
ރާއްޖޭގެ ފަތުރުވެރިކަން އެންމެ އާދައިގެ ގޮތަކަށް ފެށިގެން، ދުނިޔޭގެ އެންމެ މަގްބޫލު މަންޒިލަށް
# ފަތުރުވެރިކަމުގެ ރަން އަހަރުbig_tUPIM1Eqc5s0vR06cO9iHjrxh
އިޓަލީގެ ރައްޔިތެއް ކަމުގައިވާ ޖޯޖް ކޯބިންއަކީ އެކި ގައުމުތަކަށް ދަތުރުކުރަން ބޭނުންވާ މީހެކެވެ. މީގެ 50 އަހަރު ކުރިން ޖޯޖް ކޯބިން ރާއްޖެ އައުން ވެގެންދިޔައީ ރާއްޖޭގެ ފަތުރުވެރިކަމުން ބިންގާ އެޅުމުގެ އަސްލަށެވެ. މުޅި ދުނިޔެއަށް ރާއްޖޭގެ ރީތިކަން އިސްތިހާރު ކޮށްދިން މޭސްތިރިއެވެ.

ޖޯޖޯ ކޯބިން ރާއްޖެ އަންނަން ބޭނުންވެގެން އެންމެ ފުރަތަމަ ދިޔައީ ސްރީލަންކާގައި ހުންނަ ރާއްޖޭގެ އެންބަސީއަށެެވެެ. އެތަނުން އޭނާއާއި މިހާރުގެ ހެލްތު މިނިސްޓަރ އަހުމްދު ނަސީމްއާއި ބައްދަލުވިއެވެ. އަދި ދެކެވުނު ވާހަކަތަކަށްފަހު ކޯބިން ރާއްޖެ އައުމުގެ މަސައްކަތް ފެށިއެވެ. ވައިގެ މަގުން ރާއްޖެ އާދެވޭނެ ގޮތެއް ނެތުމުން އޭނާ ރާއްޖެ އަންނަން ޖެހުނީ ކަނޑުބޯޓެއްގައެވެ.
ރާއްޖޭގެ ފަތުރުވެރިކަން ފެށުނު ގޮތަށް އަލިއަޅުއްވާލައްވާ ވާހަކަދައްކަވަމުން ރާއްޖެއަށް ފަތުރުވެރިކަން ތަޢާރަފުކޮށްދެއްވި ބާނީއެއް ކަމަށްވާ މުހައްމަދު އުމަރު މަނިކު ވިދާޅުވީ، ކޯބިންއާއި ދިމާވުމުން ރާއްޖެއަކީ ފަތުރުވެރިކަން ކުރިއެރުވިދާނެ ތަނެއްކަން އޭނާއަށް ވިސްނުނުކަމަށެވެ. އަދި ކޯބިންވެސް ބޭނުންވީ ރާއްޖޭގައި ފަތުރުވެރިކަން ތައާރަފުކުރަން ކަމަށާއި އެހިސާބުން އުމަރުމަނިކާއި، އަފީފްއާއި އަދި ނަސީމްއަށްވެސް އިތުރު ހިތްވަރެއް ލިބިގެންދިޔަކަމަށެވެ.
"އެއިރު ދުނިޔޭގައި ފަތުރުވެރިކަން އޮތީ މާބޮޑަށް ފެތުރިފަ. ސިލޯނުގައި ހުރިހާ ހޮޓާތައް ފުރިފައި. ތައިލޭންޑް ތަންތަން ފުރިފައި. އިންޑޮނޭޝިއާގެ ބާލީއާއި ތަންތަން ފުރިފައި. އަޅުގަނޑުމެންގެ ރާއްޖޭގައި ހަމަ އެއްވެސް ކަމެއްނެތް. އެއްވެސް ދުނިޔޭގެ ބަޔަކު ޝައުގުވެރިކަމެއް ނެގީކީއެއްވެސް ނޫން. އެހެންވީމަ އަޅުގަނޑު ބުނާނީ ނަސީބެކޭ ކޯބިން އައިކަން. އެހެންނޫންނަމަ އަޅުގަނޑުމެން އޮތީހީ ހަމަ މިހެން އިނގޭތޯ. ބޭރުމީހުން ކޮންވިންސް ކުރަން އުޅުނަސް އަޅުގަނޑުމެންނަކަށް އެކަމެއް ނުކުރެވޭ. މާބޮޑު ހިޔާލެއްވެސް އަޅުގަނޑުމެންގެ ތެރެއަކު ނެތް." އެމްޔޫ މަނިކު ވިދާޅުވިއެވެ.
ރާއްޖެ އުފެދިފައިވާ ގޮތާއި، ރާއްޖޭގައި މާ ގިނަ ވަސީލަތްތައް ނެތުމުގެ ސަބަބުން ފަތުރުވެރިކަމަކީ ރާއްޖޭގައި ފުޅާކުރެވިދާނެ ކަމެއް ކަމުގައި ގިނަ ބަޔަކު އޭރު ގަބޫލެއް ނުކުރެއެވެެ. އެހެން ނަމަވެސް ކޯބިން އެނބުރި ގައުމަށް ގޮސް، މުހައްމަދު އުމަރު މަނިކުއާއި، ހުސައިން އަފީފްގެ އިތުރުން މިހާރުގެ ހެލްތު މިނިސްޓަރ ނަސީމްގެ ބެލުމުގެ ދަށުން އެންމެ ފުރަތަމަ ފަތުރުވެރިންގެ ގްރޫޕެއް ރާއްޖެ އައީ 16 ފެބްރުއަރީ 1972 ގައެވެ.
22 މީހުންގެ މި ގްރޫޕް ރާއްޖޭގައި 12 ދުވަސްވަންދެން ތިއްބެވެ. މި ގްރޫޕް ރާއްޖެއައީ އިޓަލީގެ މިލާނުން ފުރައިގެން ސްރީލަންކާއަށް އައިސް، ސްރީލަންކާގެ އެއަރ ސިލޯނުގެ ބޯޓެއް ޗާޓަރކޮށްގެންނެވެ. އެމީހުން އައިސް ތިބީ މާގިރީ، ލަކްސް ހުޑް އަދި ކަނީރު ވިލާގައެވެ.
ރާއްޖެއަށް ފުރަތަމަ ޒިޔާރަތްކުރި ގްރޫޕުގައި ތިއްބެވި އިޓަލީވިލާތުގެ ބައެއް ނޫސްވެރިން ވަނީ އެމީހުންގެ ދަތުރު ނިންމަވާ އެނބުރި ގައުމަށްގޮސް، ރާއްޖޭގައި އެމީހުންނަށް ކުރެވުނު ތަޖުރިބާ ނޫސްތަކުގައި ލިޔެފައެވެ. އެކަން ވެގެން ދިޔައީ އެހެން މީހުން ރާއްޖެއާމެދު ޝައުގުވެރިކަން ކުރުވި ކަމަކަށެވެ. އަދި މި ދަތުރަށްފަހު ރާއްޖޭގައި ރިސޯޓެއް ހެދުމުގެ މަޝްވަރާވެސް ވަނީ ކުރެވިފައެވެ.
ރާއްޖޭގެ އެންމެ ފުރަތަމަ ރިސޯޓް ހުޅުވުނީ އޮކްޓޯބަރ މަހުގެ 3 ވަނަ ދުވަހުއެވެ. އެއީ މާލެ އަތޮޅުގެ ވިހަމަނާފުށީގައި ހުޅުވި ކުރުނބާ ވިލެޖް ނުވަތަ މިހާރުގެ ނަމުންނަމަ ކުރުނބާ މޯލްޑިވްސްއެވެ. މިތަން ހަދާފައިވަނީ ވަރަށް އާދައިގެ ގޮތަކަށް އުވަޖަހައިގެންނެވެ. ފުރަތަމަ ރިސޯޓާއެކުވެސް ފަތުރުވެރިކަމުގައި ރާއްޖެ ވަނީ ގޮންޖެހުންތަކަކާއި ކުރިމަތިލާންޖެހިފައެވެ.
ކުރުނބާ މޯލްޑިވްސް ރިސޯޓަކީ 30 ކޮޓަރީގެ ރިސޯޓެކެވެ. އެއީ މުޅި ޖުމްލަ 60 އެނދެވެ. މިއަދު ރާއްޖޭގައި 170 ރިސޯޓާއި، 866 ހޮޓެލް އަދި ގެސްޓްހައުސްގެ އިތުރުން 154 ސަފާރީ އުޅަނދު ދަނީ ރަޖިސްޓްރީކޮށްގެން ފަތުރުވެރިންނަށް ޙިދުމަތް ދެމުންނެވެ. މިއީ މުޅި ޖުމްލަ 59،601 އެނދެވެ.
މިއަދު ރާއްޖެއަކީ ދުނިޔޭގެ ނަން މަޝްހޫރު ގިނަ ބްރޭންޑްތަކެއްގެ ރިސޯޓްތަކެއް އޮޕަރޭޓްކުރަމުން އަންނަ ފަތުރުވެރިކަމުގައި ނަން މަޝްހޫރު ކާމިޔާބު މަންޒިލެކެވެ. ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ސަރުކާރުންވެސް ވަރަށް މުހިންމު މަސައްކަތްތަކެއް ކުރައްވާފައިވާކަން ފަތުރުވެރިކަމުގެ ބާނީން ފާހަގަކުރައްވައެވެ.
މިއަދު ދުނިޔޭގައި ރާއްޖެ ނޭންގޭ މީހެއް ރާއްޖެއަށް ނުލިބޭ އެވޯޑެއް ނެތެވެ. ރާއްޖެ ވަނީ ދުނިޔޭގެ އެންމެ މަޤްބޫލު މަންޒިލްގެ ލަޤަބު ވިދިވިދިގެން 2 އަހަރު ހޯދާފައެވެ. ދުނިޔޭގެ އެހެން ޤައުމުތައް މިއަދު ފަތުރުވެރިކަމުގައި މިސާލެއްގެ ގޮތުގައި ބަލާ ޤައުމަކަށް ރާއްޖެ ވެއްޖެއެވެ.
ފަތުރުވެރިކަމަށް 50 އަހަރު މިއަދު ރާއްޖެއިން ފާހަކުރާއިރު ވަރަށް އާދައިގެ ގޮތަކަށް ފަށައިގެން އައި ފަތުރުވެރިކަން މިއަދު ވަނީ ދުނިޔޭގެ އެންމެ އުހަށް ދަތުރުކޮށްފައެވެ. މިއީ މި ދާއިރާގެ ފަރާތްތަކުގެ ބުރަ މަސައްކަތާއި ހިތްވަރާއި އެކު ލިބުނު ކާމިޔާބީއެކެވެ. ވަކިން ޙާއްސަކޮށް ދިމާވި ގޮންޖެހުންތަކާއި އެކުވެސް ހުއްޓާނުލައި ފަތުރުވެރިކަމާއެކު ކުރިއަށްދިއުމުގެ ފޮނި މީރުކަމެވެ.
ގުޅުންހުރި

ޕްރައިވެޓް ސެކްޓަރުން ގެންނަ ސިނާއަތަށް ސަރުކާރުން ނުވަނުމުގެ ނަތީޖާ ރަނގަޅު - ރައީސް

ޕްރެޒިޑެންޓްސް ޓޫރިޒަމް ގޯލްޑް އެވޯޑް 77 ފަރާތަކަށް

ދަތުރުފަތުރުގެ ފަސޭހަ ނިޒާމެއް ހުވަދު އަތޮޅަށްވެސް ގެންނަން މަސައްކަތް އެބަކުރަން - ރައީސް
