
ޚުޠުބާ - މިސްކިތް
ޚިޔާލު ތަފާތުވިޔަސް ވާހަކަދެއްކުމުގައި ހިފަހައްޓަން ޖެހޭ އަދަބުތަކެއްވާ ކަމަށައި، އެކަމުގެ ސަބަބުން އެކަކު އަނެކަކުގެ އަބުރު ކަތިލައިގެން ނުވާނެ ކަމަށް މިއަދުގެ ޚުޠުބާގައި އިލްތިމާސްކޮށްފައިވެއެވެ. އަދި އެކަކު އަނެކަކުގެ ޢިއްޒަތާއި، ކަރާމަތަށް އަރައިގަނެގެން ނުވާނެ ކަމަށެވެ.

ދެބަސްވުމުގެ އަދަބުތަކާ ގުޅޭ ގޮތުން މިއަދު ގެނެސްފައިވާ ޚުޠުބާގައި ވަނީ އިސްލާމީ ތާރީޚުން ފެނިފައިވާ ޢަދަދު ނުކުރެވޭހައި ގިނަ މިސާލުތަކުން އަހަރުމެންނަށް މުސްލިމުންނަކީ ޚިޔާލު ފާޅުކުރުމުގެ ރިވެތި އުޞޫލުތަކުގައި ހިފަހައްޓައިގެން މީސްތަކުންނާ މުޢާމަލާތުކޮށްފައިވާ ބައެއްކަން އެނގޭ ކަމަށް ބަޔާންކޮށްފައެވެ.
އެގޮތުން ދީނީ އިލްމުވެރިން ވަނީ އެކަން އަމަލީ މައިދާނުގައި ދައްކަވައިދެއްވާފައި ކަމަށާއި، މުސްލިމުން ޖަދަލު ކުރަންވާނީ، މާތް ﷲ ގެ ވަޖްހުފުޅަށްޓަކައި، ޙައްޤަށް ވާޞިލުވުމަށް ކަމަށާއި، ރައުޔު ތަފާތުވުމުގެ ސަބަބުން އަހުރެމެންގެ އެކުވެރިކަމުގައި ރެނދު އެޅުނަދީގެން ނުވާނެ ކަމަށް މިއަދުގެ ޚުޠުބާގައި ބަޔާންކޮށްފައިވެއެވެ.
އެގޮތުން އެކުވެރީންނާއި، މުވައްޒަފުންނާއި، ގާތްތިމާގެ މީހުންނާއެކު ވާހަކަދައްކާއިރު، ނުވަތަ މައްސަލައަކާ ބެހޭގޮތުން ބަހުސްކުރާއިރު، މި ރިވެތި އަދަބަށް ތަބާވާން ޖެހޭނެ ކަމަށާއި، އަހަރެމްނެނާއި ޚިޔާލު ތަފާތުވާ ކޮންމެ މީހަކު ކާފިރުކޮށްގެން ނުވާނެ ކަމަށްވެސް މިއަދުގެ ޚުޠުބާގައި ބުނެފައިވެއެވެ. އަދި ދެބަސްވާ ކޮންމެ މީހަކު މުޖްރިމަކަށް ހަދައިގެން ނުވާނެ ކަމަށެވެ.
ދީނީ މައްސަލައެއްގައި ބަހުސްކުރާނަމަ، އެ މައްސަލައަކާ ބެހޭ ގޮތުން އިލްމުވެރީންގެ ރައުޔުތަކާއި، ހުއްޖަތްތަކުގެ އަލީގައި މެނުވީ ޖަދަލުތައް ކުރިއަށް ގެންގޮސް ނުވާނެ ކަމަށާއި، މައްސަލައެއްގައި އިލްމުވެރީން ދެބަސްވެވަޑައިގެންފައިވާ ނަމަ، އެއިން ކޮންމެ ބޭކަލެއްގެ ރައުޔަށްވެސް އިހްތިރާމް ކުރަންވާނެ ކަމަށް މިއަދުގެ ޚުޠުބާގައި ބުނެފައިވެއެވެ. އަދި އެއިން އެއްވެސް ބޭކަލަކަށް ކުޑައިމީސް ބަހެއް ބުނެގެން ނުވާނެ ކަމަށެވެ.
އަހަރުމެންނަކީ ވެރީން ކަމުގައިވިޔަސް، ރައްޔިތުން ކަމުގައި ވިޔަސް، ތަފާތު ޕާޓީތަކުގެ މީހުން ކަމުގައިވިޔަސް، ތަފާތު ޖަމާއަތްތަކުގެ މެމްބަރުން ކަމުގައިވިޔަސް، ދީނީ އިލްމުވެރިންނާއި މުދައްރިސުން ކަމުގައިވިޔަސް، ދަރިވަރުން ކަމަށްވިޔަސް، އަދި އަންހެނުންނާއި ފިރިހެނުން ކަމުގައިވިޔަސް ގައުމުގެ މަސްލަހަތާއި މުޖުތަމައުގެ ލާބައަށް އިސްކަންދޭން ޖެހޭނެ ކަމަށްވެސް މިއަދުގެ ޚުޠުބާގައި ބަޔާންކޮށްފައިވެއެވެ.
މިއަދުގެ ޚުޠުބާގައިވަނީ، އަހަރުމެން ތަބާވާން ޖެހޭނީ އިސްލާމީ އަދަބުތަކަށާއި ސުލޫކަށް ކަމަށާއި، މިއަދު އަހުރެމެންނަށް އަހުރެމެންގެ އަޚުންނާއި، އުޚްތުން މީސްމީޑިއާގައި އެކި މައްސަލަތަކުގައި ޚިޔާލުތަފާތުވެ އެއްބަޔަކު އަނެއް ބަޔަކަށް ހަޑިހުތުރު ބަހުން ރައްދުދީ އަރާރުންވުމާއި، ޒުވާބުކޮށް އަދަބު ކުޑަކޮށް މީހުންގެ އަބުރަށާއި އިއްޒަތުއްނަފްސަށް އަރައިގަތުން ފަދަ ކަންކަމުން ދުރުހެލިވުމަށް އިލްތިމާސްކޮށްފައެވެ.
ގުޅުންހުރި

ކޮންމެ އިންސާނަކީވެސް އެމީހަކު ކުރާ ކަންތައްތަކަށް މަސްއޫލުވާން ޖެހޭ މީހެއް - ޚުޠުބާ

ނަމާދަކީ ހިތަށް ހަމަޖެހުން ލިބި، ކަންބޮޑުވުމާއި ހާސްވުމުން ސަލާމަތްކޮށްދޭ އަޅުކަމެއް - ޚުޠުބާ

އަހަރެމެންނަކީ ދުނިޔޭގެ ޒީނަތްތެރިކަމުގެ އަވާގައިޖެހި އާޚިރަތް ހަނދުމަނެތިކުރާ ބަޔަކަށް ވެގެން ނުވާނެ - ޚުޠުބާ
