"އޭ ނަސީބާއޭ މަގޭ ޝާޢިރެއް ނަމައީ އިނގޭ,
އަމުނައި ޣަޒަލް ލޯބިން ހަދައިލައިގެން…"
މިއީ ދިވެހިންގެ ހިތްތަކާއި ގުޅިފައިވާ ހިތްގައިމު، ރީތި ޅެމެކެވެ. ޒަމާންތަކެއްގެ ކުރިން ހަދާފައި ވީނަމަވެސް އަދިވެސް ފަނޑުވުމެއް ނެތް އަދަބީ ފެންވަރު މޮޅު ޅެމެކެވެ. މިޅެން މަޝްހޫރުވެ ދިވެހިންގެ ހިތްތަކުގައި އެންމެ ފުރަތަމަ ބިންވަޅު ނެގިގެން ދިޔައީ ކުރީގެ މަޝްހޫރު އޮލިމްޕިއަންސް މިޔުޒިކް ގްރޫޕުގައި ލަވަކިޔުންތެރިޔާ ހަމްދީގެ ރީތި އަޑުން ކިޔާފައިވާ ލަވަ (އާކުއްޖެކޭ ދަސްވީފަހުން) މިލަވައިންނެވެ. އަދި ދެވަނަ ފަހަރަކަށް މިޅެން ދިވެހިންގެ ހިތްތަށް އަތުލީ، ވާހަނދާނަކުން 3 ގެ ޝޯ ގައި ކުޑަ އިއްބެގެ ހިތްގައިމު އަޑުން ކިޔާފައިވާ ޒަމާނީ ރިމިކްސް ލަވައިންނެވެ.
ޖީލުތަކަކަށް ދިވެހިންގެ ހިތްތަކުން ޚާއްސަ މަޤާމެއް ދެވިފައިވާ ލޯބީގެ މިރީތި ޅެން ހައްދަވާފާ ފަރާތަށް މިހާ ހިސާބުން ބަލައިލާނަމެވެ. މިރީތި ހިތްޤައިމު ޅެން އަހަރަމެންނާއި ހަމަޔަށް ގެނެސްދެއްވި ފަރާތަކީވެސް އެހާމެ ޚާއްސަ ފަރާތެކެވެ. މިފަރާތަކީވެސް ތަފާތު އެތަށް ދިވެހި ދަރިންގެ ލޯތްބާއި އިޙްތިރާމް ހޯއްދަވައިގެން ހުންނެވި ފަރާތެކެވެ. މިގޮތުން މިޅެން ހައްދަވާފައިވަނީ ނިޝާން ޢިއްޒުންދީންގެ ޢިއްޒަތުގެ ވެރިކަން ދިވެހި ދަޢުލަތުން އަރުވާފައިވާ ހ. އާމުލީގޭ، އަބްދުﷲ ޞާދިޤެވެ. އަބްދުﷲ ޞާދިޤް ގިނަ ދިވެހިންގެ މެދުގައި މަޝްހޫރުވެފައި ވަނީ ޞޯދުބޭގެ ނަމުންނެވެ.
ޢަބްދުﷲ ޞާދިޤަކީ، ސަރުކާރަށް ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވުމުގެ އިތުރުން ދިވެހި ޅެންވެރިންގެ އެންމެ އިސް ސަފުގައި ގުނާލެވޭ މަޝްހޫރު ޝާޢިރެކެވެ. ތަފާތު މައުޟޫޢުތަކަށް ފަސޭހަކަމާއެކު ޅެން ހައްދަވައެވެ. ޞާދިޤުގެ ޤައުމީ، އިޖުތިމާޢީ އަދި ލޯބީގެ ލަވަތަކީ މަޝްހޫރު އަދި ޅެންވެރިކަމުގެ ފެންވަރު ރަނގަޅު ލަވަތަކެކެވެ.
ފާއިތުވީ ޖެނުއަރީ 11، ހޯމަދުވަހު ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަލްފާޟިލް އަޝްރަފް އަލީ އެބޭފުޅާގެ ފޭސްބުކް ސްޓޭޓަސްގައި މިޅެމުގެ ބަޔެއް ލިޔުއްވައި، ޞޯދުބޭގެ އުފަންދުވަސް ފާހަގަކޮށްފައިވާއިރު "ވަރަށް ލޯބިވޭ" މިހޭޝްޓެގް ބޭނުންކޮށްފައިވެއެވެ. އަދި އަޝްރަފް ގެ އަމިއްލަ އަޑުފުޅުން މިލަވައިގެ ތަންކޮޅެއް ވިދާޅުވެ، އިތުރު ބޭފުޅުންނާއި ޞޯދުބެއާއި އެކު ޞޯދުބޭގެ އުފަންދުވަހުގެ ކޭކް ފަޅާ މަންޒަރު ދަށްކުވައިދޭ ވީޑިއޯއެއް ފޭސްބުކް އެކައުންޓުގައި ޝެއަރކޮށްފައި ވެއެވެ. އަދީ ސްޓޭޓަސްގައި މިފަދައިން ލިޔުއްވާފައިވެއެވެ.
" ލޮބުވެތި މުދައްރިސް، ނޢޢވ، ޕްރޮފެސަރު ޢަބްދުﷲ ޞާދިޤުގެ އުފަންދުވަހުގެ ހެޔޮ އެދުންތައް ނުހަނު ލޯތްބާއި އިހުތިރާމާ އެކު އަރިސްކުރަމެވެ. ތިޔައީ އެފަދަ ދެވަނައެއް ނެތް ލާމަސީލު މުދައްރިސެވެ. ވަރަށް ލޯބިވޭ"
https://www.facebook.com/1373570136/videos/10224414214727621/
ލޯބިވާ މުދައްރިސްގެ އުފަންދުވަސް ފާހަގަކޮށްފައިވަނީ ވަރަށްވެސް ތަފާތު ގޮތަކަށެވެ. ސޯޝަލް މީޑިޔާގައި އަޝްރަފްގެ މިސްޓޭޓަސް ވަރަށް ގިނަ އަދަދެއްގެ ބަޔަކު ޝެއަރކޮށްފައި ވާއިރު، ޞޯދުބޭގެ އެތަކެއް ދަރިވަރުންނެއް އުފަންދުވަހުގެ ތަހުނިޔާ ޞޯދުބެޔަށް ކިޔައި މި ސްޓޭޓަސް އަށް ކޮމެންޓް ކޮށްފައިވެއެވެ.
ޞޯދުބެޔަކީ މިޤައުމަށް ގިނަގުނަ ޚިދުމަތް ކޮށްފައިވާ، ގިނައަދެދެއްގެ ބޭފުޅުންނަށް ތަޢުލީމު އުނގަންނަވައި ދެއްވި ކުޅަދާނަ މުދައްރިސެކެވެ. ނޢޢވ އަބްދުﷲ ޞޯދިޤް ދިވެހި ބަހާއި ދިވެހި އަދަބިއްޔާތަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވެއެވެ.