logoEN
ޕީއެންސީ 2
ވަކި ބަހަކުން ޚުޠުބާ ދިނުމަކީ މައްސަލައެއްތޯ؟

ވަކި ބަހަކުން ޚުޠުބާ ދިނުމަކީ މައްސަލައެއްތޯ؟

# ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު

ސަލްމާން މިސްކިތް

ވަކި ބަހަކުން ޚުޠުބާ ކިއުމަކީ ދީނީ ގޮތުން ލާޒިމު ކަމެއްނޫނެވެ. ކޮންމެ ބަހަކީ ވެސް މުޢުތަބަރު ބަހެކެވެ. އަދި އިސްލާމީ ޤައުމެއްގައި، އެޤައުމުގެ ރައްޔިތަކަށް ނުވާ އެހެން ޢާލިމަކު ވަޑައިގެން ޢަރަބި ބަހުން ނުވަރަ އިނގިރޭސި ބަހުން ޚުޠުބާ ދިނުމަކީ ވެސް މައްސަލައެއް ނޫނެވެ. ދީނީ ނަޒަރުން ބަލާއިރު ކޮންމެ ބަހަކުން ވެސް ޚުޠުބާ ކިއިދާނެއެވެ.

ޝަރީ 2024

ރާއްޖޭގެ ދާޚިލީ މަޞްލަޙަތަށް ބަލާއިރު، އަޅުގަނޑުގެ ނަޒަރުގައި ރާއްޖޭގެ ޤައުމީ ބަހުން ރާއްޖޭގެ ކަންކޮޅުތަކުގައި ޚުޠުބާ ކިޔާގޮތަށް ޒަމާނުއްސުރެ އޮންނަ އޮތުމަކީ މުޅި ޤައުމުގެ މަޞްލަޙަތައްޓައި ކަނޑައެޅިފައިވާ ރަނގަޅުކަމެކެވެ. އެއީ ޤައުމީ މަޞްލަޙަތު ވަރަށް ބޮޑަށް ހިމެނޭ ކަމެކެވެ. ރާއްޖެއަކީ ބަހުރުވަ ގިނަ ޤައުމަކަށް ވެފަ ކޮންމެ ބަހަކުން ޚުޠުބާއެއް ތައްޔާރުކުރުމަކީ ފަސޭހަކަމަކަށް ނުވެދާނެއެވެ. ހުރިހާ ސަރަޙައްދެއްގައި އެފެންވަރުގެ ޢިލްމުވެރިންނެއް ވެސް ނެތެވެ. ބަހުރުވައިގެ ތަފާތު ވެސް ބޮޑެވެ. މިސާލަކަށް އައްޑޫ ބަހުރުވައާއި ފުވަށްމުލަށް ބަހުރުވަ ތަފާތުވާއިރު، ހުވަދު އަތޮޅުގެ ބަހުރުވަ ވެސް ތަފާތެވެ. އަދި ކިއެއްތޯއެވެ؟ ހުވަދު އަތޮޅުގެ އެކި ރަށްރަށުގެ ބަހުރުވަ ވެސް އެއް ރަށާއި އަނެއް ރަށާއި ތަފާތެވެ. އަދި ރާއްޖޭގެ އެހެން ސަރަޙައްދުތަކުގައި ވެސް މިކަންކަން އޮތީ ހަމަ މިހެންނެވެ. ދިވެހިން އެއްބައިވަންތަ ކުރުވާ ތިން އަސާސުން ކުރެ އެއް އަސާސަކީ ޤައުމީ ބަހެވެ.

ޚުޠުބާ ފިޔަވައި އެހެނިހެން ކަންކަމުގައި އެރަށެއްގެ އަމިއްލަ ބަހުރުވަ ނުވަތަ އެ ސިޓީއެއްގެ ނުވަތަ އެ ސަރަޙައްދެއްގެ ބަހުރުވަ ރަސްމީކޮށް ވެސް ބޭނުން ކުރުމަކީ މައްސަލައެއް ކަމަށް ނުދެކެމެވެ. ނަމަވެސް ޚުޠުބާއަކީ މުޅި ދިވެހި އުންމަތް ފިކުރީ ގޮތުންނާއި ބަހަވީ ގޮތުންނާއި ޘަޤާފީ ގޮތުންނާއި ދީނީ ގޮތުން އެއްބައިވަންތަ ކުރުވާ އިޖުތިމާއީ، އަދި ދީނީ އަސާސެއްކަމުން ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް، ޤައުމީ ބަހުން ޚުޠުބާ ކިއުމަކީ ޤައުމީ މަޞްލަޙަތު އޮތް ކަމެއް ކަމުގައި ދެކެމެވެ.

ހުކުރު ޚުޠުބާއާއި ދެ ޢީދުގެ ޚުޠުބާ ފަދަ ކަންކަން ވަކި އުޞޫލެއްގެ ދަށުން ގެންދިއުމަށް ދައުލަތުގައި ކަނޑައެޅިފައި އޮތުމަކީ މުހިންމު ކަމެކެވެ. ޚުޠުބާއަކީ ޤައުމީ ސަލާމަތާއި ވަޙުދަތާ ގުޅޭ އެއްޗެއްކަމުން ފަސޭހަގޮތަކަށް ޚުޠުބާތަކަށް ކުޅެން ފުރުޞަތު އޮވެގެން ނުވާނެއެވެ. އެގޮތައް ހުޅުވާލައިފި ނަމަ، ރާއްޖޭގެ ޙާލަތު އޮތް ގޮތުން ދީނީ ތަފާތު ފިކުރުތަކާއި ޒާތީ މަޞްލަޙަތާއި ސިޔާސީ ބޭނުމަށް ޚުޠުބާ ބޭނުންކުރުމުގެ ފުރުޞަތު އޮންނާނެކަމަށް ބެލެވެއެވެ. ޚުޠުބާއަކީ ޤައުމީ ވަޙުދަތު ދެމެހެއްޓުމުގެ މުހިންމު އަސާސެކެވެ.

މިއީ ޚިޔާލު ކަމުގައި ވިޔަސް، ލާމަރުކަޒީ ގޮތުން ރާއްޖޭގެ އަތޮޅުތައް ތަރައްޤީވެ ކޮންމެ އަތޮޅެއްގައި ދީނީ އިދާރާއެއް ޤާއިމުވެ، އެ އިދާރާއެއްގެ ބެލުމުގެ ދަށުން އެ އަތޮޅެއްގެ އަމިއްލަ ބަހުރުވައިން ޚުޠުބާތައް ލިޔެ ތައްޔާރު ކުރެވޭ ހިސާބަށް ކަންކަން ތަރައްޤީވެގެން ހިގައްޖެ ނަމަ، އެބައެއްގެ އަމިއްލަ ބަހުރުވައިން ޚުޠުބާ ލިއުމާއި ކިޔުމަކީ އެއްވެސް މައްސަލައެއް ކަމަށް ނުދެކެމެވެ. ވިސްނުމަކީ ހަރުދަނާ މިންގަނޑެއްގެ ތެރޭގައި މިފަދަ ޙައްސާސް ދީނީ އަސާސެއް ރައްކާތެރި ކުރެވިފައި އޮތުމެވެ. މިއީ މިކަމުގައި އަޅުގަނޑުގެ އަމިއްލަ ފަރުދީ ރައުޔެކެވެ.

އެޑިޓަރުގެ ނޯޓު: މިއީ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ލިއުމެކެވެ. މި ލިއުން ގާފު އޮންލައިންގައި ގެނެސްދީފައި މިވަނީ އެއްވެސް އުނިއިތުރުކުމެއް ނެތި އެވެ.
މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ