
UN0574452 (1)
އިސްލާމްދީނުގައި މުދަލު ޒަކާތް ފަރުޟުކުރައްވައިފައި ވަނީ ވަރަށް މަތިވެރި ޙިކުމަތަކަށް ޓަކައެވެ. ޒަކާތަކީ މުޖުތަމަޢުގައި އިޖުތިމާޢީ ޢަދާލަތު ޤާއިމުކޮށް ފަޤީރުކަން ނައްތައިލާނެ މާލީ ނިޒާމެކެވެ. މުދަލުން ޒަކާތް ނެރުމަކީ އިސްލާމްދީނުގެ ތިންވަނަ ރުކުނެވެ. ޒަކާތުގެ މައުޟޫޢަކީ ވަރަށް ޝައުޤުވެރި މައުޟޫޢެކެވެ.

އިސްލާމީ ޔުނިވަރސިޓީތަކާއި އިސްލާމީ މާލީ މުއައްސަސާތަކުން ޒަކާތާ ބެހޭ ގޮތުން ޢިލްމީ ދިރާސާތައް ކުރަމުން ދެއެވެ. ބައިނަލްއަޤުވާމީ ފެންވަރުގައި މަހާސިންތާތައް ބާއްވައި ޒަކާތުގެ ފުރިހަމަ އިދާރީ، މާލީ ނިޒާމެއް މި ޒަމާނުގައި ޤާއިމު ކުރާނޭ ގޮތްތަކާ މެދު އިސްލާމީ ދަންނަބޭކަލުންގެ މެދުގައި ޢިލްމީ ބަހުސްތައް ކުރަމުން ދެއެވެ.
މި ގޮތުން ބަޙުޘްކުރެވޭ އެއް ސަބަބަކީ؛ އިސްލާމީ، ފިޤުހީ އިޖުތިހާދުގެ އަލީގައި، މި ޒަމާނުގެ ޙާޖަތްތަކަށް ބަލައި ޒަކާތުގެ ބެހެނިވެރިންނަށް ހޭދަކުރުމުގެ ދާއިރާތައް ފުޅާކުރެވެން އޮތް އޮތުމެވެ. މި ފޮތުގައި ހިމަނައިފައި މި ވަނީ މުދަލު ޒަކާތުގެ ބެހެނިވެރިންނާ ގުޅޭ ގޮތުން ފިޤުހީ މަޝްހޫރު ހަތަރު މަޒުހަބުގެ ދަންނަބޭކަލުންގެ ރައުޔުތަކާއި، ދިވެހި ރާއްޖޭގައި މުދަލު ޒަކާތް ނަގައި ބެހުމުގައި ޢަމަލު ކުރަމުން އައި ގޮތާއި، މުދަލު ޒަކާތް ބެހުމުގައި ރާއްޖޭގައި ޢަމަލުކުރަން ފެންނަ ގޮތާއި ޒަކާތުގެ ނިޒާމު ހަރުދަނާކުރާން އަޅުގަނޑަށް ފެންނަ ބައެއް ޚިޔާލުތަކެވެ. މީގެ އިތުރަށް ޒަކާތާ ބެހޭ ޤާނޫނެއްގެ ތަޞައްވުރެއް ވެސް ފޮތުގައި ހިމަނައިފައިވާނެއެވެ.
މި އެންމެހާ ހުށައެޅުންތަކަކީ ވެސް އިންޓަރނޭޝަނަލް އިސްލާމީ ފިޤުހު އެކެޑަމީތަކާއި ފަތުވާ ކައުންސިލްތަކާއި ޒަކާތާ ބެހޭ އިސްލާމީ ދިރާސާތަކާއި ބައިނަލްއަޤުވާމީ މަހާސިންތާތަކުގެ ނިންމުންތަކުގެ އަލީގައި ހުށައަޅައިފައިވާ ހުށައެޅުންތަކެކެވެ. މި ޒަމާނުގެ ފިޤުހީ ހަމަތަކާއި ޤަވާޢިދުތަކުގެ އަލީގައި ދިވެހިރާއްޖޭގެ ޒަކާތު ފަންޑު ތަރައްޤީކޮށް ޒަކާތުގެ ހަރުދަނާ މާލީ ނިޒާމެއް ޤާއިމުކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ދެކެމެވެ.
މި ޒަމާނުގެ ޒަކާތާ ބެހޭ ކަންކަން ތަރައްޤީކުރުމުގައި އިސްލާމީ ފިޤުހުވެރިން ހުށަހަޅައިފައިވާ ފިޤުހީ އުޞޫލުތަކާއި ނަޒަރިއްޔާތައް ދިވެހިރާއްޖޭގެ ކަމާ ބެހޭ ފަރާތްތަކާއި ބާޙިޘުންނަށް އެނގުމަކީ ދިވެހިރާއްޖޭގައި ޒަކާތުގެ ނިޒާމު ހަރުދަނާކުރުމަށް ޓަކައި ކުރަމުން އަންނަ މަސައްކަތްތަކަށް ލިބޭނެ ވަރަށް ބޮޑު ބާރެއްކަމުގައި ދެކޭތީވެ، މި ފޮތް ޝާއިޢުކުރުމުގެ އުފާ ލިބިގަންނަމެވެ. ވަރަށް ބުރަކޮށް އުޅުއްވަމުންވެސް ވަރަށް ދީލަތިގޮތެއްގައި މިފޮތުގެ ދިވެހި ބަސްމަގު ބައްލަވާލައްވައި އިޞްލާޙުކުރަންޖެހޭ ކަންކަން އިޞްލާޙުކުރައްވައި ދެއްވި ފުރިހަމަ އިރުޝާދުތަކަށް ޓަކައި ދިވެހި ބަހުގެއެކެޑަމީގެ ކުރީގެ ރައީސް އަޅުގަނޑުގެ ނުހަނު ލޮބުވެތި އަޚު އުސްތާޛު އަޝްރަފް ޢަލީއަށް ނުހަނު އިޚުލާޞްތެރިކަމާ އެކު ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަމެވެ.
މީގެ އިތުރުން ފޮތުގެ ކަވަރު ހައްދަވާދެއްވި ޢަބްދުﷲ ޝަފީޢު ( އަބޯ) އާއި، ލޭއައުޓް ހައްދަވާ ދެއްވި ޢަބްދުﷲ ޙުމައިދާއި ފޮތް ސްޕޮންސަރ ކުރެއްވި މޯލްޑިވްސް އިސްލާމިކް ބޭންކު ( އެމްއައިބީ) އާއި، ފޮތް ޕަބްލިޝްކުރުމުގެ މަސައްކަތް ވިލަރެސްކުރެއްވި އަޅުގަނޑުގެ އަޚު ޢަލީ އަޙުސަންނާއި، މިފަދަ ޢިލްމީ ކަންކަމުގައި އަބަދުވެސް ހެޔޮ ލަފައާއި އިރުޝާދު ދެއްވަމުންގެންދަވާ، އައިއޯސީސީގެ އިސްލާމިކް އެޑްވައިޒަރީ ކައުންސިލްގެ ރައީސް، ފަޟީލަތުއްޝައިޚު މުޙައްމަދު ލަޠީފާއި، އިލްމު އިންސްޓިޓިއުޓްގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އަލްއުސްތާޛު މުޙައްމަދު ފިރުޒުލްއަށް ވެސް ޝުކުރު ދަންނަވަމެވެ.
މި ފޮތް މާތް ﷲ އިރާދަކުރެއްވިއްޔާ އިލްމު އިންސްޓިޓިއުޓުން ގަންނަން ލިބޭނެއެވެ. މިފޮތް ޕަބްލިޝްކުރީ އައިއޯސީސީ ޕަބްލިޝަރ އިންނެވެ. މި ފޮތަކީ އައިއޯސީސީ އިން އުފައްދާފައިވާ އިސްލާމިކް ސޯޝަލް ފަންޑަށް ވަޤުފު ކޮށްފައިވާ ފޮތެވެ. މި ފަންޑަކީ ކީރިތި ޤުރުއާނާއި އިސްލާމީ ތަޢުލީމާއި ތަރުބިޔަތާ ގުޅޭ ކަންކަމުގައި ޚަރަދު ކުރުމަށް ޚާއްޞަކޮށް ޤާއިމު ކޮށްފައިވާ ފަންޑެކެވެ. މާތް ﷲ އިރާދަކުރެއްވިއްޔާ މިއަހަރުގައި އަޅުގަނޑުގެ 8 ފޮތް ނިކުންނާނެއެވެ. ހުރިހާ ފޮތްތައް ވެސް ވަނީ ޗާޕުގެ މަރުޙަލާގައެވެ.