުރާ ސިއްހީ ހިދުމަތްތެރިންނަށް އިސްކަން ދީގެން ކަމަށް މިނިސްޓްރީން ބުނެއެވެ.
އަދި ކުރިއަށް އޮތްތަނުގައި ވެކްސިން ޖަހަމުން ގެންދާނީ، ވެކްސިން ދިނުމަށް ކަނޑައަޅާފައިވާ އިސްކަން ދޭ ތަރުތިބާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. މީގެ އިތުރުން މިނިސްޓްރީން ބުނީ ރާއްޖޭގެ ހުރިހާ ސަރަހައްދު ތަކެއްގައި ވެސް ކުރިޔަށް އޮތް ދުވަސްތަކުގައި ވެކްސިން ދޭން ފަށާނެ ކަމަށެވެ.
ރާއްޖޭގައި ދިނުމަށް ހަމަޖެހިފައި ވަނީ އިންޑިއާ އިން ހަދިޔާ ކުރި އޮކްސްފޯޑް-އެސްޓްރަޒެނެކާގެ ކޮވިޑް-19 ވެކްސިނެއް ކަމަށްވާ "ކޮވިޝީލްޑް"އެވެ. މި ވެކްސިނަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ވަނީ ހުއްދަ ދީފައެވެ. އިންޑިއާ އިން ރާއްޖެ އަށް ވެކްސިންގެ 100،000 ޑޯޒް ދީފައިވާ އިރު، މި ވެކްސިން އަދި ޖެހޭނީ 50،000 މީހުންގެ ގަޔަށެވެ. އެއީ ކޮންމެ މީހެއްގެ ގަޔަށް ދެ ޑޯޒް ޖަހަން ޖެހޭތީއެވެ.