logoEN
cocacola
އިމްޕޯޓު އިތުރުވެ ދައުލަތަށް ލިބުނު އާމްދަނީ %36 އިތުރުވެއްޖެ

އިމްޕޯޓު އިތުރުވެ ދައުލަތަށް ލިބުނު އާމްދަނީ %36 އިތުރުވެއްޖެ

އައިޝަތު އިފާޝާ

logo

9/23/2022, 1:30:25 PM

# ދައުލަތުގެ އާމްދަނީ

SBU-Photos-Optimized_Hulhumale-Terminal_1600x900-1

މިއަހަރުގެ އޮގަސްޓުމަހު ރާއްޖެއަށް އިމްޕޯޓްކުރި މުދަލުގެ އަގު މިދިޔަ އަހަރުގެ އޮގަސްޓުމަހާ އަޅާބަލާއިރު 48 އިންސައްތަ އިތުރުވެއްޖެއެވެ.

ގޮސިޔާ

މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ އޮގަސްޓުމަހު ރާއްޖެއަށް 3.3 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާއިރު މިއަހަރުގެ އޮގަސްޓުމަހު ރާއްޖެއަށް 4.8 ބިލިއަން ރުފިޔާގެ މުދާ ވަނީ އިމްޕޯޓްކޮށްފައެވެ.

މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ އޮމާން، އިންޑިއާ، ޗައިނާ، ޔޫ.އޭ.އީ އަދި ސިންގަޕޯއެވެ. އޮމާންއިން 1.1 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، އިންޑިއާއިން 722 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ.

މީގެއިތުރުން ޗައިނާއިން 510 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ. ޔޫ.އޭ.އީން 466 މިލިއަން ރުފިޔާގެ މުދާ އަދި ސިންގަޕޯއިން 402 މިލިއަން ރުފިޔާގެ މުދާ ރާއްޖެއަށް އެތެރެކޮށްފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް އިމްޕޯޓުކޮށްފައި ވަނީ މެޝިނަރީއާއި އިލެކްޓްރިކް ސާމާނާއި، ކާބޯތަކެތީގެ ބާވަތްތަކާއި، ތެލުގެ ބާވަތްތަކެވެ.

އިމްޕޯޓު އިތުރުވި ނަމަވެސް އޮގަސްޓުމަހު ރާއްޖެއިން މުދާ ބޭރުކުރި މިންވަރުވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ އޮގަސްޓުމަހު ރާއްޖެއިން 247 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓުކޮށްފައިވާއިރު، މިއަހަރުގެ އޮގަސްޓުމަހު އެކްސްޕޯޓުކޮށްފައި ވަނީ 115 މިލިއަން ރުފިޔާގެ މުދަލެވެ. މިއީ 53 އިންސައްތަ ދަށް އަދަދެކެވެ.

މިދިޔަމަހު ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓު ކޮށްފައިވަނީ ޖަރުމަނުވިލާތް، މޮރިޝަސް، އިނގިރޭސިވިލާތް، ބަންގްލަދޭޝް އަދި އިންޑިއާއަށެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއިން އެކްސްޕޯޓުކުރި މުދަލުގެ 24 އިންސައްތަ އެކްސްޕޯޓުކޮށްފައިވަނީ ޖަރުމަންވިލާތަށެވެ. އަދި %20 މުދާ މޮރިޝަސްއަށް އެކްސްޕޯޓުކޮށްފައިވާއިރު، ރާއްޖެއިން އެކްސްޕޯޓުކުރި މުދަލުގެ %17 އެކްސްޕޯޓުކޮށްފައިވަނީ އިނގިރޭސިވިލާތަށެވެ. ރާއްޖެއިން އެންމެ ގިނަ އަދަދަކަށް ބޭރުކޮށްފައިވަނީ ގަނޑުކުރި ކަނޑުމަހުގެ ބާވަތްތަކެވެ.

ކަސްޓަމްސްއިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން އިމްޕޯޓު ކުރި އަދަދު އިތުރުވުމާއެކު ދައުލަތަށް ލިބުނު އާމްދަނީވެސް ވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ އޮގަސްޓުމަހު ދައުލަތަށް އިމްޕޯޓާއި އެކްސްޕޯޓުން 288 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، މިއަހަރުގެ އޮގަސްޓުމަހު މިޢަދަދު ވަނީ 391 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ. މިއީ 36 އިންސައްތަ އިތުރު އަދަދެކެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަމަހު ރާއްޖެއަށް މުދާ ހިފައިގެން 84 އުޅަނދެއް އައިސްފައިވެއެވެ. އަދި 103 އުޅަނދެއް ފުރާފައިވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ