
GMG_7342
ތިނަދޫ ކައުންސިލް އޮފީސް ފުޓްސަލް މުބާރާތުގައި މިރޭ އޭސީޕީޑަބްލިއުއެސް އާއި އެސްޓީއޯ ބައްދަލުކުރި މެޗު ފަސޭހަކަމާއެކު އޭސީޕީޑަބްލިއުއެސް އިން ކާމިޔާބުކޮށްފި އެވެ.

އޭސީޕީ ޑަބްލިއު އެސް އިން މި މެޗު ކާމިޔާބުކުރީ 4-1 ގެ ނަތީޖާއަކުންނެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި އޭސީޕީޑަބްލިއުއެސް އިން ވަނީ ގިނަ ވަގުތު ބޯޅަ ހިފަހައްޓައި އެސްޓީއޯ ގޯލަށް ނުރައްކާ ހަމަލާތަކެއް ފޮނުވާލާފައެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން އެޓީމަށް ކާމިޔާބުކުރެވުނީ 1 ގޯލެވެ. މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ 6ވަނަ މިނެޓުގައި އެޓީމުގެ ޖާޒީ ނަންބަރު 17، ޔައީޝް އަލީ ޝާމް އެވެ.
ދެވަނަ ހާފު ފެށިގެންވެސް އޭސީޕީޑަބްލިއުއެސް އިން ވަނީ އެސްޓީއޯކޮޅަށް ނުރައްކާކޮށްފައެވެ. ދެވަނަ ހާފުގެ 7 ވަނަ މިނެޓުގައި އޭސީޕީޑަބްލިއުއެސް އިންވަނީ އިތުރު ގޯލެއް ކާމިޔާބުކޮށް ޅީޑު ފުޅާކޮށްފައެވެ. މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ޖާޒީ ނަންބަރު 3 ނަވާޒު އަހުމަދު އެވެ. ނަވާޒު މި ގޯލް ކާމިޔާބުކުރީ އެޓީމު ކުޅުންތެރިއަކު ގޯލަށް ފޮނުވާލި ބޯޅައެއް އެސްޓީއޯގެ ކުޅުންތެރިއެއްގެ ފައިގައި ޖެހި އޭރިއާ ބޭރަށް ނުކުތް ބޯޅައެއް ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ. އޭގެ 2 މިނެޓުފަހުން ކައުންޓައެޓޭކެއްގައި ލިބުނު ބޯޅައެއްގެ ބޭނުން ހިފައި ނަވާޒު ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 3-0 އަށް ބަދަލުކޮށްފައެވެ.
ދެވަނަ ހާފުގައި އޭސީޕީޑަބްލިއުއެސް އަށް ފުރަތަމަ ގޯލް ކާމިޔާބުކޮށްދިން ޔައީޝް ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށް ލީޑު އިތުރަށް ފުޅާކޮށްފައެވެ. އޭނާ މި ގޯލް ކާމިޔާބުކުރީ ދެވަނަ ހާފުގެ 15ވަނަ މިނެޓުގައެވެ. ދެވަނަ ހާފުގައި ގޯލެއް ޖެހުމަށް އެސްޓީއޯއިންވެސް ވަނީ ފުރުސަތުތަކެއް ހޯދާފައެވެ. މެޗު ނިމެން ބާކީ 3 މިނެޓް އޮއްވައި އެސްޓީއޯއިން ވަނީ ގޯލެއް ކާމިޔާބުކޮށްފައެވެ. އެޓީމަށް މި ގޯލް ކާމިޔާބުކޮށްދިނީ އެޓީމުގެ ޖާޒީ ނަންބަރު 66، ޖަވާދު އަބްދުއްސަމަދު އެވެ. ޖަވާދު މި ގޯލް ކާމިޔާބުކުރީ އަމިއްލަ ހާފް އޭރިއާތެރޭގައި ހުރެ އެސްޓީއޯ ގޯލަށް ފޮނުވާލި ބޯޅައެއް ކީޕަރު ބޯ މަތިން ގޯލްތެރެއަށް އޮއްސާލައިގެންނެވެ.
މި މެޗުގެ މޭން އޮފްދަ މެޗަކަށް ހޮވިފައިވަނީ އޭސީޕީޑަބްލިއުއެސް ގެ ޖާޒީ ނަންބަރު 3، ނަވާޒު އަހުމަދު އެވެ. އޭނާ ވަނީ މި މެޗުގައި އެޓީމަށް 2 ގޯލް ކާމިޔާބުކޮށްދީފައެވެ.
މި މުބާރާތުގައި އަންނަ ހުކުރު ދުވަހު ރޭ އެސްޓީއޯ ދެން ބައްދަލުކުރާނީ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ޓީމާއެވެ. ހަމަ އެރޭ އޭސީޕީޑަބްލިއުއެސް ނުކުންނާނީ އެމްއެންޑީއެފް އާ ދެކޮޅަށެވެ.
މިއަހަރުގެ ތިނަދޫ ކައުންސިލް އޮފީސް ފުޓްސަލް މުބާރާތަކީ ހުވަދޫ ރެކްރިއޭޝަނާއި ގުޅިގެން ކުރިޔަށް ގެންދާ މުބާރާތެކެވެ. މިއަހަރުގެ މުބާރާތުގައި ޖުމުލަ 11 ޓީމަކުން ވަނީ ބައިވެރިވެފައެވެ. މިއަހަރުގެ މުބާރާތްވެސް ކުރިޔަށް ގެންދަނީ 2 ގްރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން އެއްގްރޫޕުގައި 6 ޓީމް ހިމެނޭ އިރު އަނެއް ގްރޫޕުގައި 5 ޓީމް ހިމެނޭނެ އެވެ.
މިއަހަރުގެ މުބާރާތުގެ ކޯ ސްޕޮންސަރުންނާކީ އެމްޓީސީސީ، މިފްކޯ ، އެފްއެސްއެމް އަދި އެސްޓީއޯ އެވެ. މުބާރާތުގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ ގާފު އޮންލައިންއެވެ. ބެވަރޭޖަސް ޕާޓްނަރުންނަކީ ގޯސިއާ އާއި އެވިއާ އެވެ. ޕްރިންޓް ޕާޓްނަރަކީ ނޯވާޓެކެވެ.