
އަހަރެމެންނަކީ ދުނިޔޭގެ ޒީނަތްތެރިކަމުގެ އަވާގައިޖެހި އާޚިރަތް ހަނދުމަނެތިކުރާ ބަޔަކަށް ވެގެން ނުވާނެ - ޚުޠުބާ
# ޚުޠުބާ1625819703mosque4
އަހަރެމެންނަކީ ދުނިޔޭގެ ޒީނަތްތެރިކަމުގެ އަވާގައި ޖެހި އާޚިރަތް ހަނދުމަނެތިކުރާ ބަޔަކަށް ވެގެން ނުވާނެ ކަމަށާއި، ލޯތަކަށް ފެންނަން އޮތް އެންމެ ބޮޑު ޙަޤީޤޤަތް ކަމުގައިވާ މަރާމެދު ޣާފިލުވެފައިވާ ބަޔަކު ކަމުގައި ވެގެން ނުވާނެ ކަމަށް މިއަދުގެ ޚުތުބާގައި އިލްތިމާސްކޮށްފައިވެއެވެ. ވީމާ، ހެޔޮލަފާ ބާއްޖަވެރި ދިރިއުޅުމަކަށްފަހު، ހެޔޮ ރަނގޅު ނިމުމެއް މިންވަރު ކުރެއްވުން އެދި ތާއަބަދު މާތްﷲ އަށް ދުޢާ ކުރުންމަތީ ދެމިތިބުމަށްވެސް މިއަދުގެ ޙުތުބާގައި އިރުޝާދުދެއްވާފައިވެއެވެ.

މަރަށް ތައްޔާރުވުމާއި ގުޅޭގޮތުން މިއަދުގެ ޚުތުބާ ޚާއްސަކޮށްފައިވާއިރު، މާތްﷲ ޚަލްޤުކުރައްވައި ފުރާނަ އަޅުއްވާފައިވާ ކޮންމެ މަޚްލޫޤަކީ، މަރުގެ ރަހަ ދެކި ފަނާވެފަނިވި އެއްޗެއް ކަމަށާއި، މާތްﷲ ގެ ޒާތުފުޅު މެނުވީ އެހެން ހުރިހާ ތަކެއްޗެއް ފަނާވެދާހުރި ކަމަށް މިއަދުގެ ޚުޠުބާގައި ވަނީ ހަނދުމަކޮށްދެއްވާފައެވެ.
އެކަލާންގެ ވަނީ އެންމެހާ އަޅުތަކުންގެ އަޖަލު ކަނޑައަޅުއްވައި އައްލައުޙުލް މަޙްފޫޡުގައި ލިޔުއްވާފައި ކަމަށާއި، އެގޮތާ ކުޑަކޮށްވެސް ތަފާތެއް ނެތި، އަދި ލަސްވުމެއް، އަވަސްވުމެއް ނެތި، އެމީހެއްގެ އަޖަލު އެމީހަކާ ބައްދަލުކުރާނެއެވެ. އިންސާނުންގެ ތެރެއިން ޤަތުލުވާ މީހުންނާއި، ޣަރަޤުވާ މީހުންނާއި، އެކްސިޑެންޓްތަކުގައި މަރުވާ މީހުންނާއި، އަލިފާނުގެ ހާދިޘާތަކާއި، އެހެނިހެން ސަބަބުތަކާ ހެދި މިދުނިޔެއިން ވަކިވެގެންދާ މީހުންވެސް ވަކިވެގެންދަނީ އޭނާގެ އަޖަލު ފުރިހަމަ ކޮށްފައި ކަމަށްވެސް މިއަދުގެ ޚުޠުބާގައި ބަޔާންކޮށްފައިވެއެވެ.
އިންސާނާގެ ގާތަށް މަރު އަންނަނީ ކޮން ވަގުތަކުކަމެއް އޭނާއަކަށް ނޭނގޭނެ ކަމަށާއި އެކަން ދެނެވޮޑިގެން ވަނީ ހަމައެކަނި މާތްﷲ އަށް ކަމަށެވެ. އަދި ޣައިބުގައިވާ ކަންކަމުގެ ތަޅުދަނޑި މިލްކުވެވޮޑިގެންވަނީ ހަމައެކަނި އެކަލާނގެއަށެވެ.
"އަދި ޣައިބުގެ ތަޅުދަނޑިތައްވަނީ، އެކަލާނގެ އަޟްރަތުގައެވެ. އެކަލާނގެ މެނުވީ، އެކަންތައްތައް ދެނެވޮޑިގެންނުވެތެވެ. އެއްގަމާއި، ކަނޑުގައިވާ ކަންތައްތައް އެކަލާނގެ ދެނެވޮޑިގެންވެތެވެ. އެކަލާނގެ ދެނެވޮޑިގެން މެނުވީ ގަހެއްގެ ފަތެއްވެސް ނުވެއްޓެއެވެ. އަދި ބިމުގެ އަނދިރިކަމުގެ ތެރޭގައިވާ އޮށްޓަރެއްވިޔަސް، އަދި ރޯއެއްޗެއްވިޔަސް، ހިކިއެއްޗެއްވިޔަސް، ބަޔާންވެގެންވާ ފޮތެއްގައި (ލިޔުއްވާފައި) މެނުވީ ނުވެތެވެ." މާތްﷲ ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.
މިއަދުގެ ޚުޠުބާގައި ބަޔާންކުރައްްވާފައިވާ ގޮތުގައި، ކާފަރުންނާއި ފާޖިރުން، މުޢުމިނުންނަށްވުރެ ބޮޑަށް މަރުގެ ވޭނުގައި އުޅޭނެއެވެ. ކާފަރުންނާއި ފާޖިރުންގެ ރޫޙު އެމީހުންގެ ހަށިގަނޑާ ވަކިވެގެންދާ ވަގުތު، މަލަކުލްމައުތުގެފާނު އެ ރޫޙާ މުޚާތަބު ކުރައްވައި ވިދާޅުވާނެއެވެ. "އޭ ހުތުރުވެގެންވާ ނަފުސާއެވެ! މާތް ﷲ ގެ ކޯފާގެ ތެރެއަށް ތިބާ ނުކުންނާށެވެ!"
ގުޅުންހުރި

ކޮންމެ އިންސާނަކީވެސް އެމީހަކު ކުރާ ކަންތައްތަކަށް މަސްއޫލުވާން ޖެހޭ މީހެއް - ޚުޠުބާ

ނަމާދަކީ ހިތަށް ހަމަޖެހުން ލިބި، ކަންބޮޑުވުމާއި ހާސްވުމުން ސަލާމަތްކޮށްދޭ އަޅުކަމެއް - ޚުޠުބާ

އަހަރެމެންނަކީ ދުނިޔޭގެ ޒީނަތްތެރިކަމުގެ އަވާގައިޖެހި އާޚިރަތް ހަނދުމަނެތިކުރާ ބަޔަކަށް ވެގެން ނުވާނެ - ޚުޠުބާ
